بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އޮމަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. އުފާވެރި ދުވަހަކަށްވާން ޖެހެނީ، މިރަށަކީ އަޅުގަނޑުގެވެސް ރަށަކަށްވާތީ. މި ރަށް އަޅުގަނޑުގެ ރަށަކަށްވާންޖެހޭ ސަބަބަކީ، މިވޭތުވެދިޔަ 40 އަހަރު ވަންދެން، މިރަށުގެ ބައެއް ލޮބުވެތި އަޚުންނާއި އުޚުތުންނަކީ، އަޅުގަނޑާ ވަރަށް ގާތުން ދެކެފަރިތަ ރަޙްމަތްތެރި މާލޭ ބޭފުޅުން ކަމަށްވާތީ. އާދެ! މިރަށަކީ އެއްގޮތަކުން ވަރަށް ނަޞީބުވެރި ރަށެއް. މިރަށުގެ ރައްޔިތުންގެ ތެރެއިން ލާމަސީލު ދަރިންތަކެއްވަނީ ފެނިފައި. އެގޮތުން، ރާއްޖޭގައި އުފެދުނު ވަރަށް ވަރަށް ވަރުގަދަ ޝަޚްޞިއްޔަތުންގެ ތެރޭގައި، ދީނީ ޢިލްމުވެރިންނާއި، ބޮޑެތި ވިޔަފާރިވެރިންނާއި އަދި ޤައުމުގައިވެސް ވަރަށް މުހިންމު ދައުރުތަކެއް އަދާކުރަމުން ގެންދިޔަ ޝަޚްޞިއްޔަތުތަކެއް ހިމެނުނު. އަދި މިރަށަށް ވިސްނާލާއިރު ފަޚްރެއް އެއީ މި ރާއްޖޭގެ އެއްވެސް ރަށަކަށް ނުލިބޭ ފަޚްރެއް އެބައޮތް. އެއީ ކިތަންމެ ކުޑަދުވަސްކޮޅަކަށް ނަމަވެސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކޮށްފައިވާ ދެމީހެއްގެ އަނބިންނަށް މިރަށުގެ ދެއަންހެން ބޭކަނބަލުންވާކަން. މިއީ، މި ޤައުމުގެ އެއްވެސް ރަށަކަށް އަދި ނުލިބޭވަރުގެ ބޮޑު ފަޚްރަކާއި ޝަރަފެއް.

އާދެ! މިއަދު ތަންކޮޅެއް އަޑުގަދަވެގެންދިޔަ އެއް ސަބަބަކަށްވެދާނެ، ފަހަރެއްގައި އިލްހާމް މިރަށަށް ނައިސް މާގިނަދުވަސްވީމަ ކަމަށް. އެހެން ނަމަވެސް، އިރާދަކުރެއްވީތީ، اللّـه سبحـانـه وتعـالى އެ ނިޢުމަތް މިއަދު އަޅުގަނޑުމެންނަށް ދެއްވައިފި. އެހެންވީމާ، އިލްހާމަށް މިރަށަށް އާދެވުނީތީ، އަޅުގަނޑަށް އިލްހާމާ އެކުގައި މިރަށަށް އާދެވުނީތީ، އަޅުގަނޑުމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުން، އަޅުގަނޑުމެންނަށް މިރަށުން ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! މިފަދަ ނަޞީބުގަދަ ރަށެއް ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މިފެންނަނީ، މިރަށަކީވެސް ރާއްޖޭގައި އަޅާނުލެވި، އިހުމާލު ކުރެވިފައިވާ ރަށްތަކުގެ ތެރެއިން އެއްރަށް ކަމަށް. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ މިރަށަށް ކުރަން ޖެހިފައި ހުރި ކަންތައްތައް. މިރަށަށް ވަދެގެން އަންނައިރު އެންމެ ފުރަތަމަ މިރަށުގައި ބަނދަރެއް ނެތް. ލަފާނެ ފާލަމެއް ނެތް. ރަށުގެ ރައްޔިތުންވަނީ ނަރުދަމާގެ ނިޒާމަކަށް ބޭނުންވެފައި. އެގޮތުން ތުއްތު ކުދިން މިއަދު މިވަނީ ޕްރީސްކޫލަކަށް ބޭނުންވެފައި. ރަށުގެ ޒުވާނުން ވަނީ ކުޅިވަރު ކުޅޭނެ ދަނޑަކަށް ބޭނުންވެފައި. ރަށުގެ ކުނި ނައްތާލާނެ ނިޒާމެއް ނެތް. މިހެންގޮސް މި ލިސްޓް ވަރަށް ދިގުވެދާނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މިރަށަކީ ކިތަންމެ ވަރުގަދަ ޝަޚްޞިއްޔަތުތަކެއް އުފެދުނު ރަށެއް ކަމުގައިވީނަމަވެސް، ވަރަށް ބޮޑަށް އިހުމާލުވެވިފައި އޮތް ރަށެއް. ވީމާ، މިއަދު ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިރަށަށް އާދެވުނީމާ، އަޅުގަނޑުމެންނަށް މިރަށުގެ ޙާލަތު އޮތްގޮތް، ވަރަށް ކުޑަކުޑައިރުކޮޅެއްގެ ތެރޭގައިވެސް އެބަ ފެނޭ. ކަންދިމާވި ގޮތުން، އަޅުގަނޑުމެންނަށް މިއަދު މާގިނައިރު މިރަށުގައި ތިބެވޭކަށް ނެތް. އެހެން ނަމަވެސް، އަޅުގަނޑު އުފާކުރަން، މިރަށަށް ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އާދެވުނީތީވެ.

އަޅުގަނޑު މީގެކުރިންވެސް ތިޔަ ބޭފުޅުންނަށް ދަންނަވާފައި އޮންނާނެ، އަޅުގަނޑު ނުބަލަމޭ، ރަށެއްގެ ރައްޔިތުންނަކީ ކޮން ކުލައެއްގެ ބައެއް ކަމެއް. އަޅުގަނޑު ނުބަލަމޭ އެއީ ކޮން ޕާޓީއެއްގެ ބައެއްކަމެއް. އަޅުގަނޑުގެ ކުރިމަތީގައި ދިވެހި ރައްޔިތުންނަކީ ހައްތަހާވެސް ދިވެހި ރައްޔިތުން. އެއީ ހަމަހަމަ ބައެއް. ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި ކުރަންޖެހޭ މަސައްކަތް ފުޅާވެ، ހުރިހާ އެންމެންނަށް ހަމަހަމަކޮށް ޙިއްޞާވެ، އެކަންކަން ކުރުމަކީ ޤާނޫނުއަސާސީ މި ރާއްޖޭގެ ވެރިކަމާ ޙަވާލުވާން ތިބޭ މީހުންނަށް ލާޒިމްކުރާ ކަމެއް. އެހެންވީމާ، އެގޮތުން ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ އެއްވެސް ތަފާތެއްނުކޮށް.

އާދެ! ވަރަށް ހިތާމަހުރި ކަމެއް، ޢާއިލާއެއްގެ ތެރޭގައި މިބާވަތުގެ ތަފާތުތައް އުފެދެންޖެހުމަކީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، މިހުރި ތަފާތުތައްފިލައި، އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި، އަޅުގަނޑުމެންގެ ރަށުގައި އަދި އަޅުގަނޑުމެންގެ ޤައުމުގައި އަދިވެސް ޞުލްޙަމަޞްލަޙަތުކަން ޤާއިމްކުރެވި، އެއްބަނޑުއެއްބަފާކަން އިތުރުވެގެންދާނެކަން. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި ގޮތަށް. އަދި އަޅުގަނޑު މި ހޯލްތެރޭގައި ތިއްބެވި ބޭފުޅުންނަށާއި، މި ހޯލުން ބޭރުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަޢުވަތު އަރުވާނީ، ހުރިހާ ބޭފުޅުންވެސް އެއްބަނޑުއެއްބަފާކަމާއި އެއްބައިވަންތަކަމުގެ ހިތްޕުޅަކާއިގެން އެކުވެރިކަމާ އެކީގައި އަތުގުޅާލައިގެން މަސައްކަތް ކުރެއްވުމަށް.

އަޅުގަނޑަށް ހަމަ ޔަޤީން، މިހާރު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ވާދަވެރިކަމާއި ހަމަނުޖެހުންތައް ހަމަޖެހިގެންދާނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ މިބާވަތުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އުޅެވޭވަރަށްވުރެ މާ ކުޑަކުޑަ ޤައުމެއް. ޤައުމާއި ޤައުމުގެ މުސްތަޤްބަލާއިގެން ކުރިއަށް ދެވޭނީ، އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން. އެހެންވެގެން، އަޅުގަނޑު ވަޒީރުންގެ މަޖިލީހެއް އެކުލަވައިލިއިރުގައި، ހުރިހާ ސިޔާސީ ޕާޓީތަކަށް އަޅުގަނޑު ދަޢުވަތުދިނީ، ވަޒީރުންގެ މަޖިލީހުގައި ބައިވެރިވުމަށް. ބޮޑު އެއްޕާޓީގެ ފަރާތުން އަދި މި ދަޢުވަތު ޤަބޫލެއް ނުކުރޭ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައިވެސް ސަރުކާރާ ގުޅިގެން، އެމް.ޑީ.ޕީ.ގެ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް މިޤައުމާއިގެން ކުރިއަށް ދެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަދި މުސްތަޤްބަލުގައިވެސް ކިތަންމެ އަވަހަށް އިންތިޚާބެއް ބޭއްވިޔަސް، ދެން އޮންނަ އިންތިޚާބެއްވެސް ހަމަ ކާމިޔާބު ކުރެވޭނީ، އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން، އިންތިޚާބެއްގެ ތެރެއިން. މިއީ އަޅުގަނޑަށް ޔަޤީންވާ ކަމެއް. މިނޫން ގޮތަކަށް މިޤައުމުގައި މަޞްލަޙަތެއް ޤާއިމެއް ނުކުރެވޭނެ.

އާދެ! އަޅުގަނޑު މިއަދު މިތަނަށް ތެދުވީކީ މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުގެ ވާޖިބެއް މިއަދު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ސަރުކާރުގެ، އަޅުގަނޑުމެންގެ ދައުލަތުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އެރުވުން. އެގޮތުން، ﷲ އިރާދަކުރެއްވިއްޔާ، މިރަށަށްވެސް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ކޮންމެވެސް ކަންތަކެއް، ހަމަ މިއަހަރުވެސް ފަށައިގެން ކުރިއަށް ގެންދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އަދި އަޅުގަނޑު އުންމީދު ކުރަން، މާގިނަދުވަސްތަކެއްނުވެ ތަންކޮޅެއް ދިގު ވަގުތުކޮޅަކަށް އަޅުގަނޑަށް މިރަށަށް އާދެވޭނެ ކަމަށް. އަޅުގަނޑަށް އެނގޭ، މިފަހަރު މިދަތުރުގައި އަޅުގަނޑުމެންނަކަށް ނެތް އެއްވެސް ގެޔަކަށް ޒިޔާރަތްކޮށްލާނެ ވަގުތެއް. އެއީކީ މީހުން، އެމީހުންގެ އަމިއްލަ ރަށްރަށަށް، ގޭގެއަށް ވަދެއުޅޭ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑަކަށް މިރަށުން އެ ހިތްހަމަޖެހުމެއް ނުލިބޭނެ އަޅުގަނޑުމެންނަށް މިރަށަށް އަދި އާދެވިއްޖެކަމުގެ. ﷲ އިރާދަކުރެއްވިއްޔާ، އެހެންވީމާ، މާލަސްތަކެއްނުވެ އަނެއްކާވެސް އަޅުގަނޑު މިރަށަށް އެނބުރި އައުމަށްޓަކައި މަސައްކަތް ކުރާނަން.

އާދެ! އަޅުގަނޑު މިރަށަށް އައުމުގެ ސަބަބުން މިއަދު ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއް ހިތުގައި އުފެދިގެންދިޔަ ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން. އެހެން ނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، މިއީ ވަގުތީ ކަމެއް. އަޅުގަނޑުމެންނަށް މިކަމުން ސަލާމަތްވެވިގެން އަނެއްކާވެސް އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި، އަޅުގަނޑުމެންގެ ރަށުގައި ހަމަޖެހުމާއި ހިތްފަސޭހަކަން ލިބިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ހެޔޮ ރަޙްމަތް ލައްވައި، ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އޮމަދުއަކީ ފާގަތި، އުފާވެރި، ޞުލްޙަވެރި ތަނެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه