ވޭމަންޑޫން މިސާލު ނަގައިގެން، އެހެން ރަށްރަށުގައިވެސް ރާއްޖޭގައި ހެއްދޭ އެކިއެކި ބާވަތްތައް ހައްދާ ކަމުގައިވާނަމަ، ރާއްޖޭގައި ފުޑް ސެކިއުރިޓީގެ މައްސަލައެއް ކުރިމައްޗެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ކޮޅުމަޑުލު ވޭމަންޑޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ، މިރޭ ބައްދަލުކުރައްވައި، މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަޤްވާމީ އެކިއެކި ޖަލްސާތަކުގައި ތަރައްޤީގެ ވާހަކަ ދައްކަމުން ގެންދާއިރު، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ސަލާމަތްތެރިކަމުގެ ވާހަކަ ދައްކާ ކަމަށާއި، މިއީ ވަރަށްބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އުފެދޭ ފަލަމަޑީގެ ބާވަތްތަކާއި، ބަނބުކޭލާ، މިބާވަތުގެ ތަކެތި އުފެއްދުމުގެ ސަބަބުން އަޅުގަނޑުމެންނަކީ ވަރަށް ނަޞީބުގަދަ ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިމިވާ ރީތި ރަށްތަކުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ކާނާ އުފެއްދިދާނެ ކަމަށާއި، ވޭމަންޑުއަށް ވަޑައިގަތުމުން، އެކަން ޔަޤީންވެވަޑައިގެންފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ކާނާހުރި ކަމުގައިވިޔަސް، ހަށިގަނޑަށް އެންމެ ފައިދާހުރި ކާނާ ނުލިބި ހިނގައިދާނެ ކަމަށާއި، މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިއުޓްރިޝަނަކީ ރާއްޖޭގައިވެސް މައްސަލައެއް ކަމަށާއި، ނިއުޓްރިޝަންގެ ކަންތައްތައް ރަނގަޅު ކުރުމުގައި، ރާއްޖެއަށްވެސް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވިއެވެ. މިވޭތުވެދިޔަ އެތައް އަހަރުތަކެއްގެ ތެރޭގައި، ރާއްޖޭގައި ޚާއްޞަކޮށް، ޢާންމު ޞިއްޙަތުގެ ކަންތައްތައް ވަރުގަދަ ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެކަން އޭރު ރަށްރަށުގައި ބަލަހައްޓަމުން ގެންދިޔައީ ހެލްތް ވާރކަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ޕްރައިވަޓައިޒޭޝަންގެ ބައި އައިލެއް ބޮޑުކަމުން، ޞިއްޙީ ދާއިރާއަށްވެސް މިކަން ވަދެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެތައް ޒަމާންތަކެއް ވަންދެން ހިނގަމުންދިޔަ ޞިއްޙީ ޚިދްމަތުގެ ނިޒާމް، އެހެން ގޮތަކަށް ފުރޮޅާލައި، ހެލްތް ވާރކަރުން ކައުންސިލްތަކަށްލީމާ، ހެލްތް ވާރކަރުންނަށް އިރުޝާދުދޭނެ ބަޔަކު އަދި އެމީހުންގެ މަސައްކަތް ބަލަހައްޓާނެ ބަޔަކު ކައުންސިލްތަކުގައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޑެންގީ ހުންވެސް އިތުރުވެގެންދާއިރު، މިކަމަށް ވަރަށްބޮޑު ސަމާލުކަމެއްދޭންޖެހޭ ކަމަށާއި، މިފަދަ ރޯގާތަކުން ރައްކާތެރިވުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއްބަޔަކީ ހެލްތް ވާރކަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދްމަތުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ވޭމަންޑޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ބައްލަވާލައްވައި، އެކަންކަން ޙައްލު ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ހާމަކޮށްދެއްވިއެވެ. އަދި އާސަންދައިގެ ޚިދްމަތުގެ މައްޗަށް ބައްލަވާލައްވަމުން، އެ ޚިދްމަތް ހުއްޓާނުލައްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. އެހެން ނަމަވެސް، މިހާރު އާސަންދަ ރޭވިފައި އޮތީ، މަދު ބަޔަކަށް ނަހަމަގޮތަކަށް ފައިދާ ލިބޭ ގޮތަށް ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިދިޔަ ދެމަސްދުވަހުގެ ތެރޭގައި، އެންމެ ދެ ޕްރައިވެޓް ކްލިނިކުން އާސަންދައިގެ ނިޒާމްގެ ތެރެއިން 9 މިލިއަން ރުފިޔާ ނަގާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އާސަންދައިގެ ނިޒާމަށް މުޅި އަހަރަށް 800 މިލިއަން ރުފިޔާ ބަޖެޓްކޮށްފައި އޮތްއިރު، މިދިޔަ ދުވަސްތަކުގެ ތެރޭގައި، މިހާބޮޑު ޚަރަދެއް ހިނގާފައިވާތީ، ސަރުކާރުން މަސައްކަތް ކުރައްވަމުން މިގެންދަވަނީ، ދެމެހެއްޓެނިވި ގޮތެއްގައި، މިނިޒާމް ހިންގެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޭމަންޑުއަށް މިކުރެއްވި ދަތުރުފުޅުގައި، ވޭމަންޑޫ ޕްރީސްކޫލްގެ ބިންގާ، މިއަދު ހަވީރު އަޅުއްވައިދެއްވިއެވެ.