ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ނައިބު ރައީސް ލީ ޗޯޔަންގ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މިބައްދަލުކުރެއްވުމުގައި، އެކުންފުނީގެ ފަރާތުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ 1000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށްވުރެ ދެވަނަ ފިޔަވަހީގެ ގެތައް ރަގަޅުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައިވެސް ސީ.އެމް.އީ.ސީގެ ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުރުމަކީ، ދެޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމުގައި މިސްޓަރ ލީ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް ވަރަށް ފުރިހަމަކަން ފާހަގަކުރައްވައި، އިތުރަށް މިމަޝްރޫޢު ކުރިއަށް ގެންދަން ނިންމެވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި، އެގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.