މިސަރުކާރަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ބޮޑު ބައެއްގެ ތާއީދު އޮތް، އެއް ސިޔާސީ ޕާޓީ ފިޔަވައި ރާއްޖޭގައި ޢަމަލީގޮތުން ޙަރަކާތްތެރިވަމުންދާ އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން ބައިވެރިވާ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ތިމަރަފުށީ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެއްވެސް ރައްޔިތަކާ ދޭތެރޭ މިސަރުކާރުން އެއްވެސްވަރެއްގެ ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމުގެ ގިނަ މީހުން ތިބީ މިސަރުކާރާ އެކުގައި ކަމަށާއި، މިސަރުކާރު ސާބިތުކަމާއެކީ ދާނީ ކުރިއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިސަރުކާރުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކަމަށް ވަރަށް ޤާބިލް ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި ކުރިންވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެމުން އައި ޢިނާޔަތްތަކާއި ޚިދުމަތްތައް މެދުކެނޑުމެއްނެތި ބަރާބަރަށް މިސަރުކާރުންވެސް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.