މާލެއަތޮޅުގެ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، މާލެއަތޮޅުގެ އެކި ރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އެރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެރަށްރަށުގައި އިހުމާލުވެފައިވާ ދާއިރާތަކުގެ ތަފްޞީލް، ކައުންސިލްތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަސައްކަތްފުޅު ކުރައްވަމުން ގެންދަވަނީ، ހުރިހާ ސިޔާސީ ޕާޓީތަކެއްވެސް ވީހާވެސް ގުޅިގެން ޤައުމުގެ ކަންތައް ކުރިއަށް ގެންދެވޭތޯ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުއްވައިދެއްވަމުން ގެންދަވާ ޚިދުމަތްތައް ހަރުދަނާ ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ ޤައުމުގައި އަމަން ޤާއިމްކޮށް، ރައްޔިތުން އެއްބައިވަންތަކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެއަތޮޅު ކައުންސިލްތަކުގެ މެންބަރުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށްރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވަކި ކުލައަކަށް ނުބައްލަވައި، ޤާނޫނުއަސާސީ ތަންދޭ މިންވަރަކުން ހުރިހާ ރައްޔިތުންނަށް ވީހާވެސް ހަމަހަމައަށް ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާލެއަތޮޅު ހުރިހާ ރަށްރަށަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، އެ އަތޮޅު ކައުންސިލްތަކުގެ މެންބަރުން އެމަނިކުފާނަށް މިއަދު ދަޢުވަތު އެރުވިއެވެ.