بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين

ސާނަވީ މަރްޙަލާ ނިންމާ އިމްތިޙާނުން މަތީ ކާމިޔާބީތައް ހޯދި ދަރިވަރުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސްކޫލުތަކުގެ ޕްރިންސިޕަލުން، ސްކޫލު ބޯޑުތަކާ ޕީޓީއޭ ގެ މެމްބަރުން، ސްކޫލުތަކުގެ ހީވާގި ޓީޗަރުން، ޢިއްޒަތްތެރި ބެލެނިވެރިން، ލޮބުވެތި ކިޔަވާކުދިން، އަދި މިޖަލްސާ ދުރާ ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި އުޚުތުންނާއި އަޚުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މީގެ ކުޑަ އިރުކޮޅެއްކުރިން، އަޅުގަނޑުމެނަށް ހާމެވެގެން އެދިޔައީ 2011 ވަނަ އަހަރު ރާއްޖޭގެ ސްކޫލު ތަޢުލީމުގެ ދަށު ސާނަވީ މަރުޙަލާ ނިންމި އިމްތިޙާނުން، ދަރިވަރުން ހޯދި ފުރިހަމަ ކާމިޔާބީތައް. ވޭތުވެދިޔަ އަހަރު ރާއްޖޭގެ 66 ސްކޫލަކުން 378 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނި، 33 ދަރިވަރަކު ދުނިޔޭގެ ގަދަ 10 ގައި ހިމެނުނު ކަމީ އަޅުގަނޑުމެން އެކަމާ ނުހަނު އުފާކުރާކަމެއް. ހަމައެއާއެކު ހުރިހާ މާއްދާއަކުން "އޭ" ގްރޭޑް ހޯދައިގެން 46 ދަރިވަރަކު އެއްވަނަ ޙާޞިލުކޮށްފައިވާކަން އެއީވެސް އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް. އަދި ވޭތުވެދިޔަ އަހަރު ސްކޫލު ނިންމި އިމްތިޙާނުގައި ބައިވެރިވި ދަރިވަރުން، 5 މާއްދާއިން ފާސްވި ނިސްބަތް 37 އިންސައްތަޔަށް މަތިވުމަކީ، ރާއްޖޭގެ ސްކޫލު ތަޢުލީމަށް ހެޔޮބަދަލުތައް އަންނަމުންދާކަމުގެ ރަނގަޅު ފާލެއް.

މިފަދަ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް، އިނާމާއި ދަރަޖަ ދިނުމުގެ މިޚާއްޞަ ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، މިރޭ، ވަރަށް ފަޚުރުވެރި ރަންވަނަތަކެއް ޙާޞިލުކުރި ޝަރަފުވެރި ދަރިވަރުންނަށް، އެ ދަރިވަރުން ހޯދި މަތިވެރި ކާމިޔާބީއަށްޓަކައި ތަހުނިޔާއާއި މުބާރަކުބާދު އަދާކުރުން. އަދި، ހަމައެހެން، އެކުދިންނަށް މި ވަނަތައް ޙާޞިލުކޮށްދެއްވުމަށް ބެލެނިވެރިން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން އަޅުގަނޑު ހަނދާންކޮށް އެހުރިހާ ބޭފުޅުންނަށްވެސް އައްސަރިބަހާއި ސާބަސް ދަންނަވަން.

ހަމަ މިނޭވާގައި، އެއްވެސް ވަރުބަލިފުޅުވުމެއްނެތި، ކިޔަވައިދެއްވުމާއި ނުހަނު ކެތްތެރިކަމާއި އަޅާލުމާއި ލޯތްބާއެކު، ކުދިންގެ އިޙުސާސްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގެން، ކުދިންނަށް ރަނގަޅު ތަޢުލީމަކާއި އެދެވޭ ތަރުބިއްޔަތެއް ދެއްވުމަށްޓަކައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއްކޮށްދެއްވި ހީވާގި މުދައްރިސުންނަށާއި ސްކޫލުތަކުގެ ވެރިންނަށް އަބަދާއަބަދު ޙައްޤުވާ ޝުކުރު މިރޭވެސް އަޅުގަނޑު ދަންނަވަން.

އަޅުގަނޑު ދެކޭގޮތުގައި ތަޢުލީމަކީ، ޤައުމެއްގެ އިޤްތިޞާދުގެ މައި ތަޅުދަނޑި. ތަޢުލީމަކީ، ޤައުމެއްގެ ތަރައްޤީގެ ނާރެސް. އެއީ، އިންސާނާގެ ފިކުރު ތަރައްޤީކޮށްދޭ އެއްމެ ބޮޑު ވަސީލަތް. އަދި، ތަޢުލީމަކީ، ޖަހާލަތު އަނދިރިން މުޅި އިންސާނިއްޔަތު ހިދާޔަތުގެ މަގަށް ނެރެދިން އަލިގަދަ ދަންމަރު.

މިކަމުގެ މުހިންމުކަން އެނގިތިބެ ރާއްޖޭގެ ރައްޔިތުން، ތަޢުލީމަށްޓަކައި ވަރަށް މަތިވެރި ޚިދުމަތްތަކަކާއި ހޭދަތަކެއް މި ދަނީ ކުރަމުން. މި ހުސްވި 2011 ވަނަ އަހަރު، މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔެވި 70400 ސްކޫލު ދަރިވަރުން ތަޢުލީމު ޙާޞިލުކުރުމަށް ދައުލަތުގެ ބަޖެޓުން 1.7 ބިލިޔަން ރުފިޔާ ޚަރަދު ކުރި. މިދަރިވަރުންނަށް ތަޢުލީމާ ތަރުބިއްޔަތު ފޯރުކޮށް ދިނުމަށް 6500 ޓީޗަރުންނާއި، 700 ލީޑިންގ ޓީޗަރުންނާއި، 60 ޕްރިންސިޕަލުންނާއި، 200 ޑެޕިއުޓީ ޕްރިންސިޕަލުން މަސައްކަތް ކުރެއްވި.

ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ އަގުވަޒަންކޮށް، ހިތްވަރު ލިބިގަތުމުގެ މިފަދަ މަޢުނަވީ މުނާސަބަތެއްގައި ސްކޫލްތަކުގައި މިއަދާހަމައަށް ތަޢުލީމު ދެމުން ދިޔަގޮތާއި މިއަދު ތަޢުލީމު ދޭންޖެހިފައިވާގޮތާމެދު އެއްޗެއް ދަންނަވާލުމަކީ، މުނާސަބުކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ދަރިވަރުން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިން ކުރަންޖެހޭ ކަމެއް ކަމަށް ދެކެ ތިބެ، ސްކޫލު ތަޢުލީމު މިވަނީ ދަރިވަރުން އިމްތިޙާނުތަކުން ފާސްވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުވައިދިނުމަށް ބައްޓަން ކުރެވިފައި. ތަރުބިއްޔަތާއި، ރިވެތި ސިފަތަކާއި، މަސައްކަތުގެ ހުނަރާ ނުލައި، ކުދިންގެ ސިކުޑިތަކަށް މަޢުލޫމާތު ފޯރުވައިދިނުމަށް. ނަތީޖާއެއްގެގޮތުން، މި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގެންފައިވާ ރިވެތި އަޚުލާޤާއި ސްލޫކީ ސިފަތަކަށް ސްކޫލު ކުދިން ބީރައްޓެހިވެ، ދިވެހިން ޒަމާނުއްސުރެ އެކަމަކަށް ފަޚުރުވެރިވާ، މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ގެއްލެމުން އެބަދޭ. އަދި ކީއްކުރަންތޯ! ތިމާގެ ޟަރޫރީ ބޭނުންތައް ފުއްދުމަށް ކޮންމެހެން ތިމާ ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައިވެސް މިއަދު އަޅުގަނޑުމެން މިވަނީ ލިބޭ މަދު ފައިސާކޮޅުން ބޭރު މީހުންނަށް މުސާރައަށް ދޭންޖެހިފައި.

ހިސާބުތައް ދައްކާ ގޮތުން ގާތްގަޑަކަށް ހަތާވީސްހާސް ދިވެހި ޒުވާނުން ވަޒީފާ ނެތިފައި އެބަތިބި. މިއީ މިކަހަލަ ކުޑަ އާބާދީއެއް އޮންނަ ޤައުމެއްގެ ނިސްބަތުން ވަރަށް ބޮޑު ޢަދަދެއް. ދިވެހިން މަސައްކަތަށް ނުނުކުތުމުގެ ނަތީޖާއަކީ، އަޅުގަނޑުމެންގެ ވަޒީފާތަކަށް ބިދޭސީން އައުން. މިހާރު މިރާއްޖޭގައި ގާތްގަނޑަކަށް 90 ހާހެއްހާ ބިދޭސީން މަސައްކަތުގައި އެބައުޅޭ. އެމީހުންގެ މުސާރައަށް އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޭރު ފައިސާ މި ޤައުމުން ބޭރަށް އެބަދޭ.

ހަމައެއާއެކު، ތަރުބިއްޔަތެއް ނެތި ސްކޫލު ނިންމާފައި ނުކުންނަ ކުދިން ގިނަވީވީހެން ތަފާތު މައްސަލަތަކުގައި ޖަލަށްދާ ޒުވާނުންވެސްދަނީ ގިނަވަމުން. ތަޅާފޮޅުމާއި މާރާމާރީ ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ސައްތައިންސައްތަ މުސްލިމު ޤައުމެއްކަމަށް ވެތިބެ، މިކުޑަކުޑަ ދިވެހިރާއްޖޭގައި މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައްވެސް ދަނީ އިތުރުވަމުން. ވުމާއެކު ދެވޭ ތަޢުލީމާއި ތަރުބިއްޔަތާއި ނިކުންނަ ނަތީޖާއާމެދު ފުންކޮށް ވިސްނައި، ހެޔޮ ބަދަލުތަކެއް ތަޢުލީމީ ނިޒާމަށް ގެންނަންވެއްޖެކަމުގެ އިންޒާރު މިއަދު މުޖުތަމަޢުގެ ބަލާލި ކޮންމެ ދިމާއަކުން ލިބެމުން އެބަދޭ.

މިދެންނެވި ސަބަބުތަކަށްޓަކައި ރާއްޖޭގެ ތަޢުލީމުގެ ފެންވަރު މަތިކޮށް، ސްކޫލުތަކުން ނުކުންނަ ދަރިވަރުންނަކީ މާތްވެގެންވާ އިސްލާމު ދީންދެކެ ލޯބިވާ، ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތާ، މީހުންނާއެކު އުޅެން ދަންނަ ބަޔަކަށް ހަދަންއެބަޖެހޭ. އަދި އެހެން ސަޤާފަތްތަކުގެ އަހުލުވެރިންނަށްވެސް އިޙުތިރާމުކުރާ، ދިރިއުޅުމުގެ މަސައްކަތްކުރުމަށް ބޭނުންވާ، ޢިލްމާއި ހުނަރު ލިބިފައިވާ، ޤައުމަށް ތެދުވެރި އިޚްލާޞްތެރި މުވާޠިނުންތަކެއް ކަމަށް ހެދުމަށް، އަޅުގަނޑުމެން އެންމެން މިވަނީ ބުރަމަސައްކަތްތަކެއް ކުރަން ޖެހިފައި.

މިގޮތުން ވަށާޖެހޭ ތަޢުލީމަށް މަގުފަހިވާގޮތަށް، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރެވޭ ހިނދު، އޭގެ ޙަޤީޤީ މާނައިގައި، ދަރިވަރުންނަށް ކްލާސްރޫމު ތެރޭގަޔާއި ސްކޫލުގެތެރޭގައި ދޭންޖެހޭ ފުރިހަމަ ވަގުތުދީ، ސްކޫލުތައް ހިންގުން ހަރުދަނާކުރުމުގައި ބެލެނިވެރިންގެ ދައުރު ފުޅާކޮށްދޭންއެބަޖެހޭ. އަދި ޕްރިންސިޕަލުންނާއި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، އެފަރާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ލިބޭނެ ގޮތް ތަނަވަސްކޮށްދީ، ކިޔަވައިދިނުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޙިމާޔަތްކޮށް ބެލޭނެ ނިޒާމެއް ޤާއިމުކުރަން އެބަޖެހޭ. ކިޔަވައިދޭ ޤައުމީ މަންހަޖު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށް، ޓެކްނޮލޮޖީގެ އާ ވަސީލަތްތައް ކްލާސްތަކަށް ލިބޭނެގޮތް ހަމަޖައްސައި، ކުދިންނާ ރައްޓެހި ސްކޫލު މަފްހޫމު ވީހާވެސް އަވަހަކަށް ތަޢާރުފުކޮށް ހިންގަން އެބަޖެހޭ.

އަޅުގަނޑު ޤަބޫލު ކުރާގޮތުގައި، ސްކޫލްތަކުން ދެވޭ ތަޢުލީމާ އެއްވަރަށް ކުދިން ތަރުބިއްޔަތު ކުރުމަށް މިއަދު މިވަނީ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހިފައި. އެހެންކަމުން، ސްކޫލު ނިޒާމުގެ ތެރެއަށް ތަރުބިއްޔަތުގެ ބައި ވައްދަން އެބަޖެހޭ. ކުދިންގެ ކިބައިގައި ތަރުބަވީ ރަނގަޅު ސިފަތަކާއި، ހަރުދަނާ އަޚުލާޤެއް އަށަގެންނެވުމަށްޓަކައި ވަރަށް ޙިކުމަތްތެރިކަމާއެކު، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ ތެރެއިން ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ އިޚްތިޔާރު ސްކޫލުތަކަށް ލިބިދޭން އެބަޖެހޭ.

ތަޢުލީމުގެ މާނައާމެދު މިހާރަށްވުރެ ބޮޑަށް ފިކުރުކޮށް، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ ސަބަބުން ވަށާޖެހިފައިވާ ތަޢުލީމެއް ކުދިންނަށް ލިބި، ރޫޙާނީ ތަރައްޤީއަށް ސަމާލުކަންދޭ، އުފާވެރި ވެށްޓެއްގައި، މިނިވަންކަމާއި ޞުލްޙަމަސަލަސްކަންމަތީ، ފާގަތި ދިރިއުޅުމެއް އުޅެވޭނެ ހަރުދަނާ ޒުވާނުންތަކެއް ރާއްޖޭގެ ސްކޫލު ތަޢުލީމުގެ ތެރެއިން ބައްޓަންކޮށް މުޖުތަމަޢަށް ނެރެން އެބަޖެހޭ.

މިދެންނެވިފަދަ މަޢުނަވީ ތަޢުލީމަކާއި ތަރުބިއްޔަތެއް ކުދިންނަށް ދެވޭނީ މިހާރަށްވުރެ ބޮޑަށް ބެލެނިވެރިންނާ މުދައްރިސުންނާއި ސްކޫލްތަކުގެ ވެރިން ގުޅިގެން މަސައްކަތް ކޮށްގެން. ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި ވަރަށް ސާފުސާދާ، ދެފުށް ފެންނަ ގުޅުމެއް އެފަރާތްތަކާއި އަދި ކުދިންނާ ދެމެދު އުފެދިގެން. ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް އެކުގައި ޙިއްޞާކޮށް، އެލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ސްކޫލްތަކުގެ ވެރިންނާއި، ޓީޗަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި ރަށުގެ ކަމުވޮށިގެންވާ ފަރާތްތައް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކޮށްގެން. ރަށުވާދައާއި އަވަށު ވާދައާއި ފިތުނައާއި ޙަސަދަވެރިކަމުން އަޅުގަނޑުމެން ދިރިއުޅެމުންދާ ވެށި ސަލާމަތްކޮށްގެން. ކުދިންނަށް ރަނގަޅު ނަމޫނާތަކެއް އަޅުގަނޑުމެން ބޮޑެތި މީހުން ދައްކައިގެން. ވުމާއެކު، މާދަމާގެ މުސްތަޤުބަލުކަމުގައިވާ މިއަދުގެ ކިޔަވާ ކުދިންނަށް ވަށާޖެހިފައިވާ ތަޢުލީމެއްދީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ތިޔަ އެންމެހާ އަޚުންނާއި އުޚުތުން، އަތާއަތް ގުޅާލައިގެން، ވަރަށް ވަރުގަދަ އިޖުތިމާޢީ ރޫޙެއްގައި މަސައްކަތްކޮށްދެއްވުމަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު މިރޭ އިލްތިމާސް ކުރަން.

މިއުފާވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރިންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރަނގަޅު ތަޢުލީމަކާއި އެދެވޭ ތަރުބިއްޔަތެއް ދިނުމަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތަށް ތައުފީޤު ދެއްވުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.