ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި، ރީޖަނަލް ހޮސްޕިޓަލްތަކުންނާއި، ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދްމަތްތަކަށް ރައްޔިތުންގެ އަތުން ފައިސާ ނުނަންގަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ހިރިލަންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އާސަންދައިގެ ނިޒާމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެޕްރޮގްރާމުގެ ތެރެއިން ނުސީދާ ގޮތެއްގައި ބަޔަކު ފައިސާތަކެއް ނަގަމުން އެބަދާ ކަމަށާއި، މިކަން ކޮންޓްރޯލް ނުކުރައްވައި، ރައްޔިތުންނަށް ދެއްވަންޖެހޭ ޞިއްޙީ ޚިދްމަތް ރަނގަޅަކަށް ނުދެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އާސަންދަ ޕްރޮގްރާމް އަލުން އިންތިޒާމް ކުރައްވައި މިހެން ހުރި ކަންކަން ރަނގަޅު ކުރައްވާނެ ކަމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިރިލަންދުއަކީ، މަސްވެރިރަށެއްކަން ފާހަގަކުރައްވަމުން، ރަށުގެ މަސްވެރިންނަށް ދިމާވެފައިވާ އެއްދައްޗަކީ، ހިރލަންދޫގެ ބަނދަރުގެ މައްސަލަ ކަމަށާއި، ރަށުގެ ބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މަހުގެ އަގު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި މަސްވެރިކަން މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު އޮތީ ވަރަށް ހަމަޖެހިފައި ވަރަށް ސާބިތުކަމާއެކުގައި ކަމަށާއި ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަމަހައްޓަވައިގެން ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދްމަތް ދެއްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިން ސަރުކާރުން ދެއްވަމުން ގެންދެވި އެކިއެކި ޢިނާޔަތްތައް ހުއްޓަވާނުލައްވައި ކުރިއަށް ގެންދަވާނެ ކަމަށާއި، ދައުލަތުގެ ބަޖެޓަށް ލުއިކަމެއް ލިބޭތޯ ފަށްޓަވާފައިވާ މަސައްކަތުން، އަދި ބަޖެޓުން ބޭކާރުވެގެންދާބައި ސަލާމަތްކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިންގެ ސަބްސިޑީ ދެވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިރިލަންދޫ ރައްޔިތުންނަކީ ވަރަށް އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަން ފާހަގަކުރައްވަމުން، އެކަމާ ވަރަށް އުފާފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންވެސް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. ޢާއިލާގެ ތެރޭގައިވެސް ދެބަސްވުންތައް ހުންނާނެ ކަމަށާއި، އެހެންނަމަވެސް މުޅި ޢާއިލާގެ ކުރިއެރުމަށްޓަކައި އަދި ޢާއިލާގައި ދިރިއުޅޭ ތުއްތުކުދިންގެ މުސްތަޤްބަލަށްޓަކައި އަދި ރަށުގެ މުސްތަޤްބަލަށްޓަކައި އެކުވެރިކަމާއެކު އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.