ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މެލޭޝިޔާގެ ޓޫރިޒަމްގެ މަތީ ފެންވަރުގެ ވަފްދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ އެންމެ ބޮޑު ޞިނާޢަތަކީ ފަތުރުވެރިކަމުގެ ދާއިރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މެލޭޝިޔާގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް މެލޭޝިޔަން އެސޯސިއޭޝަން އޮފް ޓުއަރ އެންޑް ޓްރެވެލް އޭޖެންޓްސްގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެލޭޝިޔާއަށް ޒިޔާރަތްކުރާ ދިވެހިންގެ ޢަދަދު ވަރަށް ގިނަކަން ފާހަގަކުރައްވަމުން، ދެޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި މެލޭޝިޔާ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ފަތުރުވެރިކަމުގެ މުހިންމު މަންޒިލެއްކަން ފާހަގަކުރެއްވިއެވެ. އަދި، މެލޭޝިޔަން އެސޯސިއޭޝަން އޮފް ޓުއަރ އެންޑް ޓްރެވެލް އޭޖެންޓްސްގެ ފަރާތުން އިންތިޒާމް ކުރައްވައިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑް އިސްލާމިކް ޓުއަރިޒަމް މާޓްއަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ރަނގަޅު ފުރްޞަތަކަށް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.