ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސާކް ޤައުމުތަކުގެ ޞިއްޙަތާބެހޭ މިނިސްޓަރުންގެ 4 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ޕެރެޑައިސް އައިލެންޑް ރިޒޯޓްގައި އޮތް މިބައްދަލުކުރެއްވުމުގައި، ސާކް ސަރަހައްދުގައި ޞިއްޙީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އަދި، ހުރިހާ ޤައުމަކުންވެސް ގުޅިގެން މަސައްކަތްކޮށްފިނަމަ މިދިޔަ އަހަރުގެ ސާކް ސަމިޓުގައި އެއްބަސްވެވިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރެވިދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސާކް ޤައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން، ސާކް ސަރަޙައްދުގައި ހުރިހާ ދާއިރާއަކުންވެސް، ޚާއްޞަކޮށް ޞިއްޙީ ދާއިރާއިން އިތުރަށް ތަރައްޤީ ހޯދިދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، 7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ މަޢުލޫމާތު، ސާކް ހެލްތް މިނިސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.