بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި ގުރައިދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެންނަށް މިރަށުން ފެނިގެން މިދިޔަ މަންޒަރަކީ، ޤައުމުދެކެ ލޯބިވާ، ޤައުމަށް ހެޔޮއެދޭ ރައްޔިތަކު، ޤައުމަށްޓަކައި ޤައުމުގެ މުސްތަޤްބަލަށްޓަކައި ވިސްނައި، މަސައްކަތް ކުރަން ބޭނުންވާ ރައްޔިތަކު، އެ ރައްޔިތަކަށް ދެއްކޭނެ އެންމެ ފުރިހަމަ މަންޒަރު. ހުރިހާ ރައްޔިތުން އަތުގުޅާލައިގެން، އެކީގައި ނުކުމެ، ޤައުމީ ރޫޙުގައި، އަޅުގަނޑުމެން މިރަށަށް އައި އައުމަށް ތަރުޙީބު ދެއްވައި ތިޔ ވިދާޅުވި ހޫނު މަރްޙަބާއަކީ، އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމެއް.

އާދެ! ކުދިބޮޑު އެންމެން ނުކުމެވަޑައިގެން، އަޅުގަނޑަށާއި، ދައުލަތުގެ ޢިއްޒަތްތެރިންނަށް ތިޔަ ބެހެއްޓެވި އޯގާވެރިކަމާއި، ދެއްކެވި ތަރުޙީބަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! މިއަތޮޅަކީވެސް މިއީ އަޅުގަނޑުގެ ޢާއިލާއާ ގުޅިފައި އޮތް އަތޮޅެއް. އެނގިވަޑައިގަންނަވާނެ ކަމެއް ނޭނގެ، އަޅުގަނޑުގެ އަންހެނުން އިލްހާމަކީ، މިއަތޮޅަށް ނިސްބަތްވާ މީހެއް. އެކަން ތީގެތެރެއިން ގިނަ ބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާނެ. އެހެންވުމުގެ ސަބަބުން އަޅުގަނޑަށް ދެން މި އުޅެވުނީ އެގޭގައި. ޢުމުރުން ވަރަށް، ގާތްގަނޑަކަށް 22 އަހަރުއްސުރެ ފަށައިގެން. އެހެންވީމާ، އަޅުގަނޑަށް އެބަފެނޭ، ކޮޅުމަޑުލުގެ ވަރަށްގިނަ ރަށްރަށުން އެގެޔަށް ވަޑައިގެން އުޅުއްވާ ބޭފުޅުން. އަދި ވަކިން ޚާއްޞަކޮށް، އޮމަދޫގެ ބޭފުޅުން. އެހެންވީމާ، ތ. އަތޮޅުގެ ބޭފުޅުންނަކީ އަޅުގަނޑަކަށް މުޅިން އާ ބޭފުޅުންނެއް ނޫން. އަދި އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅުން. ނަމަވެސް، ކަންދިމާވި ގޮތުން އަޅުގަނޑު މިހާރު ރާއްޖެއިން ބޭރުގައި ވަރަށްގިނަ ޒަމާން އުޅެންޖެހުމާ އެކީގައި، މި ރަށްރަށަށް މާގިނައެއްކޮށް އާދެވިފައެއް ނެތް.

މިއަދު އަޅުގަނޑަށް މިރަށަށް އާދެވިގެން، ލިބުނު ކުޑަވަގުތުކޮޅުގެ ތެރޭގައި، އަޅުގަނޑު ރަށުތެރޭގައި ހިނގާލީމާ، އަޅުގަނޑަށް މި ވިސްނުނީ، މިރަށަކީ މިރަށުގެ ރައްޔިތުން ވަރަށްބުރަ މަސައްކަތްތަކެއް ކޮށްފައި އޮތް ރަށެއްކަން. ރަށުގެ ރައްޔިތުންގެ ހިންމަތާއި މަސައްކަތުން ޢިމާރާތްކޮށްފައި ހުރި ކިތަންމެ ޢިމާރާތްތަކެއް އަޅުގަނޑުމެންނަށް އެބަފެނޭ. ދައުލަތުގެ ފަރާތަކުންނެއް ނޫން. ހަމަ ރައްޔިތުން މަސައްކަތް ކޮށްގެން. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ޞިއްޙީ މަރްކަޒު ހިންގަނީވެސް އެފަދަ ތަނެއްގައި. ދެން އަޅުގަނޑުމެންނާ ބައްދަލުވީ ރަށުގެ އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް އަންހެން ބޭކަނބަލުންނާ މިއަދު. ބައްދަލުވީމާ، އެބައްދަލުވުމުންވެސް އަޅުގަނޑުމެންނަށް ދޭހަވީ، މިރަށުގެ ރައްޔިތުންނަކީ، ފެށުނީއްސުރެންވެސް ރަށުގެ ތަރައްޤީއަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއްކަން. މިވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، މިރަށުގައި ކޮށްދެވިފައި އޮތް ކަމެއް އަޅުގަނޑަކަށް ނުފެނުނު. އަޅުގަނޑުގެ ހިތަށްއަރާ، ކީއްވެގެންބާއޭ ދެން އަނެއްކާވެސް، ދެން އޭރުގައި އިންތިޚާބު ކުރައްވާފައި ހުރި ބޭފުޅަކު އަނެއްކާ އިންތިޚާބު ކުރައްވަން މިޖެހެނީ. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން، އަޅުގަނޑުމެންގެ މަންދޫބުން މިފޮނުވަނީ، ވަރަށްބޮޑު އިތުބާރެއް ކޮށްފައި. އަޅުގަނޑުމެންގެ އިޙްސާސްތަކާއި، އަޅުގަނޑުމެން ބޭނުންވާ ކަންތަކާ ބެހޭގޮތުން ވަކާލާތުކޮށް، އަޅުގަނޑުމެންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކޮށްފައި މަޖިލީހަށް އަޅުގަނޑުމެން މިފޮނުވަނީ. އަދި ހަމައެއާއެކީގައި، އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އެންމެ ޢިއްޒަތްތެރި ބޭފުޅުންގެ ގޮތުގައި ކަނޑައަޅައި ނިންމައިގެން. އަދި އެބޭފުޅުންނަށް ދޭންޖެހޭ ޢިނާޔަތްތަކާއި، މުސާރަތަކާ، މިހުރިހާ އެއްޗެއް، އެބޭފުޅުން ބޭނުންފުޅު ގޮތަކަށް ނިންމަވަން ދޫކޮށްލައިގެން. މިފަދަ ގޮތަކަށް އަޅުގަނޑުމެން އިޙްތިރާމްކޮށް، ޤަދަރުކޮށް، އިތުބާރުކޮށް މަޖިލީހަށް ފޮނުވާފައި ތިއްބަވާ މެންބަރުން، އެ މެންބަރުން ނިސްބަތްވާ ދާއިރާއެއްގެ ރަށަކަށް ހަމަ އެއްވެސް ކަމެއްނުވެ ތިންއަހަރު ދުވަސް، ފަސްއަހަރު ދުވަހުގެ ތެރެއިން ތިން އަހަރު ދުވަސް ފާއިތުވެގެންދާއިރުގައި، ދެން ކީކޭތޯ ދަންނަވާނީ. އިހުމާލު ނުކުރެއެކޭ ނުދެންނެވޭނެ. އެއީއެއް ނޫން އަޅުގަނޑުމެންގެ އުންމީދަކީ. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންނަށް ބޮޑުވާ ކަންތައްތައް ކޮށްދިނުމަށްޓަކައި، އެބޭފުޅުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދެވުން. އެހެންވީމާ، މިއަދުގެ ސަރުކާރުން އަޅުގަނޑުމެން މިރަށުގެ ޙާލަތު ހުރިގޮތް ބެލުމަށްފަހުގައި، އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަންތައްތަކެއް، ވީހާވެސް އަވަހަށް ތިޔަބޭފުޅުންނަށް ކޮށްދިނުމަށްޓަކައި މަސައްކަތް ކުރާނަން.

އާދެ! ޕާޓީ ނިޒާމް ރާއްޖެއަށް އައުމާ ގުޅިގެން، ސިޔާސީ އެކިއެކި މަގާމްތަކަށް ޕާޓީތަކުގެ ބޭފުޅުން އިންތިޚާބުވެ، ވަކި ޕާޓީއެއްގެ ކައުންސިލެއް ނޯންނަ ރަށެއްގައި ވިއްޔާ، ސަރުކާރުގެ ފަރާތުން ކަންތައްކޮށްނުދޭ ގޮތަށް އޮތް އޮތުން މިހާރުވަނީ ނިމިފައި. ހަމަ ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑު ދަންނަވާފައި އޮންނާނީ، މި ސަރުކާރު ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނަމޭ. ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިންޞާފާއެކީގައި އަޅުގަނޑުމެން މަސައްކަތް ކޮށްދެމުން ގެންދާނަމޭ.

އަޅުގަނޑުމެން ކޮންމެހެން މިރަށަށް ކަމެއް ކޮށްދޭން މިއުޅެނީކީ، މިރަށުގައި ވަކި ޕާޓީއެއްގެ ބޭފުޅުން ގިނަވީމައެއް ނޫން. އެއީ މިރަށުގެ ރައްޔިތުންގެ ޙައްޤަކަށްވާތީ. ނަމަވެސް، މިއަދުގެ ސަރުކާރަށް ތާއީދު ކުރުމުގައި، ސަރުކާރަށް އެހީތެރިވެދިނުމުގައި، އެންމެ މުހިންމު އެއްރޯލެއް ކުޅޭ ޕާޓީއަކީ ޕީ.ޕީ.އެމް. އަޅުގަނޑަށް އެނގޭ، މިރަށުގައި ޕީ.ޕީ.އެމް.ގެ މެންބަރުން ވަރަށް ގިނައިން ތިއްބެވިކަން. އެހެންވީމާ، ސަރުކާރަށް ތިޔަބޭފުޅުން ތިޔަދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

ދެންމެ އިވިވަޑައިގަތް ފަދައިން، މިއަދުގެ ސަރުކާރުގެ ފަހަތުގައި އަދި އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގައި މިއަދު ރާއްޖޭގައި އޮތް ޙަރަކާތްތެރި ހުރިހާ ސިޔާސީ ޕާޓީތަކެއްވަނީ އެކުލެވިފައި، އެމް.ޑީ.ޕީ. ފިޔަވައި. އަޅުގަނޑު އެމް.ޑީ.ޕީ.އަށްވެސް ދަޢުވަތު އެރުވިން. އެހެން ނަމަވެސް، އެބޭފުޅުންނަށް ޖެހިވަޑައިގަންނަވައިގެން އުޅުއްވާ މައްސަލައެއްގެ ސަބަބުން އެ ދަޢުވަތު އަދި އޮތީ ގަބޫލު ނުކުރައްވާ. މިހާރު ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ޕާޓީތަކެއްވެސް ތިއްބެވީ އެއްގަލެއްގެ މަތީގައި، އެއް ޢަޒުމެއްގައި، އެކީގައި މަސައްކަތް ކުރައްވަން ތައްޔާރަށް. އެހެންވީމާ، އެގޮތުން އަޅުގަނޑު އެ ހުރިހާ ޕާޓީތަކަށްވެސް، އެ ހުރިހާ ޕާޓީތަކުގެ ވެރިންނަށާއި، ކައުންސިލް މެންބަރުންނަށާއި، ޢާންމު މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ބަޔަކަށް ހީވެދާނެ، މި ސަރުކާރު މިއުޅެނީ ބަދަލުވާށޭ. އެއީ، ހުވަފެނެއްގެ ތެރޭގައި އުޅޭ ބައެއް. ލިޔަންކިޔަން އެނގޭ މީހަކަށްވިއްޔާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އޮންނަނީ ކީކޭކަން އެނގެންޖެހޭނެ. ޤާނޫނުއަސާސީގައި ވަރަށް ސާފު ޢިބާރާތުން ލިޔެވިފައި އެބައޮތް، މިއީ 5 އަހަރު ދުވަހުގެ ރިޔާސީ ޓާރމެކޭ. މި 5 އަހަރު ދުވަސް ހަމަވާނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް، އެހާ ހިސާބަށް ދަންދެން މި ސަރުކާރު އޮންނާނެ. އަދި މިހާރު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅާފައި މިވަނީ، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ކަންތައް ކުރެވޭތޯ މަސައްކަތް ކުރުން. އަދި މިހާތަނަށް އިހުމާލު ކުރެވިފައި ހުރި ރަށްތަކަށް، ޚާއްޞަ އަހަންމިއްޔަތެއްދީގެން މަސައްކަތް ކުރަމުން ގެންދިޔުން. މިރަށަކީ އިހުމާލު ކުރެވިފައި އޮތް ރަށެއް. އެހެންވީމާ، މިރަށަށް އަޅުގަނޑުމެން ދޭނީ ޚާއްޞަ އަހަންމިއްޔަތެއް. އަޅުގަނޑާއެކުގައި މިތަނަށް ވަޑައިގެން އެބަ އިންނެވި، އަޅުގަނޑުމެންގެ ހައުސިންގ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ. އެމަނިކުފާނު އަޅުގަނޑު ކައިރީގައި ދެންމެ ވިދާޅުވެއްޖެ، މިއަންނަ އާދީއްތަ ދުވަހު މިރަށުގެ ބިން ބޮޑުކުރުމަށްޓަކައި ސާރވޭ ކުރަން ސާރވޭ ޓީމް އަންނާނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުގެ ޒިންމާއަކަށްތާވާނީ، މިކަން ކުރުމަށްޓަކައި ހޯދަންޖެހޭ ފައިސާ ހޯދުން. އެހެންވީމާ، އެމަސައްކަތް އަޅުގަނޑު މިފަށަނީ.

ދެން އަޅުގަނޑު މިއަދު މި ހިނގާލި ހިނގާލުމުގެ ތެރޭގައި، މިރަށުގެ ޞިއްޙީ މަރްކަޒަށް އަޅުގަނޑު ވަނިން. ވަންއިރުގައި މިތާނގައި ބައެއް ޓެސްޓް ހެދޭނެގޮތެއް ނެތް. މިތާނގެ ފާޚާނާ ފްލަޝްއެއް ނުކުރެވޭ. ފާޚާނާ ސާފުކުރާނެ އެއްޗެއް ނެތް. މިހާލުގައި މިރަށުގެ ޞިއްޙީ މަރްކަޒު މިއޮތީ. މިރަށުގައިވެސް ދެހާހެއްހާ ރައްޔިތުން އެބަ ދިރިއުޅޭ. އެހެންވީމާ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މާބޮޑު ކަމެއް ކޮށްދެވިފައި އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިރަށު ޞިއްޙީ މަރްކަޒު ރަނގަޅު ކުރުމަށްޓަކައި ބޭނުންވާ ކެމިކަލްސްއާއި، އެހެނިހެންވެސް އެހީ ހޯދުމަށްޓަކައި އަޅުގަނޑު މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ! ދެން އަޅުގަނޑު އިތުރަށް އަދި އެއްޗެއް ދަންނަވާލާނަން މިރޭ. އެއީ މިހާރު ގިނައިން ބޭފުޅުންނަށް އެބަ އިވިވަޑައިގަންނަވާ އާސަންދައެއްގެ ވާހަކަ. ދަންނަވަންތޯ، އާސަންދައަކީ އެއީ، ކޮރަޕްޝަނަށް މަގުފަހިކޮށްދިނުމަށްޓަކައި ހަދާފައިވާ މަޝްރޫޢެއް. އެހެން އަޅުގަނޑު މިދެންނެވީ ކީއްވެތޯ. މިވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުގައިވިއްޔާ، ރާއްޖޭގައި ދިރިއުޅޭ ތިންލައްކަ މީހުންގެ ތެރެއިން ދެބައިކުޅައެއްބައި މީހުން، އެއްލައްކަ ފަންސާސްހާސް މީހުން ޑޮކްޓަރަށް ދައްކައިފި ދެލައްކަ އެތައްފަހަރަކު. މިއީ ބުއްދި ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. މާލޭގައި ހަދާފައި ހުރި ކުޑަކުޑަ ދެ އަމިއްލަ ކްލިނިކަކުން އާސަންދަ ޕްރޮގްރާމުން މިދިޔަ ދެމަސްދުވަހުގެ ތެރޭގައި ނަގައިފި 9 މިލިއަން ރުފިޔާ. މިކަންވެސް އަޅުގަނޑުމެން އެބަޖެހޭ ބަލަން. މިކަން މިގޮތަށް ދޫކޮށްލެވިފައި ބޭއްވޭކަށް އަޅުގަނޑުމެންނަކަށް ނެތް. އާސަންދައިގެ ޚިދްމަތް، ރާއްޖޭގެ އެކިއެކި ރަށްރަށުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކަށް އެކަށީގެންވާ ގޮތެއްގައި ލިބެމަކުންނުދޭ. އެހެން ނަމަވެސް، އެކަމަށް ދައުލަތުގެ ބަޖެޓްގައި ކަނޑައެޅިފައިވާ، މުޅި އަހަރަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތިންބައިކުޅައެއްބައި، ދެމަސްދުވަހުގެ ތެރޭގައިވަނީ ޚަރަދުކޮށް ނިންމާފައި. ވީމާ، އެއަށް އެބަޖެހޭ އިޞްލާޙު ގެންނަން. އެއީ، ދިވެހި ރައްޔިތުންގެ ފައިސާ. ދިވެހި ރައްޔިތުންގެ ޙައްޤު. އެހެންވީމާ، އެކަން އިޞްލާޙުކުރަން އެބަޖެހޭ. އެ އިޞްލާޙު ކުރުމަށްޓަކައި ބަލަންޖެހޭ ބެލުންތައް، ދައުލަތުގެ ފަރާތުން ބަލަމުން ގެންދަނީ. އެކަމުގައި ސަރުކާރުން ބަލާ ބެލުންތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލީހުން ބައްލަވާ ބެއްލެވުންތަކެއް އެބަހުރި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަން އިޞްލާޙުވެގެންދާނީ. އަޅުގަނޑުމެން މިއުޅެނީކީ އާސަންދަ ހުއްޓާލާކަށް ނޫން. އަޅުގަނޑުމެން ކޮންމެހެން ރައްޔިތުންނަށް ލިބިލިބި ހުރި ޞިއްޙީ އިންޝުއަރެންސް އަޅުގަނޑުމެން ކަނޑާލާކަށް ނޫޅޭނަން. ކަނޑައެއްނުވެސްލާނަން. އެހެން ނަމަވެސް، އެކަން ކުރަންޖެހޭނީ، އެކަން ކުރަންވާގޮތަށް. ރައްޔިތުންގެ އެތައް ބުރަ މަސައްކަތުން ހޯދާ ފައިސާއިން ބޭކާރުނުވާގޮތަށް. އެއަށް ކޮރަޕްޝަން ނުވަންނަ ގޮތަށް އެކަން ކުރަންވާނީ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އަޅުގަނޑުމެން އެ ޕްރޮގްރާމް އިޞްލާޙު ކުރާނަން.

އާދެ! މިގޮތަށް މި ކުރިއަށް އޮތް އަހަރެއް، ދޮޅުއަހަރެއްގެ ތެރޭގައި މި ސަރުކާރުން ދެން ކުރަންހުރި ކަންތައްތަކުގެ ތެރޭގައި، މިބާވަތުގެ ކަންތައްތައް ވަރަށްގިނަ. ޙަޤީޤަތަކީ ކަންދިމާވިގޮތުން، ބަލައިލި ކޮންމެ ދިމާއަކުން ހުރީ މިބާވަތުގެ ކޮންމެވެސް ކަމެއް ކުރެވިފައި. ދައުލަތުގެ ބިންތަކާއި، ފަޅުތަކާއި، ފަރުތަކާއި، ރަށްރަށާ، ހުރީ އެކިގޮތްގޮތަށް މީހުންނަށް ބަހާލަން ނިންމާފައި. އެކަން އެގޮތަށް ކުރުމަކީ އެއީވެސް އަޅުގަނޑު ދަންނަވާނީ ހަމަ ކޮރަޕްޝަނަށް ހުޅުވިފައި އޮތް މަގެކޭ. އެހެންވީމާ، އެކަންވެސް އެބަޖެހޭ ހަމައަކަށް އަޅުވަން. މިހެންގޮސް ދަންނަވާފައި ނުދަންނަވާނެ ވާހަކައެއް ނެތް. ބައެއްފަހަރަށް ހީފުޅުވެދާނެ، އަޅުގަނޑުމެން ކުރިން ތިއްބެވި ބަޔަކަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ދައްކާ ވާހަކައެކޭ މިއީ. އެއްގޮތަކަށްވެސް އެހެނެއް ނޫން. ތިޔަބޭފުޅުން ރަނގަޅަށް މިކަމުގެ ޙަޤީޤަތް ބައްލަވާލެއްވީމާ އެނގިވަޑައިގަންނަވާނެ، މިކަންކަން މިއީ އިޞްލާޙު ކުރަންޖެހޭ ކަންކަންކަން. އެހެންވީމާ، އެކަންކަން ކުރުމުގައި، އަޅުގަނޑު ހަމަގައިމުވެސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައުސްމާލު އެއީ އަޅުގަނޑުމެންގެ ރަށްތައް. އަޅުގަނޑުމެންގެ ކުންފުނިތައް. މިތަންތަން ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ނުކުރާ ގޮތަކަށް، ދިވެހި ދައުލަތަށް އޭގެ ފައިދާ ނުކުރާ ގޮތަކަށް ބޭކާރުވެގެންދިޔަދޭކަށް އަޅުގަނޑު ހަމަގައިމުވެސް ބަލަހައްޓައިގެން ނުހުންނާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު އުންމީދު ކުރަނީ، ވީހާވެސް އަވަހަކަށް ހަމަ ހުރިހާ ރަށަކަށްވެސް ދެވޭތޯ ބެލުން. އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިއަތޮޅުގެ މިދަތުރުގައި ނުދެވި ރަށެއް އޮތް ކަމުގައިވާނަމަވެސް، އެރަށަކަށްވެސް އަޅުގަނޑު އަންނާނެ ވާހަކަ އަޅުގަނޑު ދަންނަވަން. ފަހަރެއްގައި މިހެން އަންނަ ދަތުރެއްގައި ހުރިހާ ރަށަކަށް އެއްފަހަރާ ނުދެވުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑަކީ ތިޔަބޭފުޅުން އިންތިޚާބު ކުރައްވާފައި ހުރި މީހެއްކަން ބައެއް މީހުން ހަނދާން ނެތުނަސް، ބައެއް މީހުން ހަނދާން ނެތިގެން އެބައުޅޭ އެކަން. އެނގިވަޑައިގަންނަވާނެ، ހަނދުމަފުޅުކޮށްލެއްވިޔަސް. އެއީ އެހާ ގިނަދުވަހެއް އަދިނުވޭ. އެންމެ ތިންއަހަރު މިވީ. 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތިޔަބޭފުޅުން ވޯޓް ދެއްވައިގެން ހޮވި މީހެއް އަޅުގަނޑަކީ. ހަމަ ކުރީގެ ރައީސް ނަޝީދާ އެއްވަރަށް ވޯޓް ދެއްވައިގެން ހޮއްވެވި މީހަކީ އަޅުގަނޑަކީ. ދެން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ކޮބައިހޭ ތިމަންނަމެންގެ ވޯޓް. އެބޭފުޅުން އެއްގޮތަކަށްވެސް ހަނދުމަފުޅުނެތިގެން އެ އުޅުއްވަނީ، އެބޭފުޅުން ވޯޓް ދެއްވީ ކާކަށްކަންވެސް. ދެން ހަނދުމަފުޅުނެތުމަކީ ބައެއް ބޭފުޅުންނަށްވާ ކަމެއް. ކަންކަމުގައި އިސްފަސްވުމާއި، ކުރެވުނު ވަގުތު ހަނދާން ނެތުމަކީވެސް ވާކަމެއް. އެހެންވީމާ، އެއީ ތިންއަހަރު ދުވަސް ކުރިން ވެފައިހުރި ކަމެއް ހަނދާން ނެތުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އެކަމެއް ހަނދާނެއްވެސް ނުނެތޭނެ. އަދި އަޅުގަނޑުމެން އެބޭފުޅުންނަށް އެކަން ހަނދާންކޮށްދޭކަށް ފަހަތަކަށްވެސް ނުޖެހޭނަން. އެހެންވީމާ، އެއްގޮތަކަށްވެސް ހީނުކުރައްވާތި، އަޅުގަނޑު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ކުރި ހުވައާ ޚިލާފަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން. އެހުވައާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުގެ ވާޖިބު، މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާ އަނެއްކާ ކުރުން އެއީ. މި ދެހުވައަކީ އަޅުގަނޑު ﷲ ގަންދީ ކޮށްގެންހުރި ހުވާ. އެހެންވީމާ، އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި، އަޅުގަނޑު ހުންނާނެ ވާހަކަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.

މިހެން ރަށުތެރޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، މީހުންނަށް އުނދަގޫކުރަން އުޅޭ ބަޔަކުދޭ ޕްރެޝަރަކަށް، ނޫނިއްޔާ އަދި ރާއްޖެއިން ބޭރުގައި ތިބި އެމީހުންގެ ރައްޓެހިންގެ ފަރާތުން އަންނަ ޕްރެޝަރަކަށް އަޅުގަނޑު ނުލެނބޭނެ ވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެހެންވީމާ، ޔަޤީން ކުރައްވާ، އަޅުގަނޑު މިހުރީ ވަރަށް ސާބިތުކަމާއެކީގައި، ތިޔަބޭފުޅުންނާއެކީގައި. ތިޔަބޭފުޅުންގެ ފަހަތްޕުޅުގައި. މި ޤައުމު ޢަދުލުވެރިކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ތައްޔާރަށް.

ތިޔަބޭފުޅުން ތިޔަ ދެއްވާ ތަރުޙީބާއި، ތިޔަބޭފުޅުންގެ ސަޕޯޓަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަގޮތަށް ތިއްބެވިހާ ހިނދަކު ހަމަ އަޅުގަނޑުވެސް ހަމަ މިސާލެއް ކަމުގައި ހުންނާނެ. اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ކުރިއެރުން ދެއްވުން އަޅުގަނޑު އެދެން. މިރަށަކީ އުފާވެރި، ފާގަތި، ޞުލްޙަވެރި ތަނެއްގެ ގޮތުގައި އަބަދަށް ދެމިއޮތުމަށް އަޅުގަނޑު އެދި ދުޢާކުރަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه