ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮޅުމަޑުލު މަޑިފުށްޓަށާއި ދިޔަމިގިއްޔަށް މިއަދު ހަވީރު ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސުނާމީއަށްފަހު 7 އަހަރު ވޭތުވެގެންދިޔައިރު، ވަގުތީ ހިޔާތަކުގައި އެކިއެކި ޢާއިލާތައް އުޅެމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ސުނާމީ ކާރިޘާގައި ވަގުތީ ހިޔަލުގައި އުޅެން ޖެހިފައިވާ ޢާއިލާތަކަށް، މިއަހަރު ނިމުމުގެ ކުރިން ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑޮކްޓަރ މުޙަންމަދު މުޢިއްޒު މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަޑިފުށީގައި މިހާރު ޢިމާރާތް ކުރަން ފެށިފައިވާ ގެތައް، އަންނަ މެއި މަހުގެ ނިޔަލަށް ނިންމެވޭތޯ ކުރެއްވެންހުރި މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިސަރުކާރަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަޑުތައްވެސް އެހުމުގެ ކެތްތެރިކަމާއި، ކުޅަދާނަކަން އޮތް ސަރުކާރެއް ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ، ހުރިހާ އަޑެއްވެސް އަހާފައި، ހުރިހާ އެންމެންނާ އެކީގައި، އެކުވެރިކަމާއި އުޚުއްވަތްތެރިކަމާ އެކީގައި މަސައްކަތް ކުރެވޭތޯ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ހުރިހާ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަޑިފުށްޓަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވަމުން، ރަށުގެ ތޮށިގަނޑުލުމާއި، ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމުގައިވެސް، ސަރުކާރުގެ ފަރާތުން ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، ކަމާބެހޭ މިނިސްޓްރީ މެދުވެރިކުރައްވައި، އެކަންކަން ކުރެއްވޭތޯ ބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަޑިފުށީގައިވެސް މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މަޑިފުށިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ދިޔަމިގިއްޔަށެވެ. ދިޔަމިގިއްޔަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިހާތަނަށް ރައްޔިތުންނަށް ލިބިވަޑައިގެންނެވި ޢިނާޔަތްތައް، މި ސަރުކާރުންވެސް ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.