ސިފައިންގެ ކޮންމެ ފަރުދަކުވެސް ސިފައިންގެ ޤާނޫނީ ހުވައަށް އިޙްތިރާމް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސް އިންޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 56 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމާއި ބަޑި ހަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިން އަބަދުވެސް ދެމިތިބެންވާނީ، އަމާނާތްތެރިކަމާއެކު ސިފައިންގެ ޒިންމާތައް އަދާކުރުންމަތީ ކަމުގައި ވިދާޅުވިއެވެ. އަދި، ސިފައިން، ސިފައިންގެ ގޮތުގައި ނުކުމެ، ސަފުތައް ރުކުރުވާލާއިރު، ހަނދާނުގައި ބަހައްޓަންޖެހޭ ތިން އަސާސެއްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ތިން އަސާސަކީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ދެމިތިއްބެވުމާއި، ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ޤައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމުގެ ކުރީ ސަފުގައި މަސައްކަތް ކުރުމަކީ، ތިޔަބޭފުޅުންގެ ވާޖިބެއް"، ރައީސުލްޖުމްޙުރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސިފައިންނަކީ ދުނިޔެއާއި ޤައުމަށް އަންނަމުންދާ ބަދަލުތައް ދިރާސާކޮށް ވިސްނާ ބަޔަކަށްވާންޖެހޭ ކަމަށާއި، ސިފައިންނަކީ ޤައުމު ޙިމާޔަތް ކުރުމުގައި، އެންމެކުރީ ސަފު ކަމަށާއި އެންމެފަހު ސަފު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ޤައުމާއި ރައްޔިތުން ޙިމާޔަތް ކުރުމުގައި، އެހެން ހުރިހާ މުއައްސަސާތައް ތެދުވާ ވަގުތު، ޤައުމު ހަލާކުވިޔަނުދީ، ޤައުމު ސަލާމަތް ކުރަން ތިބޭ ބަޔަކީވެސް ތިޔަ ލޮބުވެތި ސިފައިން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.