މިއަދު މެންދުރުފަހު އިންޑޮނީޝިއާ ސަރަޙައްދަށް އައި ބިންހެލުމާ ގުޅިގެން، ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ރާއްޖޭގެ މިޓިއޮރޮލޮޖިކަލް ސެންޓަރުން ލިބިފައިވާތީ، މިކަން ބެއްލެވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން، ވަޒީރުން ކުރައްވަމުން އެބަގެންދަވައެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު ވަޒީރުންގެ މަޖިލިސް އެއްކުރައްވައި، މިފަދަ ޙާލަތުތަކާ ގުޅިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނާއި، ނޭޝަނަލް މިޓިއޮރޮލޮޖިކަލް ސެންޓަރުން ކަންތައްތައް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އުސޫލުތައް ތަންފީޒުވަމުންދާ މިންވަރު ބައްލަވައި، އެކި ފަރާތްތަކަށް ޞައްޙަ މަޢްލޫމާތު ޙިއްޞާ ކުރެއްވުމުގެ ކަންތައް ހިނގަމުންދާ ގޮތް އޮޅުންފިލުއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެދުނުކެނޑި މަޢްލޫމާތު އެއްކުރައްވަމުންވެސް އެބަގެންދަވައެވެ.

ބިންހެލުމުގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކުރިނަމަވެސް، އެއްވެސް ފަރާތަކަށް އަދި ތަކެއްޗަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.