މިހާތަނަށް އިހުމާލު ކުރެވިފައިވާ ރަށްރަށަށް މި ސަރުކާރުން ޚާއްޞަ ސާމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، ގުރައިދުއަށް ވަޑައިގެން ގުރައިދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ގުރައިދުއަކީވެސް އިހުމާލުކުރެވިފައިވާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގުރައިދޫ ރައްޔިތުންނަކީ ފެށުނީއްސުރެ ރަށުގެ ތަރައްޤީއަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ރައްޔިތެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުންނާ ދޭތެރޭގައިވެސް ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މިއަދުގެ ސަރުކާރަށް ގުރައިދޫ ރައްޔިތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކުރައްވައި ގުރައިދޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ކުރެއްވި ހުވައާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، އަބަދުވެސް ހުންނަވާނީ ވަރަށް ސާބިތުކަމާއެކީގައި ކަމަށް ވިދާޅުވިއެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ކަންކަން ހިންގުމަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި ޤައުމު ކުރިއަށް ގެންދެވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.