މާދަމާގެ މުސްތަޤުބަލް ކަމުގައިވާ މިއަދުގެ ކިޔަވާ ކުދިންނަށް ވަށާޖެހިފައިވާ ތަޢުލީމެއްދީ، ހަރުދަނާ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި އެންމެން އަތާއަތް ގުޅާލައްވައިގެން، ވަރަށް ވަރުގަދަ އިޖުތިމާޢީ ރޫޙެއްގައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިދިޔަ އަހަރުގެ ސާނަވީ ތައްލީމު ނިންމި އިމްތިޙާންތަކުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދެއްވުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްކޫލް ނިޒާމުގެ ތެރެއަށް ތަރުބިއްޔަތުގެ ބައި ވައްދަން އެބަޖެހޭކަން ފާހަގަކުރައްވަމުން، ކުދިންގެ ކިބައިގައި ތަރުބަވީ ރަނގަޅު ސިފަތަކާއި، ހަރުދަނާ އަޚުލާޤެއް އަށަގެންނެވުމަށްޓަކައި ވަރަށް ޙިކުމަތްތެރިކަމާއެކު، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ ތެރެއިން ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ އިޚްތިޔާރު ސްކޫލްތަކަށް ލިބިދޭން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ ސަބަބުން ވަށާޖެހިފައިވާ ތަޢުލީމެއް ކުދިންނަށް ލިބި، ރޫޙާނީ ތަރައްޤީއަށް ސަމާލުކަންދޭ، އުފާވެރި ވެށްޓެއްގައި، މިނިވަންކަމާއި ޞުލްޙަމަސަލަސްކަންމަތީ، ފާގަތި ދިރިއުޅުމެއް އުޅެވޭނެ ހަރުދަނާ ޒުވާނުންތަކެއް ރާއްޖޭގެ ސްކޫލް ތަޢުލީމުގެ ތެރެއިން ބައްޓަންކޮށް މުޖުތަމަޢަށް ނެރެން އެބަޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަޢުނަވީ ތަޢުލީމަކާއި ތަރުބިއްޔަތެއް ކުދިންނަށް ދެވޭނީ، މިހާރަށްވުރެ ބޮޑަށް ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލްތަކުގެ ވެރިން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި ވަރަށް ސާފުސާދާ، ދެފުށް ފެންނަ ގުޅުމެއް އެފަރާތްތަކާއި އަދި ކުދިންނާ ދެމެދު އުފެދި، ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް އެކުގައި ޙިއްޞާކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ސްކޫލްތަކުގެ ވެރިންނާއި، ޓީޗަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި ރަށުގެ ކަމުވޮށިގެންވާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރުބިއްޔަތުނެތި ސްކޫލް ނިންމާފައި ނުކުންނަ ކުދިން ގިނަވުމުން ނުކުންނަ ތަފާތު އިޖްތިމާޢީ މައްސަލަތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ދެވޭ ތަޢުލީމާއި ތަރުބިއްޔަތާއި ނުކުންނަ ނަތީޖާއާމެދު ފުންކޮށް ވިސްނައި، ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަންވެއްޖެކަމުގެ އިންޒާރު މިއަދު މުޖުތަމަޢުގެ ބަލާލި ކޮންމެ ދިމާއަކުން ލިބެމުން އެބަދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުޅި ދުނިޔެއިން 1 ވަނަ ޙާޞިލުކުރި 4 ދަރިވަރުންނަށް މިރޭގެ ޖަލްސާގައި އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އެ 4 ދަރިވަރުންނަކީ، ކޮމްޕިއުޓަރ ސްޓަޑީޒުން 1 ވަނަ ޙާޞިލްކުރި މަޖީދިއްޔާ ސްކޫލްގެ ދަރިވަރު ހެންވޭރު ލޭޑީބާރޑް އަޙްމަދު ޝައްފާން މުޙަންމަދާއި، ޓްރެވަލް އެންޑް ޓޫރިޒަމުން 1 ވަނަ ޙާޞިލްކުރި މަޖީދިއްޔާ ސްކޫލްގެ ދަރިވަރު މައްޗަންގޮޅި ރޯމިއޯ އަޙްމަދު ހިންދާމާއި، ބިޒްނަސް ސްޓަޑީޒުން 1 ވަނަ ޙާޞިލުކުރި ފުވައްމުލަކު އަތޮޅު ތަޢްލީމީ މަރުކަޒުގެ ދަރިވަރު އަމްރު މުޙަންމަދު ދީދީއާއި، އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖުން 1 ވަނަ ޙާޞިލުކުރި މުޙިއްބުއްދީން ސްކޫލްގެ ދަރިވަރު ހެންވޭރު ރީގަލްގޭ ފާޠިމަތު ސަނާ ޙަލީމެވެ.