ޖަރުމަނުވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް، ކްރިސްޓިއަން ވޮން ސްޓެޓަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔުމާ ގުޅިގެން ސަރުކާރަށް ސިޔާސީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައި ވިދާޅުވިއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު އޮނަރަރީ ކޮންސަލަށް ދެއްވިއެވެ. އަދި، ނިމިގެންދިޔަ އައި.ޓީ.ބީ. ބަރލިން ފެއަރ ވެގެންދިޔައީ ބޭރުގެ ދުނިޔޭގައި ރާއްޖެއާމެދު އުފެދިފައިވާ ތަޞައްވުރު މިހާރަށްވުރެ ރަނގަޅުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮނަރަރީ ކޮންސަލް ކްރިސްޓިއަން ވޮން ސްޓެޓަން ދެއްކެވި ވާހަކަފުޅުގައި، ޖަރުމަނުވިލާތާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރެއްވިއެވެ. އަދި އެކިއެކި ދާއިރާތަކުގައި މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.