بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަދި ވޭމަންޑޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ މިތަނުން ފެނިގެން މިދަނީ ވަރަށްވެސް އުފާވެރި މަންޒަރެއް. މުޅި މިހޯލް މިއޮތީ ކުޑަކުޑަ ބަގީޗާއަކަށް ބަދަލުވެފައި. މިރަށްވެސް މިއޮތީ ބަގީޗާއެއްގެ ސިފައިގައި. އަޅުގަނޑުމެން މިރަށަށް ފައިބައިގެން އައިއިރުގައި، ވަރަށް އުފާވެރި އިޙްސާސްތަކެއް ހިތަށްވެރިވެގެންދިޔައީ. އެއީ ފުރަތަމަ މިރަށުގެ ރައްޔިތުން، ކުދިބޮޑު އެންމެހާ ބޭފުޅުން އަޅުގަނޑުމެންނަށް ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން، މިރަށަށް އަރާ ހަމަ ކޮންމެފަހަރަކު އަޅުގަނޑުމެންނަށް ތިޔަދެއްވާ ހޫނު މަރްޙަބާ. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

ދެން ރަށުތެރެއިން ހަމަ ހިނގައިގަތުމާ އެކީގައި މިފެންނަނީ ވަރަށް ސާފު، ރީތި މަގުތައް. އަދި ވަރަށްގިނަ ޢަދަދެއްގެ މާއަޅާ އެކި ބާވަތްބާވަތުގެ ގަސްތައް، މިރަށުން ފެނިގެން މިދަނީ. އަދި ހަމައެއާއެކީގައި، އަޅުގަނޑު އެހެން ރަށަކުން ފާހަގަނުކުރާހާ ބޮޑަށް މިރަށުގައި ބަނބުކެޔޮ ހެދިފައި އެބަހުރި. މިއީ އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރިކަމެއް. ދަންނަވަންތޯ ވާހަކައެއް. ބައިނަލްއަޤްވާމީ އެކިއެކި ޖަލްސާތަކުގައި، ވާހަކަ ދައްކަމުން ގެންދާއިރުގައި، ތަރައްޤީގެ ވާހަކަ ދައްކަމުންދާއިރުގައި، އެބަ ދައްކާ ފުޑް ސެކިއުރިޓީގެ ވާހަކަ އިނގޭތޯ. ފުޑް ސެކިއުރިޓީއަކީ އެއީ ކާނާގެ ސަލާމަތްތެރިކަން. ބައެއް ޤައުމުތަކުގައި މިއީ ވަރަށްބޮޑު މައްސަލައެއް، ކާބޯތަކެތީގެ މައްސަލަ. ނަމަވެސް، އަޅުގަނޑު ހިތަށް އަބަދުވެސްއަރައޭ، ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގައި އުފެދޭ ފަލަމަޑީގެ ބާވަތްތަކާއި ބަނބުކޭލާ، މިބާވަތުގެ ތަކެތި ހުރުމުގެ ސަބަބުން ރާއްޖޭގައި ޙަޤީޤަތުގައި އަޅުގަނޑުމެންނަކީ ވަރަށް ނަޞީބުގަދަ ބަޔެކޭ. اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ރީތި ރަށްތަކުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ކާނާ އުފެއްދިދާނެ. މިރަށަށް އައުމުން، އެކަން އަޅުގަނޑަށް ޔަޤީންވެއްޖެ. ބަނބުކޭލަކީ އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، މުޅި އަހަރުގެ ތެރޭގައި ބޭނުންކުރެވޭ އެއްޗެއް. އަނެއްކާ އަޅުގަނޑުމެން އެންމެންވެސް ހަމަ ވަރަށް ހިތްހަމަޖެހިގެން ބޭނުންކުރާ އެއްޗެއް. އެކިގޮތްގޮތަށް ތައްޔާރުކޮށްގެން ބޭނުންކުރާ އެއްޗެއް. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، ދިވެހިރާއްޖޭގައި އަޅުގަނޑުމެން ހަމަ މިރަށުގެ މި މިސާލު ނަގައިގެން، ދެންހުރި އެހެން ރަށްރަށުގައިވެސް ބަނބުކެޔޮ ހެއްދުމާއި އަދި ރާއްޖޭގައި ހެދޭ ބާވަތް ބާވަތުގެ ކާނާ ހައްދާ ކަމަށްވާނަމަ، ދިވެހިރާއްޖޭގައި މިދަންނަވާ ފުޑް ސެކިއުރިޓީގެ މައްސަލައެއް އަޅުގަނޑުމެންނަކަށް ކުރިމައްޗެއްނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހޭ އެހެން ކަމެއް އެބައޮވޭ. އަދި ކާނާ ހުއްޓަކަސް ހަށިގަނޑަށް އެންމެ ފައިދާހުރި ކާނާ ނުލިބި ހިނގައިދާނެ. މިދަންނަވަނީ ނިއުޓްރިޝަންގެ ވާހަކަ. ހަށިގަނޑަށް ބޭނުންވާ އެކި ބާވަތްބާވަތުގެ މަޢުދަނާއި، އެކި ކާނާގެ ބާވަތްތައް އެބަ ބަރާބަރަށް ލިބެންޖެހޭ. އެ ނުލިބުނީމާ މިވާގޮތަކީ ބައެއްފަހަރަށް ގަވާއިދުން އެ ނުލިބޭ ކަމަށްވަންޏާ، އެންމެ ފުރަތަމަ މިވާގޮތަކީ، ބަލިވެއިންނައިރުގައި އެންމެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައިވެސް އެބަ ބޭނުންވޭ، މިދެންނެވިކަހަލަ ޚާއްޞަ ނިއުޓްރިޝަން މާއްދާތައް. އޭގެތެރޭގައި، ދަގަނޑުގެ ބާވަތްތަކާއި، ފޯލިކް އެސިޑްފަދަ އެއްޗެހި އެބަ ބޭނުންވޭ. މިލިބެނީ ވަކިކަހަލަ އެއްޗެހި ކެއީމަ. އެހެން ނަމަވެސް، އެ ބޭނުންނުކުރާ ކަމަށްވާނަމަ، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅު އުފެދިގެން އަންނައިރުގައި، އެ ލިބެންވާ ނިއުޓްރިޝަން ނުލިބުނީމާ، އޭގެ ސަބަބުން ކޮންމެވެސްވަރެއްގެ އުނިކަމެއް ކުދިންނަށް ލިބުމަކީ އެކަށީގެންވާ ކަމެއް. ކުއްޖެއްގެ ސިކުނޑި އުފެދެން ފަށާ ވަރަށް އަވަހަށް. ޙަޤީޤަތުގައި އަންހެން ކުއްޖަކު ބަލިވެއިންކަން އެނގޭއިރުގައި، އެކުއްޖާގެ ބަނޑުގައި އޮންނަ ކުޑަދަރިފުޅުގެ ސިކުނޑި އުފެދެން ފެށިފައި އޮންނަނީ. އެހެންވީމާ، ދުރާލާ ޞިއްޙީ ކަންކަމުގައި ފަރުވާ ބަހައްޓައިގެން، ހަށިގަނޑަށް ބޭނުންވާ ފަރުވާ ޒުވާން އަންހެން ކުދިންނަށް ނުލިބޭ ކަމަށްވާނަމަ، އޭގެ އަސަރު ތުއްތު ކުދިންނަށް ކުރާނެ. އެހެންވީމާ، މިދެންނެވީ ކާނާގެ ކަންތަކުގައި ހަމަ މިދެންނެވިކަހަލަ އަދި ރާއްޖޭގައި ހެދޭ، ޢާންމުކޮށް ހައްދާ ބާވަތްތައް ހެއްދުމުގެ އިތުރުން، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ކާނާގެތެރެއަށް ތަރުކާރީގެ ބާވަތްތަކާއި ފަތުގެ ބާވަތްތައްވެސް އިތުރުކުރަން. އިތުރުކޮށްގެން، ގަވާއިދުން އެތަކެތި ބޭނުންކުރަން.

ރާއްޖޭގައި ނިއުޓްރިޝަނަކީ މައްސަލައެއް. އަޅުގަނޑުމެންގެ ބައެއް މީސްމީހުން، އަޅުގަނޑު ކަހަލަ، ތަންކޮޅެއް ކުރުކޮށް މިތިބެނީ މިދެންނެވި ސަބަބާހުރެ. ކުޑައިރުގައި ލިބެންވާ ނިއުޓްރިޝަންގެ ބައި އެކަށީގެންވާވަރަށް ނުލިބުނީމަ. އެހެންވީމާ، މިކަމަށް އަޅުގަނޑަށް ހީވަނީ ވަރަށްބޮޑު ސަމާލުކަމެއް، ޚާއްޞަކޮށް، އަންހެން ބޭކަނބަލުންނަށް މިކަމުގައި ދެއްވަންވެއްޖެހެން.

އާދެ! ޞިއްޙީ ކަންކަން ރަނގަޅު ކުރުމަށްޓަކައި މިއަދު ޚާއްޞަކޮށް، ރާއްޖެއަށް ކުރިމަތިވެފައި މިވަނީ ވަރަށްބޮޑު ގޮންޖެހުންތަކަކާ. ސަބަބަކީ މިވޭތުވެދިޔަ އެތަކެއް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ޚާއްޞަކޮށް، ޢާންމު ޞިއްޙަތުގެ ޕަބްލިކް ހެލްތްގެ ބައި ވަރުގަދަ ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންއައި. ރާއްޖޭގެ ރަށްރަށުގައި ބޭހުގެ ކަންތައް ބަލަހައްޓަމުން އައީ ހެލްތް ވާރކަރުން. ހެލްތް ވާރކަރުންނަށް ހަމަ ރަނގަޅު ފުދޭވަރުގެ ތަމްރީނެއްދީގެން، ރަށްރަށުގައި ހެލްތް ވާރކަރުންގެ މަސައްކަތް ކުރަމުން އައީ. ޢާންމުކޮށް ދިމާވާ ބަލިތަކާއި ރޯގާތަކުން ސަލާމަތްވުމަށްޓަކައި ރަށްރަށުގައި މަސައްކަތް ކުރެވެމުންދިޔަ. އަދި ސީދާ އެވަގުތަކު ހުންނަ ހެލްތް މިނިސްޓްރީއެއްގެ ދަށުން މިދެންނެވި ހެލްތް ވާރކަރުންނަށް ޓްރޭނިންގދީ، އެމީހުންގެ މަސައްކަތް ހުންނަގޮތް ބަލަހައްޓައި، އެމީހުންނަށް އެހީތެރިވެދީގެން އެކަން ކުރަމުން ގެންގޮއްސަހުރީ. ނަމަވެސް، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، މި ޕްރައިވަޓައިޒޭޝަންގެ ބައި، އައިލެއް ބޮޑުކަމުން ގޮސް، ޞިއްޙީ ދާއިރާއަށްވެސް މިބައި އައިސް ވަދެއްޖެ. ވަދެގެން ގޮސް އެންމެފަހުން އެތައް ޒަމާނެއް ވަންދެން ދައުލަތުގެ ފަރާތުން އުފައްދައި ފައްކާ ކުރަމުން އައި ޞިއްޙީ ޚިދްމަތް، އެހެން ގޮތަކަށް ފުރޮޅާލެވިގެން ދިޔައީ. ފުރޮޅާލެވިގެން ގޮސް، ހެލްތް ވާރކަރުން ގެންގޮސް މިލީ ކައުންސިލްތަކަށް. ލީއިރުގައި ކައުންސިލްތަކަކު ނެތް، މިމީހުންނަށް އެހީވެދޭނެ ބައެއް. މިމީހުންނަށް އިރުޝާދުދޭނެ ބައެއް. މިމީހުންގެ މަސައްކަތް ބަލަހައްޓާނެ ބައެއް.

މިއަދު އަޅުގަނޑުމެން މިދައްކަނީ ޑެންގީ ހުން ފެތުރޭ ވާހަކަ. މިހާރު އަޅުގަނޑުމެން މިވާހަކަ ދައްކަމުންދާއިރުގައި، ރާއްޖޭގައި އެކިކަންކޮޅުތަކުގައި ޑެންގީ ހުން އަނެއްކާވެސް ފެތުރެމުން އެބަދޭ. މިކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ. މިބާވަތުގެ ހުންތަކާއި ރޯގާތަކުން ރައްކާތެރިވުމަށްޓަކައި އެންމެބޮޑު މަސައްކަތެއްކުރާ އެއްބަޔަކީ މިދެންނެވި ހެލްތް ވާރކަރުން. މިދިޔަ އަހަރުވެސް އެނގިވަޑައިގަންނަވާނެ، ޑެންގީ ހުމުގެ މައްސަލަ ވަރަށް ބޮޑަށް ޖެހިގެން، މުޅި ޤައުމު އިމަރޖެންސީ ޙާލަތުތައް އަންނަންޖެހުނު. އަނެއްކާ މިއަހަރު އަޅުގަނޑުމެންނަށް އެކަމުގެ ކޮޅުމަތި ފެންނަމުން މިހާރު އެދަނީ. އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސްކޮށް ދަންނަވަން، ރަށުގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް، ހަމަ މިހާރުން މިހާރަށްވެސް ފަށްޓަވައިގެން ކުރިއަށް އެބަ ގެންދަވަންޖެހޭ. އެކަން އަޅުގަނޑު ހީކުރަން، ރަށު ކައުންސިލްގެ ފަރާތުންވެސް އަދި އަތޮޅު ކައުންސިލްގެ އެހީއާ އެކީގައި، ހެލްތް ވާރކަރުން ބޭނުންކުރައްވައިގެން، ރަށުގެތެރޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް.

އާދެ! ދެން މިހާރު އަޅުގަނޑުމެންނަށް ޞިއްޙީ ރޮނގުން ކުރިމަތިވަމުންދާ އެންމެބޮޑު އެއްމައްސަލައަކީ، ގައިންގަޔަށް އަރާ ބައްޔެއް ނޫން. އެއީ، ތަނެއްގެ ފުއްދުންތެރިކަން ވަކިގޮތަކަށް ވަކިހިސާބަކަށް ދިޔުމުން ދިމާވާ ޞިއްޙީ މައްސަލަތަކެއް ހުރޭ. އޭގެތެރޭގައި މިހިރީ ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުމާއި، ކޮލެސްޓްރޯލް އިތުރުވުމާ، މިހެންގޮސް ހުންނަ ބަލިތަކެއް މިއީ. މިބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައިވެސް އަޅުގަނޑު ކުރިން ދެންނެވިހެން ކާނާގެ ކަންތަކަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ. ތެލުގެ ބާވަތްތައް މަދުކުރުމާއި، ރަނގަޅު ކާނާ ހަށިގަނޑަށް ލިބިދިނުމަށްޓަކައި މަސައްކަތް ކުރުން. މިދެންނެވިކަހަލަ ބަލިތައް މިހާރު ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އިތުރުވަމުން. އެންމެ ބާރަށް ހޮސްޕިޓަލްތަކުގައި ފުޅާވެގެންދާ ދާއިރާތަކަކީ ކޮބައިތޯ؟ އެއްދާއިރާއަކީ ވިހާއިރުގައި ފުރިހަމަ ބުރަދަނެއް ނުލިބޭ ތުއްތު ކުދިންގެ ވޯޑް. އަންޑަރ ވެއިޓް ޗިލްޑްރަން އިނގޭތޯ. އެ އެވޯޑު އެންމެ ފުޅާވެގެން މިދަނީ ހޮސްޕިޓަލްގައި. އަނެއްކޮޅުން ދެން ފުޅާވެގެން މިދަނީ ކޯއްޗެއްތޯ. ޚާއްޞަކޮށް، ދުވަސްވީ މީހުންނަށް އެކިބާވަތްބާވަތުގެ މިދެންނެވިކަހަލަ ހަކުރު ބަލިފަދަ ބަލިތައް. އެބައި ދެން ފުޅާވެގެން މިދަނީ. ޑައިލިސިސްގެ މަސައްކަތާ، މިކަންކަން. އެހެންވީމާ، ރާއްޖޭގައި ބަލިތައްޖެހޭގޮތާއި، ބަލިތަކުގެ ބަދަލު، އަންނަމުންދާ ބަދަލުތައް މިދަނީ ކުރިއާ އަޅާބަލާއިރު ތަފާތު ގޮތަކަށް. މިކަމުގެ މައިގަނޑު ސަބަބަކަށް މިއޮތީ ކާނާ. ކާއެއްޗެހީގެ ކަންތައް. ދެކޮޅުންވެސް. ތުއްތު ކުދިންގެވެސް، ދުވަސްވީ މީހުންގެވެސް. އެހެންވީމާ، މިއީ އަޅުގަނޑުމެން މިއަދު މުޅި ޤައުމުގައި ވަރަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ކަމެއް. ނިއުޓްރިޝަންގެ މައްސަލައެއް.

އާދެ! މިރޭ ޞިއްޙީ ރޮނގުން ވާހަކަ ދައްކާކަށް ނޫން އަޅުގަނޑު މިއައީކީ. އެހެންނަމަވެސް، މިކަހަލަ ރަށެއްގައި މިކަހަލަ ވާހަކައެއް ދެކެވޭނީވެސް. ދެން މާބޮޑު ސިޔާސީ ވާދަވެރިކަމެއް ނެތް، ރައްޔިތުންގެ މެދުގައި ޞުލްޙަވެރި، އަމާންކަމެއް އޮތް، މިކަހަލަ ރީތި ބަގީޗާތައް ފެންނަ ތަނެއްގައި މިކަހަލަ ވާހަކައެއް ދެކެވޭނީ.

އާދެ! ދެން އެހެންވީމާ އަޅުގަނޑު ތިޔަބޭފުޅާ ތިޔަ ވިދާޅުވިގޮތަށް، މިރަށުގައި ހުރި ހޮސްޕިޓަލްގެ ކަންތައް ރަނގަޅު ކުރުމަށްޓަކައި ހަމަ ބުރަ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. އެހެންވީމާ، އެކަމުގައި، މިއަދުވެސް ކަންދިމާވިގޮތުން އެކަމަކު އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ވަޒީރު އަޅުގަނޑުމެންނާއެކު ވަޑައިގެން ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން މި މެސެޖް، އަޅުގަނޑުމެންގެ ހެލްތް މިނިސްޓަރަށް އަޅުގަނޑުމެން އަރުވާނަން. ހަމަ ވަރަށް ޒުވާން ޑޮކްޓަރެއް ހުންނެވީ، ހެލްތް މިނިސްޓްރީއާ ޙަވާލުވެވަޑައިގަންނަވައިގެން. އަޅުގަނޑަށް ޔަޤީން، އެބޭފުޅާ މިކަމުގައި އަޅުގަނޑުމެންނަށް އެހީވެވަޑައިގެން ދެއްވާނެކަމަށް. އެހެންވީމާ، އަޅުގަނޑު، އަޅުގަނޑަށް ލެވުނު ހުރިހާ ބާރެއްލައި، މިރަށުގެ ހޮސްޕިޓަލް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ދެން އޮތީ ކަރަންޓްގެ ވާހަކަ. މިމަގުން އަޅުގަނޑު ހިނގާފައިދާ ކޮންމެފަހަރަކު އަޅުގަނޑަށް އެބަ ބަލައިލެވޭ، ކަރަންޓްގެޔަށް. ބަލައިލާއިރުގައި، މިތާނގައި ނެތް ދޮރެއް، ކުޑަދޮރެއް، ފާރުގައި މިހުރީ ބޮޑެތި ބާގަނޑު. ދެން އަޅުގަނޑު އަހައިފިން، ކޮބާ މިތާނގައި ނެތްހެއްޔޭ، ފުރަތަމަ އަޅަންވީ އިންޖީނުގެއެއް ނޫންހޭ. އަޅުގަނޑު އެހެން ބުނީމާ، އަޅުގަނޑު ކައިރީގައި ވިދާޅުވެއްޖެ، މިހާރު އިންޖީނުގެ ހުރީ އަޅާފައޭ. އެހެންނަމަވެސް، އިންޖީނުތައް އެ ގެއަކަށްލެވޭކަށް ނެތޭ. ސަބަބަކީ އިންޖީނުގެ ހުރީ ޔޫޓިލިޓީގައޭ. އިންޖީނުތައް ހުރީ ރައްޔިތުން އަތުގައޭ. ދެން މިކަން ހަމަޖެއްސޭކަށް ނެތް. މިހާރު އެކަން ހަމަޖެއްސޭނެ ގޮތެއް ހޯދޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން އެބަދަން. އޭގައި އޮތް ޙައްލެއް ކަމަށް އަޅުގަނޑު ދެކެނީ، ފުރަތަމަ ޔޫޓިލިޓީ ކުންފުނިތައް އިޞްލާޙު ކުރުން. އެގޮތުން، ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތުން، މިހާރު ހުރި ހުރިހާ ބޮޑެތި ބައިވަރު ޔޫޓިލިޓީ ކުންފުނިތައް އުވާލާފައި، އަޅުގަނޑުމެން ހަދާނީ އެއް ޔޫޓިލިޓީ ކުންފުނި. މިހާރު ވަޒީރުންގެ މަޖިލީހުން އޮތީ އެކަން ފާސްވެފައި. ދާދި އަވަހަށް އެކުންފުނި އުފެދިގެންދާނެ. އުފެދިގެން ދިޔުމާއެކުގައި، ރައްޔިތުންނަށް އެބައޮތް، ރައްޔިތުންގެ އިންޖީނުގެތައް ވަކިން ހިންގުމުގެ އިޚްތިޔާރު. އެހެން ނަމަވެސް، ކުންފުނީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާ ކަމަށްވަންޏާ، އިންޖީނުތައް އެއީ ރައްޔިތުންގެ ޙިއްޞާ ކަމަށް ހައްދަވާފައި، ކުންފުނީގައި ބައިވެރިވެވަޑައިގެންނެވޭނޭ ފުރްޞަތު. މިދެންނެވި ގޮތަށް ހެދުމުން، އޭރުން ރައްޔިތުން ކޮށްފައި އޮތް އިންވެސްޓްމަންޓެއް، ކޮށްފައި އޮތް ޚަރަދެއް، ރައްޔިތުންނަށް އޭގެ ޙިއްޞާ، އެކުންފުނީގައި އޮންނާނީ. އޭގެ ސަބަބުން ކުންފުންޏަށް ލިބޭ ފައިދާއެއްވެސް އެއީ ތިޔަބޭފުޅުންގެވެސް ފައިދާއަކަށްވާނީ. އަދި ކުންފުންޏަކީ އެއީ، ތިޔަބޭފުޅުންގެ ކުންފުންޏަކަށް ވެގެންދާނީ. މިދެންނެވި ބަދަލު އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އަންނާނެ.

އާދެ! ދެން އޮތީ ވަކިން އެތަން ހިންގަވަން ބޭނުންވާ ކަމަށްވާނަމަ، އެކަމުގައިވެސް ދެން އަޅުގަނޑުމެން ޖެހޭނީ، އެއީ ތިޔަބޭފުޅުންގެ އަތުގައި އޮތް ނިންމުމެއް. އެހެންވީމާ، އެގޮތަށް ތިޔަބޭފުޅުން ނިންމަވާ ކަމަށްވާނަމަ، ދެން ޖެހޭނީ އަޅުގަނޑުމެން އިންޖީނުތަކާއި އިންޖީނުގެޔާ ގުޅުވޭނެ އެހެން ގޮތެއް ހޯދަން. އެހެންވީމާ، އެކަމުގައި އަޅުގަނޑު ބަލާނަން ކިހިނެއްތޯ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެއީ، އޭ.ޑީ.ބީ.ގެ ލޯނެއްގެ ދަށުން ހެދިފައި ހުރި އިންޖީނުގެއެއް. އެ ލޯނަށް ފައިސާ އަނބުރާ ދައްކަންޖެހޭ. އެހެން ނަމަވެސް، އެކަމަކީ އެއީ، ތިޔަބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ކަމަށްވާނަމަ އަޅުގަނޑުމެން އެކަން ނުކުރަންވީ ސަބަބެއް ނެތް. ތިޔަބޭފުޅުންގެ އަތްޕުޅުގައި އެކަން އޮތީ. އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުން އެކަމާ ދޭތެރޭގައި ވިސްނާވަޑައިގެން، ގޮތެއް ނިންމަވާނެ ކަމަށް. އިރުއިރުކޮޅާ ކަރަންޓް ކަނޑައިގެން ގޮސް، ހަމަ ކަރަންޓް ކަނޑައިގެންދާ ކޮންމެފަހަރަކު އަޅުގަނޑު އެބައަހަން ކިހިނެއްހޭ މިވަނީ. އިންޖީނުތައް ރަނގަޅު. އެކަމަކު ކަރަންޓް ކަނޑައިގެން އެބަދޭ. ދެން އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑަކީ ކަރަންޓް އުފައްދާ މީހަކަށްނުވާތީ، ކަރަންޓްގެ ކަންތައް މާބޮޑަށް އެނގޭ މީހަކަށްނުވާތީ، އަޅުގަނޑު ކައިރީ މިބުނަނީ ޕެނަލް ބޯޑްގެ މައްސަލައެކޭ މިއުޅެނީ. ކޮންމެފަހަރަކު އިންޖީނު ޖެހެނީ ވަކިކޮށްލާފައި، އަނެއްކާ އަނެއް އިންޖީނު ރޫޅާލާށޭ. އެހެންވެގެންވާކަމެއް ކަމަށް މިވަނީ. އެއީ އިންޖީނުގައި ހުރި މައްސަލައެއް ނޫން ކަމަށް. ދެން އިރާދަކުރެއްވިއްޔާ، ކަރަންޓްގެ ކަންތައް އަޅުގަނޑުމެން ހަމަޖައްސާނަން، ހަމަޖެއްސޭނެ ތިޔަބޭފުޅުންގެ އެހީއާ އެކީގައި.

އާދެ! ދެންވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ އަދި އެހެން ކަމެއްވެސް އެބައޮތް. މިރޭ ބޮޑަށް އިޖްތިމާޢީ ކަންކަމާ ބެހޭގޮތުން އަޅުގަނޑުމެންނަށް މި ވާހަކަ ދެކެވެނީ. މިރަށުގެ ތަޢުލީމް، މިމަދްރަސާގެ ފެންވަރު، ކަންދިމާވި ގޮތުން ކުރީ އަހަރަށްވުރެ މިދިޔަ އަހަރު ތަންކޮޅެއް ދަށްވެފައި އޮތީ. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަކޮށް ވިސްނަން. މިތިބަ ހުރިހާ ލޯބިލޯބި ކުޑަކުޑަ ކުދިންކޮޅު ބޮޑުވެގެން އަންނައިރުގައި، އެކުދިންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ދިނުމަކީ އެއީ، އަޅުގަނޑަށް އެނގޭ، ތިޔަ ހުރިހާ ބޭފުޅުން ބޭނުންފުޅުވާނެ ގޮތްކަން. އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އިތުރަށް މަސައްކަތްތަކެއް ކޮށްލަން. އަޅުގަނޑު ހީކުރަން، ތިޔަބޭފުޅުން ސްކޫލް މެނޭޖްމަންޓް ކޮމިޓީއާއި، ޓީޗަރުންނާއި، ޕްރިންސިޕަލާ ގުޅިވަޑައިގެން، އެކަމާ ބެހޭގޮތުން އަލުން މަޝްވަރާ ކުރައްވާނެ ކަމަށް. މަޝްވަރާ ކުރެއްވުމަށްފަހުގައި، ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ބޭނުންވެލައްވާ ކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެކަން އަންގަވާލަދެއްވުން އަޅުގަނޑު އެދެން. އަޅުގަނޑު އޭރުން ތަޢުލީމާބެހޭ ވަޒީރު، އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް. އަޅުގަނޑު ދަންނަވާނަން، އެކަން ހަމަޖައްސަވައި ދެއްވާށޭ، މި ބޭނުންވަނީ. އޭރުން އިރާދަކުރެއްވިއްޔާ ތަޢުލީމީ ކަންތައްވެސް މިރަށުގައި މިހާރަށްވުރެ ރަނގަޅުވެގެން، މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ، މިތަނުގެ ނަތީޖާވެސް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އާދެ! މިރޭ ދެން އަޅުގަނޑު ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ތިޔަދެއްވާ ތަރުޙީބު އެއީ ހަމައެކަނި މިތާނގައި މިތިބަ މީސްކޮޅަށް ދެއްވާ ތަރުޙީބެއް ނޫނޭ. މިހާރު ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމުގައި ވަރަށްގިނަ ބަޔަކު ބައިވެރިވެގެން، އެކަން ކުރަން މިއުޅެނީ. ވަރަށްގިނަ ސިޔާސީ ޕާޓީތައްވެސް، ހުރިހާ ސިޔާސީ ޕާޓީތައްވެސް އެމް.ޑީ.ޕީ ފިޔަވައި. ދެން އެމް.ޑީ.ޕީ.ވެސް، ކުރިން އަޅުގަނޑު ދަންނަވާފައި އޮންނާނެ، އަޅުގަނޑުމެން އެމް.ޑީ.ޕީ. އަށްވެސް މިތިބެނީ ހަމަ އަތްދިއްކޮށްލައިގެން، އެ އަތުގައި ހިއްޕަވާނެ ކަމަށް ހީކޮށް. ދެންތިބި ހުރިހާ ޕާޓީތަކުން މި ސަރުކާރު އުފައްދައިގެން މިއުޅެނީ. އެހެންވީމާ، މިއީ ވަރަށްގިނަ ބައެއް. މިހުރިހާ އެންމެން މިކުރާ މަސައްކަތަށް ތިޔަބޭފުޅުން ދެއްވާ ތަރުޙީބެއް އަޅުގަނޑުމެންނަށް ތިދެއްވަނީ. އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ ރެޔާއި ދުވާލު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރަމުން ގެންދާނަން. އަދި ތިޔަބޭފުޅުންނަށް ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެހީތަކެއް، އެއީ މުސާރަ ކަމުގައިވީ ނަމަވެސް، އެހެން ޢިނާޔަތެއް ކަމުގައިވީނަމަވެސް، ދުވަސްވީ މީހުންނަށް ލިބޭ ދެހާސް ތިންސަތޭކަ ރުފިޔާ ނަމަވެސް، ނޫނީވިއްޔާ އެކަނިވެރި މައިންނަށް ލިބޭ ޢިނާޔަތެއް ކަމަށްވިޔަސް، މިހުރިހާ އެއްޗެއް އިރާދަކުރެއްވިއްޔާ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ހަމަ ބަރާބަރަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! ދެން އާސަންދައިގެ ވާހަކަ ތިޔަބޭފުޅުންނަށް އިވިވަޑައިގަންނަވާނެ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ވަރަށް ބޮޑަށް އިވިވަޑައިގަންނަވާނެ. އެއީ އާސަންދައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައިވެސް މިހާރުދަނީ ބަޙުޘް ކުރެވެމުން. އަދި ހަމައެހެން، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި އެވާހަކަ މިދެކެވެނީ. އަޅުގަނޑުމެން ނޫޅެން އާސަންދަ ހުއްޓާލާކަށް. ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑު ނޫޅެން އާސަންދަ ހުއްޓާލާކަށް. އެހެން ނަމަވެސް، މިހާރު އާސަންދަ ރޭވިފައި އޮތްގޮތުން، އާސަންދަ ރޭވިފައި މިއޮތީ، މަދުބަޔަކު އޭގެ ފައިދާ ނަހަމަގޮތުގައި ނެގޭގޮތަށް. އޭގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި، ހަމަ އެންމެ ދެތަނުން، އެންމެ ދެ ޕްރައިވެޓް ކްލިނިކުން ނަގައިފި 9 މިލިއަން ރުފިޔާ. ހަތްސަތޭކަ ވިހި މިލިއަން ރުފިޔާ، މުޅި އަހަރަށް ބަޖެޓްކޮށްފައި އޮތްއިރުގައި، މިދިޔަ ދެމަސްދުވަހުގެ ތެރޭގައި އޭގެ ތިންބައިކުޅައެއްބައި ޚަރަދުވެއްޖެ. ދެން ކިހިނެއްތޯ އެއިން އަޅުގަނޑުމެން ދެކޮޅުޖައްސާނީ. މި ހުޅުވާލި ހުޅުވާލުމުގައި، ކޮންމެވެސްކަހަލަ ކޮންޓްރޯލްތަކެއްނެތި، މުޅިން ދޫކޮށްލާފައި އޮވެއްޖެނަމަ، ރައްޔިތުންނަށް އޭގެ ފައިދާ ކުރަންވީާގޮތަކަށް ނުކުރާނެ. އޭގެ ބަދަލުގައި، މި ކްލިނިކް ހިންގާ ހައެއްކަ މީހުން، މީގެ ހުރިހާ ފައިދާއެއް ނަގާނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެއަށް ގެންނަ އިޞްލާޙުތަކުގެ ސަބަބުން މިރަށު ހޮސްޕިޓަލުން ތިޔަބޭފުޅުންނަށް ލިބޭ ޚިދްމަތަކަށް އެއްވެސް އުނިކަމެއް ނާންނާނެ. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ، އައި.ޖީ.އެމް.އެޗް.ވެސް އަދި ހަމައެހެން ރީޖަނަލް ހޮސްޕިޓަލްތައްވެސް، ސަރުކާރުގެ ހުރިހާ ޞިއްޙީ މަރްކަޒުތައްވެސް، މިހާރު ހުރި ވަރަށްވުރެ ރަނގަޅު ފެންވަރަކަށް، އެތަންތާނގެ ޚިދްމަތް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އާދެ! ކުރިން ދެންނެވިހެން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާ ތަރުޙީބު އެއީ އަޅުގަނޑުމެން ވަރަށް އުފަލާއެކީގައި އަޅުގަނޑުމެން އެ ތަރުޙީބު އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑުމެންނަށް ތިކުރައްވާ ތާއީދު، ސަރުކާރު ކުރަންޖެހޭ މަސައްކަތް ކުރުމުގައި، ކުރިއަށް ސާބިތުކަމާއެކީ ދިޔުމުގައި، ތިޔަބޭފުޅުންގެ އެއްބާރުލުމާއި، ދެއްވާ ތަރުޙީބަކީ އެއީ އަޅުގަނޑުމެންނަށް ވަރަށް އަގުހުރި އެއްޗެއް ކަމަށް އަޅުގަނޑު ދަންނަވަން.

އާދެ! އަދިވެސް އެއްފަހަރު، އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން ތިބެހެއްޓެވި އޯގާތެރިކަމާއި މެހްމާންދާރީ އަޅުގަނޑުމެން އުފަލާއެކީގައި ފާހަގަކުރަން. އަޅުގަނޑުމެން މިރަށުގައި މިހާރު ދެތިން ދުވަސް މިވަނީ، މިހެން ވަދެ ނުކުމެ އުޅޭތާ. އެހެން ނަމަވެސް، ހަމަ ކޮންމެފަހަރަކުވެސް ހަމަ ވަންނައިރުގައި އަބަދުވެސް ކާން ތައްޔާރުވެފައި، ސައި ތައްޔާރުވެފައި މިހުންނަނީ. މަގުމަތިން ކޮންމެ ބޭފުޅަކު ވަރަށް އުފަލުން އަޅުގަނޑުމެންނާ ސަލާމް ކުރައްވަމުން މިގެންދަވަނީ. އެހެންވީމާ، ތިޔަ ދެއްވާ މެހްމާންދާރީއަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތެއް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރަމުން. އަދި އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަކީ، އުފަލުގައި ހިތްހަމަޖެހިގެން، ޞުލްޙަވެރިކަމާ އެކީގައި، ފާގަތިކަމާ އެކީގައި އުޅޭ ބަޔަކަށްވުން އެދި ދުޢާ ކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه