ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސާކްގެ އާ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ސަލީމާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްގައި ނިންމުނު ކަންކަން ތަންފީޒުކުރެއްވުމަށް ކުރެވެންހުރި ކަންކަމާއި މިކަންތައް އަވަސްކުރެއްވުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރެއްވިއެވެ،

މި ބައްދަލުކުރެއްވުމުގައި، ސާކް ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ސާކް ސެކްރެޓޭރިއޭޓް މިހާރަށްވުރެ ހަރުދަނާކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސާކާއި، ސާކްގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މަޢްލޫމާތުވެސް، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

އަލްފާޟިލް އަޙްމަދު ސަލީމް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ކަންކަމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ސާކަކީ ވަރަށް ބޮޑު ކުރިމަގެއް އޮތް ޖަމްޢިއްޔާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ޙާއްސަކޮށް ސާކަކީ ވިޔަފާރީގެ ދާއިރާގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު އޮތް ޖަމްޢިއްޔާއެއްކަމުގައިވެސް އަޙްމަދު ސަލީމް ވިދާޅުވިއެވެ.