ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކޮށްލެއްވުމުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީނުގެ ރައީސަށް ވަރަށްހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޢައްބާހަށް، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މަޙްމޫދު ޢައްބާސްގެ ވާހަކަފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުންނަށް، ދިވެހި ސަރުކާރުން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނާމެދު ދިވެހި ސަރުކާރާއި ރައްޔިތުން ބަހައްޓަވަމުން ގެންދަވާ ގާތް އަޚްވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމަށް، ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މާލޭ ރަސްމީ ފާލަމުން ހޫނު މަރްޙަބާއެއް ދެންނެވިއެވެ. އަދި ޘަޤާފީ ކުޅިވަރުގެ އައިޓަމެއް ރައީސް ޢައްބާސް ބައްލަވާލެއްވިއެވެ.

ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން، އެމަނިކުފާނާ އިސްތިޤްބާލު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި، ރައީސް ޢައްބާސް ސޮއިކުރެއްވިއެވެ.