بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް މުޙަންމަދު ނާޒިމް، ހައިކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޔޫސުފް ޙުސައިން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙަންމަދު، ޖެނެރަލް އޮފިސަރުން، އޮފިސަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ ވާހަކަކޮޅާއިގެން ކުރިއަށް ދިޔުމުގެ ކުރިން، ފުރަތަމަވެސް މިއަދު، ސިފައިންގެ މި ޤާނޫނީ ހުވާކުރި ހުރިހާ ސިފައިންނަށް މަރްޙަބާއާއި ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން.

ސިފައިންނަކީ ޤައުމުގެ ވަރަށް މުހިންމު ބައެއް. އާދެ! ސިފައިންނަކީ ޤައުމުގެ ސިލްމާއި ސަލާމަތުގެ މައިބަދަ. ސިފައިންނަކީ ޤައުމުގެ މިނިވަންކަމުގެ އައްޑަނަ. ސިފައިންނަކީ ރައްޔިތުންގެ ޙިމާޔަތުގެ މައި ފާރު. މާތްﷲގެ ވާގިފުޅާއެކު، ދިވެހި ޢަސްކަރިއްޔާ އުފެދި، 119 އަހަރު ޚިދްމަތުގައި ފަހަނަޅައިގޮސް، 120 ވަނަ އަހަރު ފުރެން އެންމެ 5 ދުވަހަށްވެފައިވާއިރު، މިހިނގާދިޔަ ދިގު މުއްދަތުގައި ސިފައިންވަނީ އެކަން ކިތަންމެހާ ރަނގަޅަކަށްވެސް ހާމަކޮށްދީފައި. ސިފައިންނަށް އެފަދަ މުހިންމު މަޤާމެއްގައި ޤާއިމްވެ ތިބެވެނީ، ސިފައިން ކުރަމުން އަންނަ ޤާނޫނީ ހުވާގެ މުހިންމުކަމުން. ސިފައިންގެ ޤާނޫނީ ހުވާގައިވާ ބައިތަކުން ސިފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ރަނގަޅަށް ބަޔާންވޭ. ސިފައިންކުރާ ހުވާގެ ސަބަބުން، އެ ރައްޔިތުންނަށް އިތުބާރު ލިބިދޭ. އެ އިތުބާރުގެ ސަބަބުން ހަމަނިދި ނިދާލުމުގެ ޔަޤީންކަމެއް ރައްޔިތުންނަށް ލިބިދޭ. އެހެންކަމުން، ސިފައިންގެ ޤާނޫނީ ހުވާކުރާ ސިފައިންގެ ކޮންމެ މީހެއްގެ މައްޗަށް އެތައް ކަމެއް، އެތައް ޒިންމާއެއް ލާޒިމްވެގެންވާ ކަމަށް އަޅުގަނޑު ދެކެން.

ސިފައިން އަބަދުވެސް ދެމިތިބެންވާނީ، އަމާނާތްތެރިކަމާއެކު އެ ޒިންމާތައް އަދާކުރުންމަތީ. އެހެންކަމުން، ސިފައިންގެ ކޮންމެ ފަރުދަކުވެސް، ސިފައިންގެ ޤާނޫނީ ހުވައަށް އިޙްތިރާމް ކުރުމަށް އިލްތިމާސް ކުރަން. އަދި އެގޮތަށް ސިފައިން މިއަދު ބައްޓަން ކުރެވިގެންދާ ކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް އެބައޮތް. މިއަދު ތިޔަ ކުރެއްވި ހުވައާއެކު، ތިޔަ ބޭކަލުންނަށް ތިޔަ ނުކުންނެވުނީ، ޤައުމީ ޚިދްމަތުގެ އެންމެކުރީ ސަފަށް. މިއަދު ތިވަނީ ޤައުމީ ނަވަށްއަރައި ދަތުރު ފެށިފައި. މިދަތުރުގައި ކުރިއަށްދާއިރު، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވާންޖެހޭނީ، ޤައުމުދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމުގައި. ނަފްސާއި ޖިސްމުގައި، ޤައުމީ ލޯތްބާއި ރޫޙު އަށަގެންފައިވާ މީހެއް ކަމުގައި. މިއަދު ތިޔަ ބޭކަލުން ޤައުމީ ޚިދްމަތާ ކުރިމަތިލައްވައިގެން، ތިޔަ ތިއްބެވީ ވަރަށްވެސް މުހިންމު މަސްއޫލިއްޔަތެއް ކޮނޑުގައި އަޅުއްވައިގެން. ކުރިމަތިވާ ކޮންމެ ޙަމަލާއަކަށް، ކޮންމެ ކާރިޘާއަކަށް އަދި ކޮންމެ ޙާދިޘާއަކަށް ތައްޔާރަށް ތިބި ބަޔަކީ ޤައުމުގެ ފަޚްރުވެރި ސިފައިން. ޤައުމު، ސިފައިންނަށްޓަކައި ފަޚްރުވެރިވަނީ، ޤައުމުގެ އެހެން ހުރިހާ މުއައްސަސާތަކާ ޚިލާފަށް. ސިފައިންނަކީ އެމީހުން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި، ޤައުމަށް ލާބަހުރި ގޮތުގައި ކުރިމަތިލައި، ޤައުމަށް ފަޚްރާއި ރީތި ނަން ހޯދައިދިން ބަޔަކަށްވާތީ. ސިފައިންނަށް ކުރިމަތިލާންޖެހުނު ކޮންމެ ގޮންޖެހުމަކާ، ހުނަރުވެރިކަމާއި ވިސްނުންތެރިކަމާއެކު ކުރިމަތިލައި، ސިފައިން ޤައުމަށް ލާބަ ހޯދައިދޭތީ، ކޮންމެފަދަ ކަމެއް ކުރިމަތިވާ ހިނދެއްގައިވެސް ރައްޔިތުންގެ ދުލުން އެންމެ ފުރަތަމަވެސް ބުނެލެވެނީ، ސިފައިންގެ ވާހަކަ.

އެހެންކަމުން، މިއަދު ސިފައިންގެ ޚިދްމަތަށް ތިޔަ ނުކުތް ޒުވާނުންގެ ޚިދްމަތް ޤައުމަށް ނުހަނު ބޭނުންވާ ވާހަކަ، މި ފިޔަވަޅުމަތީގައި ހުރެ އަޅުގަނޑު ދަންނަވަން. އަދި ތިޔަ ބޭކަލުން ތިޔަ ތިއްބެވީ، ޤައުމަށްޓަކައި ވާންޖެހޭ ކޮންމެ ޤުރްބާނީއެއްވުމަށް ތައްޔާރަށްކަން އަޅުގަނޑު ޔަޤީންކުރަން.

ސިފައިން، ސިފައިންގެ ގޮތުގައި ނުކުމެ، ސަފުތައް ރުކުރުވާލާއިރު، ހަނދާނުގައި ބަހައްޓަންޖެހޭ ތިން އަސާސެއްވޭ. އެއީ، ތިޔަބޭކަލުންގެ ސުލޫކީ މިންގަނޑު، އެ މައްޗަށް ޤާއިމްކުރުން ލާޒިމްކުރާ ތިން އަސާސް. ފުރަތަމަ އިސްލާމީ ޢަޤީދާގައި ސާބިތުވެ ދެމިތިބުން. އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައިވެސް ގެންގުޅެންވީ އަޚްލާޤު، އެއް އިމެއްގައި، އެއް ހަމައެއްގައި، އެއް ފިކުރެއްގައި. ދެވަނަ އަސާސަކީ، ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ޤައުމުގެ ހުރިހާ ކަމެއްގައި، ތިޔަ ބޭކަލުން ތިޔަ ކުރައްވާ މަސައްކަތާއި، ވެވަޑައިގަންނަވާ ޤުރްބާނީގެ އަޞްލަކީ މިދެންނެވި އަސާސް. އެ އަސާސްގެ މުހިންމުކަމާމެދު އެއްވެސް ޝައްކެއްނެތް.

އާދެ! ދެން އޮތީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ތިޔަބޭފުޅުން މަސައްކަތް ކުރައްވާ ކުރެއްވުން. ޤައުމެއްގެ ކީރިތިކަމާއި މޫރިތިކަމުގެ އެންމެމަތީ ކުރިބޯށިތައް، އޭގެ ފުރިހަމަ ގޮތުގައި ހާމަކޮށްދޭ ފަރާތަކީ، ޢަސްކަރިއްޔާގެ ހުރި ހުޝިޔާރުކަމާއި ކުޅަދާނަކަން. އެބައިމީހުންގެ ފަންނުވެރިކަމާއި، އެބައިމީހުންގެ ކުޅަދާނަކަން. މިގޮތުން ބަލާއިރު، މިއަދު މި ހުވާކުރާ 56 ވަނަ ބެޗަކީ، ސިފައިންގެއަށް ބޭނުންވާ ތަފާތު ފަންނުތަކުގެ ބޭފުޅުން ހިމެނޭ ބެޗެއް. ތިޔަބޭފުޅުންގެ މަސައްކަތުން ލިބޭ ކޮންމެ ކުރިއެރުމެއް ވެގެންދާނީ، ޤައުމަށް ލާބަހުރި ކުރިއެރުމެއް ކަމުގައި. އެހެންކަމުން، ތިޔަބޭފުޅުން ހިމެނޭ ފަންނުތަކުގައި، ދިވެހި ޢަސްކަރިއްޔާއަށް ޚިދްމަތް ކުރުމުގައި، އެފަންނުތަކުން ކުރިއަށް ދިޔުމަށް އިލްތިމާސް ކުރަން.

ގައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމުގެ ކުރީ ސަފުގައި މަސައްކަތް ކުރުމަކީ، ތިޔަބޭފުޅުންގެ ވާޖިބެއް. ކައިރީގެ ތާރީޚުތައް ދައްކާގޮތުން، ޤައުމަށް ދިމާވާ ބޮޑެތި ކާރިޘާތަކާއި، ބަލިމަޑުކަމާއި އަދިވެސް އެނޫން ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުން، ޤައުމު ދިފާޢު ކުރުމަށް ލާޒިމްކުރާ ކަންކަން، މިކަންކަމަކީ. ވީމާ، ސިފައިންނަކީ ދުނިޔެއާއި ޤައުމަށް އަންނަމުންދާ ބަދަލުތައް ދިރާސާކޮށް ވިސްނާ ބަޔަކަށްވާންޖެހޭ. ސިފައިންނަކީ ޤައުމު ޙިމާޔަތް ކުރުމުގައި، އެންމެކުރީ ސަފު އަދި އެންމެފަހުގެވެސް ސަފު. މި ޤައުމާއި ރައްޔިތުން ޙިމާޔަތް ކުރުމުގައި، އެހެން ހުރިހާ މުއައްސަސާތައް ތެދުވާ ވަގުތު، ޤައުމު ހަލާކުވިޔަނުދީ، ޤައުމު ސަލާމަތް ކުރަން ތިބޭ ބަޔަކީވެސް ތިޔަ ލޮބުވެތި ސިފައިން.

މިއަދު ތިޔަބޭފުޅުން ސިފައިންގެ ޤާނޫނީ ހުވާކުރާ ހިސާބުން ތިޔަބޭފުޅުންގެ ކޮނޑުގައި ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް އެޅިގެންދޭ. އެކަންތައްތައް ކުރުމަށްޓަކައި މިއަދު ތިޔަވެވުނު ޢަހުދަށް ކަމޭހިތައި، އެ ޢަހުދުގައިވާ ކަންތައްތައް، އެމަގުން ކުރުމުގައި، ލާމަސީލު ޚާދިމެއްގެ ގޮތުގައި ތެދުވެރިވެ، އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދިނުމަށް ދަންނަވަން. މި ޤައުމު މިގޮތުގައި، ކާބަފައިންގެ ފަރާތުން ވާރުތަވިގޮތަށް، މާދަމާގެ ޖީލާ ހަމައަށް ވާޞިލްކޮށްދެވޭނީ، ތިޔަ ލޮބުވެތި ސިފައިން، ސިފައިންގެ ޚިދްމަތުގައި ޤައުމީ ދިފާޢީ އަށްޑަނައަކަށްވެގެން ވާންޖެހުނު ކޮންމެ ޤުރްބާނެއްވެދިނިއްޔާ.

މާޒީގައިވެސް ސިފައިންގެ ތެރެއިން ދީނާއި ޤައުމުގެ ޙައްޤުގައި ޖިހާދުކޮށް ޝަހީދުވި އަބްޠާލުންގެ ލިސްޓް، އެންމެފަހުން ކިޔަންޖެހޭ ޚާއްޞަ ނަންފުޅުތަކުގެ ތެރޭގައި، ޝަހީދު ޙުސައިން އާދަމާއި، ޝަހީދު އާދަމް ނަޞީރާއި، ޝަހީދު މުޙަންމަދު އިބްރާހީމާއި، ޝަހީދު މުޙަންމަދު ޙަސަންފަދަ ދިވެހި ދަރިން، ތިޔައިން ކޮންމެ ބޭކަލަކީވެސް. ހަމަ އެފަދަ ޣާޒީއަކަށް ވެވިދާނެ. އެފަދަ މުޖާހިދަކަށް ވެވިދާނެ. އެފަދަ ބަޠަލަކަށް ވެވިދާނެ. އެފަދަ ޣާޒީއަކަށް ވެވޭނީ، އެމީހުން ބައިވެރިވެ، ކުރި ހަނގުރާމައިގައި އެމީހުން ޝަހީދުވެގެންދިޔަ ދިވެހި ޤައުމަށް ނަޞްރާއި ފަތަޙަ ހޯދައިދިނީތީވެ. މުޖާހިދަކަށްވެވޭނީ، ޤައުމަށްޓަކައި ޖިހާދުކުރީތީ. ބަޠަލަކަށްވެވޭނީ، އެބައިމީހުންގެ މަތިވެރި ޚިދްމަތް، އެ ޖިހާދުގައި އެންމެމަތީ ދަރަޖައިގައި ޤައުމަށް ހަދިޔާކޮށްދިނީތީ. އެހެންކަމުން، އެފަދަ އިޚްލާޞްތެރި ފަހުލަވާނުންތަކަކަށް ތިޔަ ބޭކަލުންވުމަށް އަޅުގަނޑު މިއަދު އިލްތިމާސްކޮށް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހާ ކަންތައްތައް، ހެޔޮ މަގުގައި ކުރިއަށް ގެންދިޔުމުގައި، ދިފާޢީ ބާރުގެ އެންމެހާ ވެރިންނަށް ހެޔޮ ވިސްނުން ދެއްވައި، ސިފައިންނަށް މާތްﷲ ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.