بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، ގާދިއްފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ފުރަތަމަ އަޅުގަނޑުގެ ވާޖިބަކީ، މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދެންނެވުން.

އާދެ! އަޅުގަނޑު ހަމަ ދަންނަވަންތޯ، ހަމަ ޙައިރާންވެފައި ހުރީ، މިރަށުގައި މިރަށުގެ ރައްޔިތުން ނަމާދުކުރާނެ މިސްކިތެއް ނެތް ވާހަކަ ބުނުމުން. ތެދެއް، އަންހެން ބޭކަނބަލުން ނަމާދު ކުރެއްވުމަށްޓަކައި ހުރި މިސްކިތެއް މިހާރު ބަދަލުކޮށް، ފިރިހެން ބޭކަލުން ނަމާދު ކުރައްވާ ގޮތަށް ހަމަޖެހިފައި ހުރީ. އެހެން ނަމަވެސް، އެއީކީ ޙައްލެއް ނޫން. ދިވެހިރާއްޖޭގައި ސަތޭކައިން ސަތޭކަ މުސްލިމް ޤައުމެއްގައި، ރައްޔިތުން ދިރިއުޅޭ މުޖްތަމަޢެއްގައި، ނަމާދުކުރަން މިސްކިތެއް ނެތުމަކީ އެއީ، އަޅުގަނޑުމެން މިއަދު އެކަމާ ހިތާމަކޮށް ލަދުގަންނަންޖެހޭ ކަމެއް. މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެކަން ނުކުރެވި ލަސްވި ކަމަށްޓަކައި އަޅުގަނޑު ހަމަގައިމުވެސް ލަދުވެތިވަން. އެއީ، މިދިޔަ ސަރުކާރުގެ ކޮންމެވެސް މަގާމެއްގައި އަޅުގަނޑުވެސް ހުންނަންޖެހުނު. ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން މެންބަރުން އިންތިޚާބުކޮށް މި ފޮނުވަނީ، މިހެން ހުންނަ ބޮޑެތި ކަންތައްތައް ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން. އެހެންވީމާ، މިވޭތުވެދިޔަ ތިން އަހަރު ދުވަހު މިރަށުގެ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ހުންނެވި ބޭފުޅަކީ އެއީ، މިތަނަށް އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ބޭފުޅެއްކަން ތިޔަބޭފުޅުންނަށް ޔަޤީންވެގެން ހިނގައްޖެ. އެހެން ނޫންނަމަ، މިހާރު އެކަން ހުރީހީ ކުރެވިފައި. އަޅުގަނޑަށް އަޅުގަނޑުގެ ސަމާލުކަމަށް މިކަން އައީ، މީގެ ދެތިން ދުވަސް ކުރިން. އަޅުގަނޑު ހަމަ ވަގުތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާ މިކަމާ ބެހޭގޮތުން ވާހަކަ ދެއްކިން. ވާހަކަ ދެއްކީމާ އެބޭފުޅާ ވިދާޅުވީ، މިހާރު ތިޔަ މަސައްކަތް އެބަ ހިނގައޭ. ﷲ އިރާދަކުރެއްވިއްޔާ، ތިޔަ މަސައްކަތް މިއަހަރު ތިމަންނަމެން ފަށާނަމޭ. އެހެންވީމާ، އަޅުގަނޑުގެ މިދަތުރުގައި، މިރަށުގައި މިސްކިތެއް ޢިމާރާތް ކުރުމުގެ ބިންގާ އެޅުމަށް ހަމަޖެހިގެންދިޔައީ. ނަމަވެސް، އިންތިޚާބަކާ ކުރިމަތިލައި، މަސައްކަތް ކުރެވެމުންދާއިރުގައި، މިކަހަލަ ކަމެއް ކުރީމާ، ބައެއްފަހަރަށް ރައްޔިތުންނަށް ހީފުޅުވެދާނެ، މިއީ އިންތިޚާބާ ގުޅިގެން އަނެއްކާވެސް ތިމަންނަމެންގެ ލޮލުގައި އަނދުނެއް އަޅުވާލުމަށްޓަކައި ކުރާ ކަމެކޭ. އަޅުގަނޑު ވަރަށް ދެރަވަން، އެހެން ހީފުޅުކުރައްވަފާނެތީ. އަޅުގަނޑު ޔަޤީންކޮށް އަރުވަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް. މިއީ އިންތިޚާބަކާ ގުޅިފައި އޮތް ކަމެއް ނޫން. މިމަސައްކަތް ކުރިއަށްދާނެ، މި އިންތިޚާބުގެ ކޮންމެ ނަތީޖާއެއް ނުކުތަސް. އެހެންވީމާ، އަޅުގަނޑު އެކަން ޔަޤީންކޮށް ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! އަޅުގަނޑަށް މިރަށަށް ނާދެވޭ ފަހަކަށްއައިސް. އެހެން ނަމަވެސް، މިރަށަކީ މިއީ އަބަދުވެސް އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ދަންނަ، އަނެއްކާ މިރަށުގެ ބައެއް ބޭކަލުންނާއި ބޭކަނބަލުންނާ ރައްޓެހިވެ ރަޙްމަތްތެރިވެފައިވާ ރަށެއް. މިރަށުގެ އަޅުގަނޑު ވަރަށް ކުރިއްސުރެ ދަންނަން ޢަބްދުލްޤާދިރުގެ ޢާއިލާ. ޤާދިރު މިހާރުވަނީ ނިޔާވެފައި. އެހެން ނަމަވެސް، އޭނާގެ ކުދިންނާއި ޢާއިލާ މިރަށުގައި އެބަތިއްބެވި. އެއީ، ގާތްގަނޑަކަށް މިވޭތުވެދިޔަ ސާޅީހަކަށް އަހަރު އަޅުގަނޑު ދަންނަ ޢާއިލާއެއް.
އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންނަކީ މުރާލި، މިރަށުގެ ރައްޔިތުންނަކީ ރަށްދެކެ ލޯބިވާ ބައެއްކަން. އެހެންވީމާ، މިރަށަށް މި ސަރުކާރުގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން. އަޅުގަނޑު ވަރަށް އުފާކޮށްފިން، މިހާރު ސަރުކާރުގެ ފަރާތުން ބޯޅަދަނޑު ހެދުމުގެ އިންތިޒާމްތައް ކޮށް ނިމިފައި ހުރީމާ. އެގޮތުން، ބޯޅަދަނޑަށް ޚަރަދުވާނެ ކަމަށް ލަފާކުރައްވައި، މިރަށުން އެންގެވި ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ސަރުކާރުގެ ފަރާތުން ހަމަޖެއްސެވި. ހަމަޖައްސަވައި މިހާރުވަނީ އެކަމާބެހޭ ފައިސާ ޖަމާކޮށް ނިންމަވާފައި.

އާދެ! ދެން މިކަހަލަ ކުދިކުދި ރަށްރަށުގައި، ރަށްރަށުގެ ތެރޭގައި ސިޔާސީ ބައިބައިވުން އުފެދުމަކީ އެއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހިފައިވާ ކަމެއް. ރަށްރަށުގައިތޯ، ޢާއިލާތަކުގައިވެސް މިހިރީ ޢާއިލާގެ ތެރޭގައި، މި ބައިބައިވުން އުފެދިފައި. އެއީ މިޤައުމަށް އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. ޢާއިލާތަކަށްވެސް ރަނގަޅު ގޮތެއް ނޫން. އެހެން ނަމަވެސް، ކޮންމެ ޢާއިލާއެއްގެ ތެރޭގައި މިކަން މިއޮތީ މިއަދުވެސް އުފެދިފައި. ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންދާ ކޮންމެ ގެޔަކުން، ދިޔަ ކޮންމެ ރަށަކުން މި ފެންނަނީ މި މަންޒަރު. މިކަން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ކުރަން. އެކަން ރަނގަޅު ކުރެވޭނީ، ފުރަތަމަ އަޅުގަނޑުމެންނަކީ އެއްދީނަކަށް ތަބާވެގެން ތިބި، އެއް ޤައުމެއްގެ، އެއްރަށެއްގެ، އެއްބަނޑުއެއްބަފާ ބައެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން. ސިޔާސީ ފިކުރު ތަފާތުވިޔަސް އަދި ފާއިތުވިތާނގައި އަޅުގަނޑުމެންނަށް ވަކި ޕާޓީއަކާ އެކީގައި އުޅެވުނު ކަމުގައިވީނަމަވެސް، މިހުރިހާ ކަމަކަށްވުރެ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި، ޞުލްޙަމަޞްލަޙަތު އޮތުން. ޢާއިލާތަކަށް ކުރިއަށް ދެވޭނީވެސް، ރަށްތަކަށް ކުރިއަށްދެވޭނީވެސް އަދި މިޤައުމަށް ކުރިއަށް ދެވޭނީވެސް، އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންވެސް ޕާޓީތަކުގައި ތިއްބަވާ ބޭފުޅުންނާވެސް ރަޙްމަތްތެރިކަން ބާއްވަވައި، ގުޅުން ބަދަހިކުރެއްވުމަށްޓަކައި އިތުރު ހިތްވަރެއްލެއްވުމަކީ އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދޭ ކަމެއް.

އަޅުގަނޑު މަސައްކަތް ކުރާނަން އަބަދުވެސް ހަމަ ހުރިހާ ބޭފުޅުންނާއެކީގައި، އެކީގައި އުޅެވޭތޯ. އެ ވަރިހަމަ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށްވިޔަސްވެސް. އެއީ އެމް.ޑީ.ޕީ.ގެ ބޭފުޅަކަށްވިޔަސް، އަޅުގަނޑުވެސް ޞުލްޙަވެރިކަމާއެކީގައި، ރަޙްމަތްތެރިކަމުގެ އަތް ހުރިހާ ބޭފުޅުންނަށްވެސް ދިއްކޮށްލާފައިވާކަން އަނެއްކާވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ހަނދާންކޮށްދެން. އެ ރަޙްމަތްތެރި ކަމުގެ ރައްދު، ހުރިހާ ފަރާތްތަކުން ދެއްވުމަކީ އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެއީ ކޮންމެހެން އަޅުގަނޑަށް ޒާތީގޮތުން އެކަން ބޭނުންވާތީކީ ނޫން. ނަމަވެސް، މިޤައުމުގައި މަޞްލަޙަތާއި، ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި އެކަން އެއީ މުހިންމު ކަމަކަށްވާތީ.

އަޅުގަނޑަށް އެނގޭ، ހިތްހަމަނުޖެހުންތަކެއް އެބައުޅޭ. އެހެން ނަމަވެސް، އެ ހިތްހަމަނުޖެހުންތައް އުފެދިފައިވާ ސަބަބުތަކާ ދޭތެރޭގައި ވިސްނާލެއްވުން ރަނގަޅު. ވިސްނާލެއްވުމަށްފަހުގައި، އެކަންކަމުގެ ސަބަބުން ގެއްލުންވާކަހަލަ ކަންތައް ވިޔަނުދެއްވުމަށް އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސް ކުރަން. އަޅުގަނޑަށް ޔަޤީންކުރެވޭ، އިރާދަކުރެއްވިއްޔާ ހަމަ ދާދި އަވަހަށް މިދެންނެވި ތަފާތުތައް ފިލައިގެންދާނެ. އަދި އަޅުގަނޑުމެންގެ ރަށާއި، އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުމުގައި، ހަމަ ހުރިހާ ފަރާތެއްގެ އެހީ ރަނގަޅަށް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެކަން އެގޮތަށްވާނީ، އަޅުގަނޑުމެންގެ ހިތް ރަނގަޅުވެގެން، އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީގައި، އެއްބަޔަކު އަނެއްބަޔަކާއެކީގައި ރަޙްމަތްތެރިކަން އުފެއްދުމަށްޓަކައި މަސައްކަތް ކުރީމާ.

އަޅުގަނޑުގެ ހިތުގައި ހަމަ ކުޑަވެސް ނުތަނަވަސްކަމެއް، ނަފުރަތުކަމެއް، އަޅުގަނޑުމެންގެ އެމް.ޑީ.ޕީ.ގައި ތިއްބަވާ އަޚުންނާއި އުޚުތުންނާ ދޭތެރޭގައި ނެތް ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. ކޮން ނަފްރަތުކަމެއްތޯ އޮންނަންވީ؟ ހަމަ އެ ޕާޓީގައިވެސް ތިބީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކުދިންވެސް އެބަތިބި. އަޅުގަނޑުގެ އަންހެނުންގެ އެއްބަނޑުއެއްބަފާ ކުދިންވެސް އެބަތިބި. އެމީހުންދެކެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ކިހިނެއްތޯ ރުޅިއާދެވޭނީ. ވަގުތީގޮތުން އައިސްފައިވާ ޚިޔާލުތަފާތުވުމެއް ނޫޅެއެކޭ ނޫން. އެހެން ނަމަވެސް، އެކަންކަމަކީ އެއީ ޙައްލު ކުރެވޭނެ ކަންކަން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ، މިޤައުމު ކުރިއަށްދިޔުން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ، ރަނގަޅު ޚިދްމަތްތައް ރައްޔިތުންނަށް ދިނުމަށް. ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެ، ރައްޔިތުންގެ ޙައްޤުތައް ދަނެގެން، ކޮންމެ ކުލައެއްގެ ބައެއް ކަމުގައިވި ނަމަވެސް އެދެނީ، މިހާރު އެކަން ވަރަށް ރަނގަޅަށް އެބަ ސާބިތުވެގެންދޭ. ސިޔާސީގޮތުން ޙަރަކާތްތެރިވާ ގިނަ ޕާޓީތަކެއްގެ ފަރާތުން. އެގޮތުން މިއަދުގެ ސަރުކާރަށް ތާއީދުކޮށްގެން، މަސައްކަތް ކޮށްދެއްވަމުން ގެންދަވަނީ އަދި މިހާތަނަށް އެމް.ޑީ.ޕީ ފިޔަވައި ހަމަ ދެންތިބި ހުރިހާ ޕާޓީތައް، ހުރިހާ ބޮޑެތި ޕާޓީތައް، ހުރިހާ ޙަރަކާތްތެރި ޕާޓީތައް.

އެހެންވީމާ، އަޅުގަނޑަށް ޔަޤީންކަން އެބައޮތް، ﷲ އިރާދަކުރެއްވިއްޔާ، މި ސަރުކާރާ ދޭތެރޭގައި ރައްޔިތުންގެ ލޯތްބާއި، ރައްޔިތުންގެ ތާއީދާއި، ރައްޔިތުންގެ ޔަޤީންކަން އޮންނާނެކަން. އަދި އަޅުގަނޑަށް ޔަޤީންކަން އެބައޮތް، މި ސަރުކާރުން ރައްޔިތުންގެ އުންމީދުތައް ފުއްދައިދެވޭނެ. މިއަދު ސަރުކާރުގެ ފަހަތުގައި، ސަރުކާރަށް ތާއީދުކޮށް، ސަރުކާރާ އެކީގައި މަސައްކަތް ކުރައްވަން ތިއްބެވި ޕާޓީތަކުގެ ބޭފުޅުން މިތާ އެބަ ތިއްބެވި. އޭގެތެރެއިން އެންމެބޮޑު ދެޕާޓީއަކީ މިހާރު ޕީ.ޕީ.އެމް. އާއި ޑީ.އާރު.ޕީ. ދެން ޕީ.ޕީ.އެމް އާއި ޑީ.އާރު.ޕީ އަކީވެސް ހަމަ އެއްޕާޓީއެއް ނޫންތޯ. މިއީ ހަމަ އެއްބައެއް ނޫންތޯ. ދެން ހަމަ އެއްބަޔަކަށްވާންވީ ބައެއް ނޫންތޯ. އަޅުގަނޑު މިދަންނަވަނީ، މިއަދު ސަރުކާރަށް ޚާއްޞަކޮށް، މި ދެޕާޓީއާއި ދެންވެސް އެހެން ޕާޓީތަކުންވެސް ދެއްވަމުން ގެންދަވާ ތާއީދު ވަރަށް މުހިންމޭ. މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ސަރުކާރު ކުރިއަށް ގެންދިޔުމަށްޓަކައިވެސް ބޭނުމޭ.

ޙަޤީޤަތުގައި އަޅުގަނޑު ރައީސްކަމާ ޙަވާލުވެގެން މިގެންދަނީ، 2008 ވަނަ އަހަރު ފެށުނު ޓާރމްގެ މަސައްކަތް. ތިޔަބޭފުޅުން އަޅުގަނޑަށް ވޯޓް ދެއްވައިގެން އަޅުގަނޑު އިންތިޚާބުކޮށްދެއްވި 2008 ވަނަ އަހަރު. ހަމަ ރިޔާސީ އިންތިޚާބުގައި، އެއް ޓިކެޓެއްގައި، މުޙަންމަދު ނަޝީދާ އެކީގައި އަޅުގަނޑު ތިޔަބޭފުޅުން އިންތިޚާބު ކުރެއްވި. ދެން އިންތިޚާބު ކުރައްވައިގެން، އޭރުގައި ދެން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ދެމީހުންކަން މިކަން ކުރަން ޖެހެނީ. ދެން މީގެތެރެއިން އެކަކަށް ނުކުރެވޭކަހަލަ ޢުޛުރެއް ދިމާވެއްޖެނަމަ، ދެން ހުރި މީހާ އެކަން ކުރަންޖެހޭކަން. އެހެންވީމާ، އެގޮތުން، ދެން ކޮންމެވެސް ސަބަބަކާހުރެ ނަޝީދު ޢުޛުރުވެރިވެވަޑައިގެންފި، އެމަނިކުފާނުގެ މަސައްކަތް އަދާކުރައްވަން. އެމަނިކުފާނު އިސްތިޢުފާ ދެއްވައިފި. ދެން އަޅުގަނޑަށް އަދި އަދަށްދާންދެންވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އަދި މުޅިއަކުން ސާފެއްނުވޭ، ކީއްވެގެން ކުރެއްވި ކަމެއް. އަޅުގަނޑު ދަންނަވާފައި އޮންނާނީ، އެއީ ކޮން ޙާލަތެއްގައި، ކީކޭ ހިތްޕުޅަށްއަރާވަޑައިގަންނަވައިގެން ކުރެއްވި ކަމެއްތޯއޭ؟ އޭގެ ޖަވާބު އަދި އަޅުގަނޑަކަށް ނުލިބޭ. ދެން ކޮންމެއަކަސް އިސްތިޢުފާ ދެއްވި. ދެއްވީމާ ދެން އަޅުގަނޑަށް، އަޅުގަނޑު ކޮށްގެންހުރި ހުވާ އަޅުގަނޑަށް މަޖުބޫރުކުރޭ، މިމަސައްކަތާ ޙަވާލުވާން. އެހެންވީމާ، ﷲ އިރާދަކުރެއްވި ގޮތުން، އަޅުގަނޑު މިކަމާ ޙަވާލުވެގެން މިހިރީ. ދެން މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން، އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް، މި ޓާރމް ނިމެންދެން.

އެހެން ނަމަވެސް، މިކަން ކާމިޔާބު ކުރުމުގައި، އަޅުގަނޑާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން. އެނގިވަޑައިގަންނަވާފައި އޮންނާނޭ ފަދައިން، އަޅުގަނޑުމެންގެ ކެބިނެޓްގައި ތިއްބެވީ މިދެންނެވި ޕާޓީތަކުގެ ބޭފުޅުން. ޑޮކްޓަރ މުޢިއްޒާއި، ޑޮކްޓަރ ޝަމްހީދާއި، ދެންވެސް ތިއްބެވި ހުރިހާ ބޭފުޅުންނަކީ އެއީ، މިދެންނެވި ޕާޓީތަކުގެ ބޭފުޅުން. އަޅުގަނޑަކަށް އެއީކީ މައްސަލައެއް ނޫން. އަޅުގަނޑަށް އެއީ ލިބުނު ވަރަށްބޮޑު ރަޙްމަތެއް. އެއީ މިބޭފުޅުންނުލައި އަޅުގަނޑަކަށް، އަޅުގަނޑު މިކަން ކުރަންވީ ގޮތަކަށް ނުކުރެވޭނެ ޙަޤީޤަތުގައި. އެހެންވީމާ،ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށްޓަކައި ރާއްޖޭގައި ތިބި އެންމެ ރަނގަޅު މީސްމީހުން ނަގައިގެން، އެކަން ކުރުން އެއީ އޭގެ އެންމެ ޞައްޙަ ގޮތަކީ. ސިޔާސީ ޕާޓީތަކޭ ކިޔާފައި، ކްލަބްތަކޭ ކިޔާފައި، ޖަމްޢިއްޔާތަކޭ ކިޔާފައި، ޤައުމުގައި ތިބި އެންމެ ކިޔަވައިގެން ތިބި ޤާބިލް، ތަޢުލމީ މީސްމީހުން ވެރިކަމުގެ ތެރޭގައި ސާބިތުނުކޮށް، އެމީހުންގެ އެހީތެރިކަމެއް ނުހޯދާ، މަސައްކަތް ކުރަން އުޅުމަކީ އެއީ އަދި މުޖްތަމަޢަށްވެސް އެންމެ ރަނގަޅު ގޮތެއް ނޫން.

އެހެންވީމާ، އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެންވެސް ޤަޞްދުކުރީ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން. ރޭ އަޅުގަނޑަށް ބޭފުޅަކު މެސެޖެއް ފޮނުއްވި، އެސް.އެމް.އެސް.އެއް. ފޮނުއްވާފައި މި ވިދާޅުވަނީ، މި ޤައުމީ އިއްތިހާދު ޕާޓީއާއި، ދިވެހި ޤައުމީ އެއްބައިވަންތަކަމުގެ އިއްތިހާދާ، މިއީ ހާދަ އެއްގޮތް ނަންތަކެކޭ. މިއީ ވަޙީދު ރާވައިގެން އުޅޭ ކަމެއްހެއްޔޭ. ނޫނީ މިއީ ހަމަ ދިމާވިގޮތްހެއްޔޭ؟ އަޅުގަނޑު ދެންނެވިން، އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު ޤައުމީ އިއްތިހާދު ޕާޓީ އުފައްދަން ހިތުގައިލީއިރުގައިވެސް އަޅުގަނޑު ހިތުގައި އޮތީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ފުރަތަމަ ފައްތަރުގެ ތެރޭގައި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ނޫނީ ރައްޔިތުންނަށް އެކަށީގެންވާފަދަ ގޮތަކަށް ޚިދްމަތެއް ނުދެވޭނެއޭ. އެހެންވީމައޭ އަޅުގަނޑު އެދުވަހުވެސް އެގޮތަށް ވިސްނީ. އެހެންވީމާ، އަޅުގަނޑަށް މިފުރްޞަތު ލިބުމާއެކުގައި، ކީއްވެގެންތޯ އަޅުގަނޑު ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެން ނުއުފައްދަންވީ. އެކަން ކުރަން ޖެހުނަސް ނުޖެހުނަސް. ލާޒިމް ވިޔަސް ނުވިޔަސް. އެއީ އެކަން ކުރަންވާގޮތް. އެހެންވީމާ، އެކަން އަޅުގަނޑު އެގޮތަށް ކުރީ.

މިއަދު މި އިއްތިހާދުގައި އެންމެބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ދެއްވާ އެއްފަރާތަކީ، އެއްޕާޓީއަކީ ޕީ.ޕީ.އެމް. އަޅުގަނޑަށް އެނގޭ، ތިޔަ ހުރިހާ ބޭފުޅުން އެކަން ގަބޫލުފުޅު ކުރައްވާނެ. ޕީ.ޕީ.އެމް.ގެ ފަރާތުން މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އަލްފާޟިލް އަޙްމަދު ޝަރީފް އާދަމް ކުރިމަތިލައްވައިފި. ސަރުކާރު ވަރުގަދަ ކުރުމަށްޓަކައި، ސަރުކާރުގެ ފަހަތުގައި ތިބި ޕާޓީތަކުގެ އިއްތިހާދުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުން އެއީ، ވަރަށް މުހިންމު ކަމެއް. އޭރުން އަޅުގަނޑުމެން ބޭނުންވާގޮތަށް، އަޅުގަނޑުމެން ބޭނުންވާ ކަންކަން، ރައްޔިތުންގެ މަޖިލީހުގައި ނިންމައިގެން ކުރިއަށް ގެންދަން ފަސޭހަވާނީ. މި ސަބަބަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން އިއްތިހާދުގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް، މަސައްކަތްކޮށް، އެ އިންތިޚާބަށް ނެރެދޭން. އަޅުގަނޑު އެހެންވީމާ، ވަރަށް ސާފު ޢިބާރާތުން މިދެންނެވީ، މިކަން އޮތްގޮތް. ދެން މިކަމުގައި، މި ހޯލްތެރޭގައި ތިއްބެވި ބޭފުޅުންނާއި، މި ހޯލްތެރެއިން ބޭރުގައި ތިއްބެވި ބޭފުޅުން، ރަނގަޅަށް ވިސްނަވާފައި ވޯޓް ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދެން ހުކުރު ދުވަހެއްގެ މި ހޫނު ވަގުތުގައި، މާގިނައިރު މިތާ ތިއްބެވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. އެހެން ނަމަވެސް، މިއަދު މިރަށުގެ ރައްޔިތުން އަޅުގަނޑާއި އަޅުގަނޑާ އެކުގައި ވަޑައިގެންނެވި ބޭފުޅުންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑު ދުޢާކުރަން، މިރަށުގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ރަޙްމަތް ލެއްވުމަށް. اللّـه سبحـانـه وتعـالى ތިޔަބޭފުޅުންގެ މި ޖަމާޢަތަކީ އުފާވެރި، ފާގަތި އަދި ޞުލްޙަވެރި ޖަމާޢަތެއް ކަމުގައި ލައްވާށި.

والســّلام عليــكم ورحـمــة اللّـه وبـركاتـه