بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މަޑިފުށީގެ ލޮބުވެތި ރައްޔިތުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް އަޅުގަނޑަށް އާދެވޭ ފުރަތަމަފަހަރު. އަޅުގަނޑުމެން ހިތަށްއަރާ، ސުނާމީއަށްފަހުގައި 8 އަހަރު ވޭތުވެގެންދިޔައިރުގައި، އަދިވެސް ވަގުތީ ހިޔާގައި މިރަށުގައި އެކިއެކި ޢާއިލާތައް ދިރިއުޅެމުން އެބަދޭ. 8 އަހަރުވެގެންދާއިރުގައި، މިކަން ނުނިމި ހުރިކަން އެއީ، އަޅުގަނޑު މިއަދު ހުރި މަގާމުގެ ޙައިޘިއްޔަތުން ދިވެހި ދައުލަތުގެ ނަމުގައި، އެ ޢާއިލާތަކަށް އަޅުގަނޑު މަޢާފަށް އެދެންޖެހޭކަމެއް. އަޅުގަނޑު އެކަމާ ހިތާމަކުރަން. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިހާރު ޢިމާރާތް ކުރަން ފެށިފައިވާ ގެތައް، މިހާރު އަޅުގަނޑުގެ ކުރިމަތީގައި އޮތް ލިޔުމުގައި މިވަނީ، މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް. އެހެންވީމާ، އެ ގެތައް އެގޮތަށް ނިމޭތޯ އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި ހަމައެހެން، މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ މިކަން ކުރަން. އެއީ ކޮންކަމެއްތޯ؟ އެއީ، މިހިރަ ވަގުތީ ހިޔަލުގައި ތިބި މީހުންނަށް ގެދޮރު ލިބޭނެގޮތެއް ހެދުން. އެކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެކަމަށްޓަކައި އެހެން ކަމެއް ނުކޮށް ބަހައްޓާފައިވެސް އެކަން ކުރަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ހައުސިންގެ މިނިސްޓަރ މިތާ ވަޑައިގެން އެބަ އިންނެވި. ޑޮކްޓަރ މުޢިއްޒު. އަޅުގަނޑު އެމަނިކުފާނަށް އިލްތިމާސް ކުރަން، މިއަހަރު ނިމުމުގެ ކުރިން ވަގުތީ ހިޔަލުގައި މިރަށުގައި އެއްވެސް މީހަކު ނޫޅޭނެ ގޮތަކަށް، އެކަން ހަމަޖައްސަވައި ދެއްވުން.

އާދެ! ސަބަބަކީ މުޅި ރަށް މިއޮތީ ފުރިފައި. އަދި ރަށް ވަށައިގެން، މި ރަށް ގިރަމުން މިދަނީ. މިރަށަކީ ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށް. އަދި އޭގެ އަސަރު އަދިވެސް މިހިރީ ލޯމަތިން ފެންނަން. އެކަން ފިލައިގެނެއް ނުދޭ. އެހެންވީމާ، މިރަށަށް އެބަޖެހޭ އަޅުގަނޑުމެން ސަމާލުކަންދޭން. ދެން ތިޔަ ވިދާޅުވިހެން ކުޑަކުޑަ ބިމެއް ނެތް. އެއްވެސް ކަމެއް ކުރާނެ ތަނެއް ނެތް. އެހެންވީމާ، ރަށުގެ ބިން ބޮޑުކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ވިސްނުމެއް ވިސްނަން. ދެން މިކަމުގައި ކުއްލިއަކަށް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ، ކިހާވަރެއްގެ ތަނެއް ކަމެއް ކޮން ދިމާއަކުން ކަމެއް ހިއްކޭނީކީ. ނޫނީވިއްޔާ އޭގެ އަގުހެޔޮ ގޮތަކީ، ކައިރީގައި މިހިރަ އެހެން ރަށަކަށް ކޯސްޓްލައިން ހެދުންތޯ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ދަންނަވާކަށް ނޭނގެ. އެކަމާބެހޭ ހިސާބެއް، އެކަމާބެހޭ މަސައްކަތެއް ކޮށްފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑު ދަންނަވަން، ހަމަ ވީހާވެސް އަވަހަކަށް އަޅުގަނޑުމެން އެމަސައްކަތް ފަށަން. އެއީ ކިހިނެއްތޯ މިރަށުގެ ބިން ބޮޑުކުރެވޭނީ ބަލަން. އެކަމުގައި ޖަހަންޖެހޭ ހިސާބުތައް ޖަހައި، ބަލަންޖެހޭ ބެލުންތައް ބަލާފައި، ތިޔަބޭފުޅުންނަށް ދަންނަވާނަން، މިކަން އޮތީ މިހެންނޭ. މިކަން ކުރެވޭނީ މިހެންނޭ. އެކަން ކުރެވެން އޮތް ގޮތަކަށް އެކަން ކުރަން ސަރުކާރުން ޤަޞްދުކުރާ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދެން މިކަމަކީ ހަމަގައިމުވެސް އަޅުގަނޑުމެން ދާދިއަވަހަށް ކުރަންޖެހޭނެ ކަމެއް. އެއީ މި ސްކޫލްގެ ކުދިން، މި ސްކޫލްގެ ދަރިވަރުން އެބަ ކިޔަވާ ބައޮލޮޖީއާއި، ކެމިސްޓްރީއާ. މިދިޔަ އަހަރުގެ ނަތީޖާ ދައްކާއިރުގައި، މި ސްކޫލްގެ ފެންވަރުވެސް އޮތީ ތަންކޮޅެއް ދަށަށް ގޮސްފައި. އެކަން އެހެންވާންޖެހުނު އެއް ސަބަބު އަޅުގަނޑަށް މިހާރު އެނގިއްޖެ. އެއީ، މިކުދިން ކިޔަވަމުން މިގެންދަނީ އެއްވެސް ލެބެއްނެތި. ލެބއްގެ އެހީނެތި. މިތާނގައި ލެބެއް ޤާއިމްކުރާކަށްވެސް މީހަކު ނޫޅޭ. އަޅުގަނޑު ކައިރީގައި މި ސްކޫލުގެ ދަރިވަރުން އެދުނީ އެންމެ ކަމަކަށް. އެއީ، ތިމަންނަމެން ކިޔަވަން މި ސްކޫލްގައި ލެބެއް ހަދައިދޭށޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރަށް ދަންނަވައިގެން އަޅުގަނޑު ކުރާނަން.

އާދެ! މިރަށަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް އެބަހުރި. ދެން އަޅުގަނޑު ހީކޮށްގެން ހުރީ، ސުނާމީއަށް އެހާ ގިނަ ޢަދަދެއްގެ ފައިސާ ރާއްޖެއަށް ވަނީމާ، މިގޮތަށް ހުރި، މިހާ ބޮޑަށް ސުނާމީގެ އަސަރު ކޮށްފައިހުރި ރަށްރަށުގެ އަސާސީ ކަންތައްތައް ހުންނާނީ ކުރެވިފައި ކަމަށް. އެކަމަކު މި ލިޔުން ބަލައިލާއިރުގައި، މިރަށުގައި ނަރުދަމާއެއްވެސް ނެތް. ޞިއްޙީ ފަރުވާވެސް ރަނގަޅަކަށް ނުދެވޭ. ތަޢުލީމީ ޙާލަތުވެސް މިދެންނެވީ. ކުނި ނައްތާލެވޭނެ ގޮތެއް ނެތް. ޒުވާނުން އެއްވެ އުޅޭނެ ތަނެއްވެސް ނެތް. އެކަމަކު ދުނިޔޭގެ އެކިއެކި ޤައުމުތަކުން އެތަކެއް މިލިއަން ޑޮލަރުގެ، އެތަކެއް ސަތޭކަ މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ސުނާމީއަށްފަހުގައި ލިބިގެންދިޔަ. އެހެން އެކަންވީގޮތެއް އަޅުގަނޑަކަށް ނޭނގެ ދަންނަވާކަށް. އެކަމަކު ދެން ވީކަމެއް އެއޮތީ ފަހަތަށް ގޮއްސަ. ކުރިއަށް އޮތް ތާނގައި، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރާނަން. މިރަށަށް މިއަށްވުރެ ރަނގަޅު ދިރިއުޅުމެއް ފެނޭތޯ.

އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، ދެން މާގިނަ ވާހަކަތަކެއްވެސް ތިޔަބޭފުޅުންނަކަށް މާގިނަ ވަޢުދުތަކެއްވެސް އަޅުގަނޑަކަށް ވެވޭކަށް ނެތް މިއަދަކު ކަންދިމާކުރިގޮތުން. އެއީ އެންމެބޮޑު މައްސަލައަކީ ދައުލަތުގެ ބަޖެޓް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި. އެހެންނަމަވެސް، އަޅުގަނޑު މިދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

ދެން އަދި މިރަށަށް އައިއިރުގައިވެސް ހަމަ މިރަށްވެސް އޮތީ ތަންކޮޅެއް އަޑުގަދަކޮށް. އަޅުގަނޑު އައީމަ ވާގޮތް އެއީ މިހާރު ބައެއް ރަށްރަށުގައި. އެއީ، މައްސަލައެއް ނޫން. މިއަދުގެ ޑިމޮކްރަސީގައި ތަފާތު އަޑުއަޑު އިވޭނެ. އަޅުގަނޑުމެންގެ އެބަހުރި، އެ ތަފާތު އަޑުތައް އެހުމުގެ ކެތްތެރިކަން. އެކަމުގެ ކުޅަދާނަކަން. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ އަޑެއްވެސް އަހާނަން. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، އެހުރިހާ އަޑެއްވެސް އަހާފައި، ހުރިހާ އެންމެންނާއެކީގައި، އެކުވެރިކަމާއެކީގައި، އުޚުއްވަތްތެރިކަމާ އެކީގައި މަސައްކަތް ކުރެވޭތޯ. އަޅުގަނޑުމެންގެ ސަރުކާރަކީ، ހުރިހާ ރައްޔިތުންގެ ސަރުކާރެއް. މިއީކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން.

އަޅުގަނޑު ފުރަތަމަ ދުވަހުވެސް މިހެން ދެންނެވިން. ފުރަތަމަ ދުވަހު އަޅުގަނޑު އެހެން ދެންނެވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިވީ. އެކަމުގެ ސަބަބުން އަޅުގަނޑަށް ވަރަށް އިހާނެތި ގޮތްތައްވެދިޔައީ. އެކަމަކު އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ސަރުކާރުވާންޖެހޭނީ ހުރިހާ ރައްޔިތުންގެ ސަރުކާރަކަށް. ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް. އެހެންވީމާ، އެގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތް އެއީ، ފުރަތަމަ ދުވަހުއްސުރެވެސް. އަޅުގަނޑު ގަބޫލުކޮށްގެން މިހުންނަނީ، އަޅުގަނޑުމެންނަކީ ތިޔަ ހުރިހާ ރައްޔިތުންގެ، މި ހޯލްގެތެރޭގައި ތިއްބެވި ބޭފުޅުންނާއި، މި ހޯލުގެ ބޭރުގައި ތިއްބެވި ބޭފުޅުންނާއި އަދި އެއަށްވުރެ ދުރުގައި ތިއްބެވި ބޭފުޅުންނާ، ހަމަ ހުރިހާ އެންމެންގެވެސް ސަރުކާރު މި ސަރުކާރަކީ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ، ﷲގެ ވާގިފުޅާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، މި ޤައުމުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރެވޭތޯ. އަދި މި ޤައުމުގެ ހުރިހާ ދަރިންނަކީ އުޚުއްވަތްތެރި ބައެއް ކަމުގައި ހެދުމަށް. އަޅުގަނޑުމެން ހުރިހާ އެންމެންނަށް، ހަމަހަމަ ގޮތެއްގައި، އިންޞާފްވެރިކަމ އެކުގައި ކަންތައް ކޮށްދެވޭތޯ.

ތިޔަ ހުރިހާ ބޭފުޅުން، އެ ހަލަބޮލިކަމުގެ ތެރޭގައިވެސް އަޅުގަނޑަށާއި، އަޅުގަނޑުގެ އަންހެނުންނަށާއި، އަޅުގަނޑާއެކުގައި ވަޑައިގެންނެވި ހުރިހާ ޢިއްޒަތްތެރިންނަށާ، މި ހުރިހާ އެންމެންނަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިހާ ގިނަ ޢަދަދެއްގެ މާފަތިތައް، އަތުން ކަފައިގެން ތައްޔާރުކުރި ރަށަކަށް އަދި އަޅުގަނޑަކަށް ނުދެވޭ. އެހެންވީމާ، އެހުރިހާ މާފަތިތައް ހެއްދެވި ހުރިހާ ބޭފުޅުންނަށް ޚާއްޞަކޮށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މިރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށްވެސް މާތްﷲ ރަޙްމަތް ލެއްވުން. އަދި މިރަށަކީ އުފާވެރި، ފާގަތި، އުޚުއްވަތްތެރި، ޞުލްޙަވެރި ތަނެއް ކަމުގައި މާތްﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه