ތަޢުލީމީ އަދި ޤާބިލު ބޭފުޅުން ހިމަނުއްވައިގެން މެނުވީ ރައްޔިތުން އެދޭފަދަ ސަރުކާރެއް ނުހިންގެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ގާދިއްފުއްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ ސަރުކާރަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމް.ޕީ.ޑީ ފިޔަވައި ސިޔާސީ ބޮޑެތި ޕާޓީތައްކަންވެސް ފާހަގަކުރެއްވިއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރަށް ރައްޔިތުންގެ ލޯތްބާއި ތާއީދާއި ރައްޔިތުންގެ ޔަޤީންކަން އޮންނާނެ ކަމަށާއި، ރައްޔިތުންގެ އުންމީދުތައް މި ސަރުކާރުން ފުއްދައިދޭނެ ކަމުގެ ޔަޤީންކަންވެސް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއަކަށް ނިސްބަތްވި ކަމުގައިވީނަމަވެސް ހުރިހާ ރައްޔިތުންނަކީވެސް އެއްބައެއް ކަމަށާއި، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީވެސް މި ވިސްނުންފުޅުގައި ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުދި ރަށްރަށުގައި ސިޔާސީ ބައިބައިވުން އުފެދުމަކީ، މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހިފައިވާ ކަމެއް ކަމަށާއި، ޢާއިލާގެ ތެރޭގައިވެސް ބައިބައިވުން ވަނީ އުފެދިފައި ކަމަށް ވިދާޅުވިއެވެ. ކޮންމެ ރަށަކުން މި މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، މިކަން ރަނގަޅުކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެކަން ރަނގަޅުކުރެވޭނީ އަޅުގަނޑުމެންނަކީ، އެއް ދީނަކަށް ތަބަޢަވެގެން ތިބި އެއް ޤައުމެއްގެ، އެއްރަށެއްގެ، އެއްބަނޑުއެއްބަފާބައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިގެންނެވެ. މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި، ސުލްހަމަޞްލަޙަތު ޤާއިމުވެފައި އޮތުމެވެ. ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެހެންނަމަވެސް، އެ ހިތްހަމަނުޖެހުންތައް އުފެދިފައިވާ ސަބަބުތަކާ ދޭތެރޭގައި ވިސްނާލުމަށްފަހު، އެކަންކަމުގެ ސަބަބުން ގެއްލުންވާ ކަހަލަ ކަންތައް ވިޔަނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.