ސާކްގެ ސަރަޙައްދީ އެއްބާރުލުމުގެ ތެރެއިން ޤައުމުތަކުގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ރަނގަޅުކުރެވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ސާކް ޞިއްޙަތާބެހޭ މިނިސްޓަރުންގެ 4 ވަނަ ބައްދަލުވުން މިއަދު އިފްތިތާޙްކޮށްދެއްވަމުންނެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ޕެރެޑައިސް އައިލެންޑް ރިޒޯޓްގައި އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުތަކަށް ކުރިމަތިވެފައިވާ ޞިއްޙީ މައްސަލަތަކުގެ މިންވަރާއި، އަހަންމިއްޔަތުކަން ދޭންޖެހޭ ކަންކަމުގެ ތަފާތުތަކެއް ހުރި ކަމުގައިވީނަމަވެސް، ޞިއްޙީ މައްސަލަތައް ޙައްލުކުރުމުގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން ބަދަހިކުރުމާއި އަދި ސަރަޙައްދީ ޞިއްޙީ މުއައްސަސާތަކުގެ މުހިންމުކަމާ ބެހޭގޮތުން އެއްވެސް ޝައްކެއް އުފެދިފައިނުވާ ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މިކަންކަމަށް އެޅިދާނެ ފިޔަވަޅުތައް ހޯދުމުގައިވެސް މިފަދަ ސަރަޙައްދީ އެއްބާރުލުމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ސާކް ޞިއްޙަތާބެހޭ ވަޒީރުންގެ ބައްދަލުވުން އެންމެ ފަހުން ބާއްވަވާފައިވަނީ 2006ވަނަ އަހަރުކަން ފާހަގަކުރައްވަމުން، މި ފާއިތުވި އަހަރުތަކުގެ ތެރޭގައި ރައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވާ މައްސަލަތައް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާނޭ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ މި ބައްދަލުވުމުގައި، ސާފުތާހިރުކަމާ ގުޅުންހުރި ކަންކަމާއި، ގައިންގަޔަށް އަރާ ބަލިތަކާއި އަދި ކާބޯތަކެތީގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭތީ އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުންނާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ބައޯ-ޓެރަރިޒަމްގެ ނުރައްކަލާ ބެހޭގޮތުންވެސް މުސްތަޤުބަލުގައި މިފަދަ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.