ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް އަވަހަށް ޙައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިކަންކަން ޙައްލުވެގެންދިޔުމުގައި ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެއަތޮޅު އޮމަދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮމަދުއަކީވެސް ރާއްޖޭގައި އަޅާނުލެވި އިހުމާލު ކުރެވިފައިވާ ރަށެއްކަން ފާހަގަކުރައްވަމުން، ރަށުގެ ޙާލަތު އޮތް ގޮތް ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނގިވަޑައިގެންފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން، އޮމަދުއަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ކޮންމެވެސް ކަންތައްތަކެއް މިއަހަރު ފަށްޓަވައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ކުރިފުޅުމަތީގައި ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށާއި އެހެންކަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ނުބައްލަވާ ހަމަހަމަ އުސޫލުން ކަންތައްތައް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.