ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ނިލަންދެ އަތޮޅު ދެކުނުބުރީ ވާނީ ކައުންސިލްގެ ބޭފުޅުންނާއި، ހދ. ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކިން އޮތް މިބައްދަލުކުރެއްވުންތަކުގައި، އެދެރަށުގެ ޙާލަތާއި، އެދެރަށުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.

ދ. ވާނީ ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމަށް ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތަކަށްޓަކައި ރަށު ކައުންސިލްގެ ނަމުގައާއި، ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ދ. ވާނީ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް، ބޯހިޔާވަހިކަން ނުވަތަ އިނާޔަތެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ހދ. ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާ ކުރެއްވިއެވެ. މިގޮތުން އެރަށު ވެލިގަނޑު ފައިބައިގެންދާތީ އެކަމުގެ ކަންބޮޑުވުން ވަފްދުގެ ބޭފުޅުން ފާޅުކުރެއްވިއެވެ. އަދި ހދ. އަތޮޅު ތަޢުލީމީ މަރްކަޒުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ވާނީއަށާއި ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމުގައި މިހާރުން މިހާރަށް އެޅުއްވެން ހުރި ފިޔަވަޅުތައް ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.