ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޤައުމީ އިނާމާބެހޭ ކޮމިޓީ މިއަދު އިފްތިތާޙް ކުރައްވައިފިއެވެ. މިކޮމިޓީ އިފްތިތާޙުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީއަކީ ވަރަށް މިނިވަން ކޮމިޓީއެއް ކަމަށާއި، މި ކޮމިޓީއަށް އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުންވެސް އެއްވެސް ސިފައެއްގައި މިކަމުގެ ތެރެއަށް ވެދެވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ކޮމިޓީގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނާމަށް މީހުން ހޮއްވެވުމުގައި މިހާރު ބައްލަވަމުން ގެންދަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަކީ، ކޮމިޓީގެ ފުރިހަމަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީއަށް މި ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، ވަރަށް ތަޖުރިބާކާރު ބޭފުޅުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ، ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، އަދި ކުރިން ދައުލަތުން ދެއްވަމުން ގެންދެވި އިނާމުތައް ކަނޑައެޅުއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިން އޮތް ޤައުމީ އިނާމާބެހޭ ކޮމިޓީން މި ވޭތުވެދިޔަ 3 އަހަރު ދުވަހު ކުރެއްވި ބުރަ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ކޮމިޓީގެ މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އަލުން ޢައްޔަން ކުރެއްވީ އިއްޔެއެވެ. އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިންގެ އިތުރުން، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ ސިގްމާ އަލްއުސްތާޛު ޢަބްދުﷲ އާދަމާއި، މާފަންނު މަޚްމާވިލާ އަލްފާޟިލް އިބްރާހީމް އިސްމާޢީލާއި، މައްޗަންގޮޅީ ފިއަވަނި އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މައްޗަންގޮޅީ ދަގަނޑުކެނޑިގޭ އަލްފާޟިލާ ފާޠިމަތު ޢާފިޔާ އާއި، ހެންވޭރު މާދޫގޭ އަލްފާޟިލް ޙުސައިން ޢާމިރާއި، މާފަންނު ހަޒާރުމާގޭ އަލްފާޟިލް އަޙްމަދު ވަޖީހާއި، މާލެ ވިލިނގިލީ އަވަށު ފަހިދޫ އަލްފާޟިލާ ޝުހުދާ ފުއާދެވެ.