بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް މިއަދު އަޅުގަނޑުމެންނަށް މިއޮތީ. ނަމަވެސް، އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބަކީ، އަޅުގަނޑު މިރަށަށް އައުމުން، ތިމަރަފުށީގެ ރައްޔިތުން ތިދެއްކެވި ލޯތްބާއި، އިޙްތިރާމާއި، ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދެންނެވުން.

އާދެ! ސަރުކާރެއްގެ ވާޖިބަކީ، ރައްޔިތުންގެ އިޙްސާސްތައް ދަނެ، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި، އެކަންތައްތައް ކޮށްދިނުމަށްޓަކައި މަސައްކަތް ކުރުން. ތިޔަބޭފުޅުން އިންތިޚާބު ކުރައްވާ، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވީނަމަވެސް، އެބައެއްގެ މަސްއޫލިއްޔަތަކީ، ރައްޔިތުން އެ ޙަވާލުކުރާ މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރުން. ރައްޔިތުން ބޭނުންވާ ކަންކަން ދެނެގެން، އެކަންކަން ކުރުމަށްޓަކައި މަސައްކަތް ކުރުން. އެހެންވީމާ، އަޅުގަނޑު މިވަނީ ތިޔަބޭފުޅުން އިންތިޚާބު ކުރައްވާފައި. ބައެއް ބޭފުޅުން ހަނދުމަފުޅު ނެތިއްޖެ އެކަން. އެހެން ނަމަވެސް، ކުރާނެ ކަމެއް ނެތް.

އެނގިވަޑައިގަންނަވާނެ ފަދައިން، 2008 ވަނަ އަހަރު މި ޤައުމުގެ ފަންސާސް ތިންހާސް މީހުން ވޯޓްދީގެން އަޅުގަނޑު ވަނީ ދިވެހިރާއްޖޭގެ ރިޔާސަތުގައި ތިބޭ ދެމީހުންކުރެ އެކަކަށް ޢައްޔަންކޮށްފައި. އެހެންވީމާ، މިއަދު ތިޔަބޭފުޅުން ތިދެއްވި ވޯޓްގެ ފުރިހަމަ ބާރާއެކީގައި އަދި މިއަދު އަޅުގަނޑަށް އަދާކުރަން ޖެހިފައިވާ ވާޖިބުގެ ޙައިޘިއްޔަތުން، އެއީ އަޅުގަނޑާއެކީގައި ރިޔާސަތުގައި ދެން ހުންނެވި ބޭފުޅާ އިސްތިޢުފާ ދެއްވުމުގެ ސަބަބުން މިއަދު މިވަނީ އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެފައި. އެހެންވީމާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމުގައި، އަޅުގަނޑު ވަރަށް ސާބިތުކަމާ އެކީގައި ހުންނާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އަދި މިއަދު އަޅުގަނޑު މިހިރީ މިރަށުގައި ކަމުގައިވާތީ، ތިމަރަފުށީގެ ރައްޔިތުންނަށްވެސް ދައުލަތުގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމުގައި، ވަރަށް ސާބިތުކަމާ އެކީގައި މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ތިޔަބޭފުޅުންގެ ހުވަފެނެއް. ވަރަށްގިނަ ދުވަސްވެއްޖެ ހުވަފެނެއް، މިރަށުގައި އެއަރޕޯޓް ހެދުމުގެ ހުވަފެނަކީ. އަޅުގަނޑަށް އެކަން އެނގޭ. ސަބަބަކީ އެއަރޕޯޓެއްގެ ވާހަކަ މިތާނގައި ތިން އަހަރު ދުވަސް ކުރިން ދެއްކިއިރުގައިވެސް، އެތާނގައިވެސް އަޅުގަނޑު އިންނަން ޖެހުނީތީ. އެހެންވީމާ، އެހަނދާން އަޅުގަނޑު އެބަހުރި. އާދެ! އަޅުގަނޑު ވަރަށް އުފަލާ އެކީގައި ތިޔަބޭފުޅުންނަށް ދަންނަވަން. މިހާރު މިވަނީ ތިމަރަފުށީގެ އެއަރޕޯޓް ހެދުމަށްޓަކައި އެކަމުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައި. މިއަދު އަޅުގަނޑު މި އިޢުލާނު ކުރަނީ، ތިމަރަފުށީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް މި ފެށުނީ. ﷲ އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް މުސްތަޤްބަލެއްގައި، ތިޔަބޭފުޅުންނަށް އެމަސައްކަތް ކުރިއަށް، ވަރަށް ހަލުވި ސްޕީޑެއްގައިދާތަން ފެނިވަޑައިގަންނަވާނެ.

އާދެ! އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، މި ޤައުމުގައި ތިއްބެވި ޤާބިލް އެތަކެއް ބޭފުޅުން ގޮވައިގެން ކުރަންޖެހޭ ކަންތައްތައް ރަނގަޅަށް ކުރުމަށްޓަކައި. އެގޮތުން، އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު އަޅުގަނޑާއެކީގައި މިތަނަށް ވަޑައިގެން ތިއްބެވި ދެބޭފުޅުން، ދެވަޒީރުން އެބަތިއްބެވި. އެއްބޭފުޅަކީ ޑޮކްޓަރ ޝަމްހީދު. އެއީ ރާއްޖޭގެ ދަތުރުފަތުރާއި މުވާޞަލާތާބެހޭ ވަޒީރު. ދެން މިތާ މި އިންނެވީ ޑޮކްޓަރ މުޢިއްޒު. ޑޮކްޓަރ މުޢިއްޒަކީ އަޅުގަނޑުމެންގެ ގެދޮރު ބިނާކުރުމާއި އަދި އެކިއެކި ޢުމްރާނީ މަސައްކަތްތަކާބެހޭ ވަޒީރު. މިދެބޭފުޅުންނަކީވެސް ވަރަށް ޒުވާން، ވަރަށް ޤާބިލް ދެބޭފުޅުން. އަޅުގަނޑުގެ ކެބިނެޓްގައި ތިބީ ހައްތަހާވެސް މިކަހަލަ ބޭފުޅުން. އަނެއްކާ މިބޭފުޅުން ވަޑައިގެން ތިއްބެވީ، ރާއްޖޭގައި އޮތް ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކުން. އެހެންވީމާ، އަދު ރާއްޖޭގައި އޮތް ސަރުކާރަކީ އެއީ ދިވެހިރާއްޖޭގެ މުޅި މެޖޯރިޓީ، އެ ސަރުކާރެއްގެ ފަހަތުގައި އޮތް، ދިވެހިރާއްޖޭގެ އެންމެ ޕާޓީއެއް ފިޔަވައި، އެހެން ހުރިހާ ސިޔާސީ ޕާޓީތައް، ޙަރަކާތްތެރި ސިޔާސީ ޕާޓީތައް އެކުލެވިފައި އޮތް މި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް.

މި ސަރުކާރު މަސައްކަތް ކުރުމުގައި، އެއްވެސް ބަޔަކަށް ތަފާތެއް ނުކުރާނެ. ހަމަހަމަކަމާއި އިންޞާފާއެކީގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ބޯލަނބައިގެން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓައިގެން، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ. އެގޮތުން، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް ފުރިހަމަ އަޣްލަބިއްޔަތެއް އެބައޮތް. އަޅުގަނޑުމެން ބޭނުންވޭ، އެ އަޣްލަބިއްޔަތު އަދިވެސް ވަރުގަދަކުރަން. އެހެންވީމާ، ސަރުކާރުގެ ފަހަތުގައި އޮތް އިއްތިހާދުގެ ފަރާތުން އެއް ޕާޓީން ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓެއް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މި އިންނެވީ. އެމަނިކުފާނު އިންތިޚާބުވުމަކީ އެއީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު ބާރަކަށްވެގެންދާނެ. އަދި އަޅުގަނޑުމެން ތިޔަ ރައްޔިތުންނަށްޓަކައި، އަޅުގަނޑުމެން ކޮށްދޭން މި މަސައްކަތްކުރާ މަސައްކަތުގައި، ވަރަށްބޮޑު ހަލުވިކަމަކާއި އެއްބާރުލުމެއް ލިބިގެންދާނެކަމެއް. އެހެންވީމާ، އެވާހަކަ މިދަނޑިވަޅުގައި ދަންނަވާލުމަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ ވާޖިބެއް.

އާދެ! އަޅުގަނޑު ކުރިން ދެންނެވިހެން، މި ޤައުމުގެ ގިނަ މީހުން މިތިބީ އަޅުގަނޑުމެންނާ އެކީގައި މިއަދު. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ސާބިތުކަމާއެކީގައި ކުރިއަށް ދިޔުމުގެ ޖާގަ އެބައޮތް. އަޅުގަނޑުމެން ކުރިއަށްދާނީ. އަޅުގަނޑުމެން ފަހަތަށް ހަމަ އެންމެ ފިޔަވަޅެއްވެސް ނާޅާނަން. ކޮންމެ ބަޔަކު ކޮންމެ އެއްޗެއްކިޔަސް، ކޮންމެ ބަޔަކު ކޮންމެކަހަލަ ޕްރެޝަރެއް ޖެއްސިޔަސް، އެއަކުން އިރާދަކުރެއްވިއްޔާ ވާނެ ކަމެއް ނޯންނާނެ. އަޅުގަނޑުމެން ސާބިތުކަމާއެކީގައި ކުރިއަށްދާން މިތިބީ. އަޅުގަނޑުމެންނަށް ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާކުރެވޭނެ. އެކަމުގައި އަޅުގަނޑުމެންނަށް އެހީވެދޭނެ ވަރަށްގިނަ ފަރާތްތައް، މި ރާއްޖޭގައި މިހުރި ހުރިހާ ސިޔާސީ ޕާޓީތަކުގަޔާއި، ރައްޔިތުންގެ ތެރޭގައި އެބަތިބި. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހަމަ ކުޑަކޮށްވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަމޭ. އަޅުގަނޑުމެން ފަށާފައިވާ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. އަދި ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއް އިރާދަކުރެއްވިއްޔާ ބަރާބަރަށް ދެމުން ގެންދާނަމޭ.

ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ފަށާފައި ހުރި ހުރިހާ ޚިދްމަތްތައްވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށްދާނެ. އޭގެތެރޭގައި، ރައްޔިތުންނަށް ދޭން ފަށާފައިވާ އެކިއެކި ޢިނާޔަތްތައްވެސް ހަމަ ބަރާބަރަށް ލިބިވަޑައިގަންނަވަމުންދާނެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދުވަސްވީ މީހުންނަށްދޭ ދެހާސް ތިންސަތޭކަ ރުފިޔާ، ހަމަ ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަދި ހަމައެހެން، އެކަނިވެރި މައިންނަށް ލިބޭ ފައިސާވެސް ހަމަ އެގޮތަށް ލިބިވަޑައިގަންނަވަމުންދާނެ. އަދި ތިޔަބޭފުޅުންގެ ޞިއްޙަތާއި ތަޢުލީމާ، މިކަންކަމުގައި ރަނގަޅު ފެންވަރެއްގައި އެކަންކަން ކުރުމަށްޓަކައި ދޭންޖެހޭ ޚިދްމަތްތައް، ދައުލަތުގެ ފަރާތުން އިރާދަކުރެއްވިއްޔާ ހަމަ ބަރާބަރަށް ދެމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑުމެންނަށް ތިޔަ ދެއްކެވި ލޯތްބާއި ހޫނު މަރްޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިވަގުތަކީ މާދިގު ވާހަކަތަކެއް ދެއްކޭކަހަލަ ވަގުތެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަންޖެހޭ މެސެޖް އެރުވިއްޖެ ކަމަށް. މިރަށަކީ ހަމަ އަޅުގަނޑުގެވެސް ވަރަށް ގާތް ރަށެއް. ހަމައެކަނި މުޞްޠަފާބެމެންގެ ރަށެއް ނޫން މިރަށަކީ. އަޅުގަނޑުމެންގެވެސް ރަށެއް.

އާދެ! މިތަނުން އަޅުގަނޑު ފޭބިތަނުން ފުރަތަމަވެސް އަޅުގަނޑަށް ފެނުނީ، އަޅުގަނޑުގެ ކުޑައިރުގެ، އަޅުގަނޑުގެ މަދްރަސީ ދައުރުގެ ވަރަށް ގާތް ރަޙްމަތްތެރިއެއް، ޢަލީ ޙަސަން މަނިކު. އަޅުގަނޑުގެ ކްލާސްމޭޓް. އެހެންވީމާ، ކީއްވެތޯ ތިމަރަފުށި އަޅުގަނޑާ ގާތް ރަށަކަށްނުވާންވީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުމާއި، ލޯތްބާއި ތާއީދު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތު މިންވަރު ކުރެއްވުން. އަދި ތިމަރަފުށްޓަކީ އަބަދުގެ އަބަދަށްވެސް ހިތްފަސޭހަ، އުފާވެރި، ޞުލްޙަވެރި ތަނެއް ކަމުގައި ހެއްދެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه