ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވިލުފުށްޓަށް ވަޑައިގެން، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިލުފުށްޓަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ވަރަށް ޚާއްޞަ ލޯތްބެއް އުފެދިފައިވާ ރަށެއްކަން ފާހަގަކުރެއްވިއެވެ.

ވިލުފުށީގެ ތަރައްޤީއަށް ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، ވިލުފުށީ ޞިއްޙީ މަރްކަޒު މިއަދުހުރީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށް ވިދާޅުވިއެވެ. އެހެންވީމާ، އެ މަރްކަޒުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި ޞިއްޙީ މަރްކަޒުން އަސާސީ ޓެސްޓްތައް ކުރެވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށާއި، ހެލްތް މިނިސްޓަރަށް އެކަން އަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގެ ޒުވާނުންނަށް، ކުޅިވަރު ކުޅޭނެ ދަނޑެއްގެ ކަންތައްވެސް ހަމަޖެހިގެންދިޔުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، ޔޫތު މިނިސްޓަރ މެދުވެރިކުރައްވައި، މިކަން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢަމަލީގޮތުން މިއަދު ޙަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކެއް އެމަނިކުފާނުގެ ސަރުކާރުގައި ބައިވެރިވެފައިވާ ކަމަށް ވިދާޅުވެ، އެމް.ޑީ.ޕީ.ވެސް މި ސަރުކާރުގައި ބައިވެރިވެ، ސަރުކާރާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދު މުޅި ޤައުމު ބޭނުންވެފައިވަނީ، އެކުވެރި ރައްޔިތުންތަކެއް ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް، ހުތުރު އެއްޗެތިކިޔާ ހެދުމަކުން، ޤައުމު ކުރިއަކަށް ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު އަޅުގަނޑުމެންނަށް އިވެމުންދަނީ، އަޅުގަނޑުމެންގެ ޅަދަރިންނަށް ދަސްކޮށްދިން އެންމެ ރަނގަޅު ބަސްތަކެއް ނޫން ކަމަށާއި، މިއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ދަރަނި މިއަދުވަނީ ވަރަށް މައްޗަށް ގޮސްފައި ކަމަށާއި، އެހެން ނަމަވެސް، ރައްޔިތުންނަށް ލިބެންޖެހޭ ޢިނާޔަތްތައް ސަރުކާރުން ދެއްވަމުން ގެންދަވާނެ ކަމަށާއި، މިކަމަކަށް ހުއްޓުމެއް ނާންނާނެ ކަމުގައި ވިދާޅުވިއެވެ.