ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުއްޔަށް ދެއްވާ ރަށްރަށާއި ބިންތަކުގައި ޢިމާރާތް ކުރުމަށް މިހާރު ދެއްވާ ބިމުގެ ޖާގަ، ސަރުކާރުން ކަނޑައަޅުއްވާ އުސޫލެއްގެ ގޮތުން 20 ޕަސެންޓުން 30 ޕަސެންޓަށް އިތުރުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިކަމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ޓޫރިސްޓް ފެސިލިޓީޒް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ވިޔަފާރި ފުޅާކުރުމުގެ ފުރްޞަތު، ރިޒޯޓްގެ ބިމުގެ ޖާގައިގެ 20 ޕަސެންޓް ހަމަވުމުން ނުވަތަ ހަމަވުމާ ގާތްވުމުގެ ސަބަބުން ގެއްލިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މާކެޓް ޑިމާންޑަށް ބޭނުންވާނެ ކަމަށް ލަފާކޮށްފައިވާ އެނދުގެ ޢަދަދު ހަމަކުރުމަށް ރަށުގެ ބިމުން ޢިމާރާތްކުރާ މިންވަރު އިތުރުކުރުމަކީ، ރަށް ތަރައްޤީ ކުރުމަށް ލިބޭ މުހިންމު ފުރްޞަތެއް ކަމުގައިވެސް މެންބަރުން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ޔޫޓިލިޓީ ކުންފުނިތަކުން ދެމުންގެންދާ ޚިދްމަތްތައް ދިނުމަށް، ވަކި އެއް ކުންފުނި އުފެއްދެވުމަށްވެސް ނިންމެވިއެވެ. އަދި އާބާދީ މަދު ރަށްރަށަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވަމުންދާތީ، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށްރަށާ ދޭތެރޭގައި ސަރުކާރުން ޢަމަލުކުރައްވާނެ ސިޔާސަތެއް ކަނޑައެޅުއްވުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވިއެވެ.