بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި މި އުންމަތުގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދެން. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން، މި ޞަލަވާތާއި ސަލާމްގައި ޝާމިލްކުރަން.

ހިތަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެހެނިހެން ޢިއްޒަތްތެރިން.

السّــلام عليــكم

މިއަދު އަޅުގަނޑު މިރަށަށް އައި މާޙައުލު ވަރަށް ތަފާތު، އެންމެފަހުން އަޅުގަނޑު އައި ދުވަހާ. އަޅުގަނޑު މީގެ ހަތަރު ފަސް މަހެއްގެ ކުރިން މިރަށަށް އައިން. މިރަށުގެ މާގިނަ މީހުންނަކަށް، ބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާނެ، އަޅުގަނޑު މިރަށަށް އައިކަމެއް. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާ އައިސް، މިރަށުގައި ކުޑަކޮށް ހިނގާލައި، ބައެއް ގޭގެއަށް ވަދެލާ ހެދީމު، އެދުވަހު މެންދުރުފަހު. އެއީ މިރަށަކީ އަޅުގަނޑު ވަރަށް މަޤްބޫލު، އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިން ތިބޭ ރަށަކަށްވާތީ. އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގައި ހުރި އެންމެ ރީތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ހައްދުންމަތި ހިތަދުއަކީ. އަބަދުވެސް ދިވެހިރާއްޖޭގެ ރީތިކަމުގެ ވާހަކަ ދައްކާއިރުގައި، ރާއްޖޭގެ ރަށްތަކުގެ ރީތިކަމުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑު އަބަދުވެސް ދައްކަނީ މިރަށުގެ ވާހަކަ. އެއީ ކީއްވެތޯ؟ އަޅުގަނޑަކީ ވަރަށް ބޮޑަށް ގަސްގަހަށް ލޯބިކުރާ މީހެއް. މިރަށުގައި މިހިރަ ރީތި ބިޔަ އަނބުގަސްތަކާއި، ބަނބުކެޔޮ ގަސްތަކާއި، ޖަނބުރޯލު ގަސްތަކާއި، ޖަންބު ގަސްތަކާ، މިއީ ޢާންމު ގޮތެއްގައި، ކޮންމެ ކޮންމެ ރަށަކުން ފެންނަ އެއްޗިއްސެއް ނޫން. އަދި މިރަށުގެ މަގުމަތީގައި ހިނގާލާފައިދާއިރުގައި، ހިތްފަސޭހަ ކަމަކީ، އެ ބޮޑެތި ގަސްތަކުގެ ހިޔަލުގައި، އަޅުގަނޑުމެންނަށް ހިނގާލުމުގެ ފުރްޞަތު ލިބޭކަން. އެހެންވީމާ، މިރަށް އަޅުގަނޑަށް އަބަދުވެސް އިޙްސާސް ކުރެވިފައި އޮންނަނީ، އަބަދުވެސް ސިފަކުރެވިފައި އޮންނަނީ، ހަމަ ދިވެހިރާއްޖޭގައި އޮތް އެންމެ ހިތްފަސޭހަ، އެންމެ ރީތި އެއްރަށް ކަމަށް.

އާދެ! ދެން މި ހުރިހާ ދުވަސްވީއިރުގައި، މިރަށުގެ ރައްޔިތުން ބޭނުންވެވަޑައިގަންނަވާ ކަންތައްތަކެއް ސަރުކާރަށް މިދަނީ ހުށަހަޅަމުން. އެގޮތުން، މިރަށުގެ ބަނދަރު ހެދުމުގެ ވާހަކަވެސް ހަމަ ކޮންމެ އަހަރަކު އެބަ ހުށަހަޅުއްވާ. އަނެއްކާ ދެންމެ ތިޔަ އިވިވަޑައިގަތް ފަދައިން، ބަޖެޓްގައިވެސް އެބަ ހިމަނާ. އެކަމަކު ބަޖެޓްވެސް ކަނޑާލާފައި މިއޮންނަނީ. މިއަހަރުގެ ބަޖެޓްގައިވެސް މިރަށުގެ އެއްވެސް ކަމެއް ކުރުމުގެ ބަޖެޓެއް ނެތް. ދެން އަޅުގަނޑުގެ ހިތަށް އެބައަރާ، ކީއްވެގެންބާއޭ މިރަށުގެ ބައެއް ޒުވާނުން ނުކުމެ އެހާވަރަކަށް، ކުރީގައި ތިއްބެވި ބޭފުޅުން ނެތީމަ، އެކަމާ ކަންބޮޑުވެވަޑައިގެން އެ އުޅުއްވަނީ. މިއައި ބަދަލާ ދޭތެރޭގައި، މިބޭފުޅުން އެހާ ކަންބޮޑުވެވަޑައިގެން އެ އުޅުއްވަނީ ކީއްވެގެންބާއޭ، އެއްވެސް ކަމެއް މިރަށަށް ނުވެ އޮތްއިރުގައި. އޭގެ ޖަވާބު ދެންމެ މި އަޑުއިވުނީ. އެއްގޮތަކަށްވެސް އެއީ ބޭފުޅުން ގިނަވެގެން ވާގޮތެއް ނޫނޭ. އެއީ ސްޕީކަރު ބޮޑުވެގެން ވާކަމެއް ނޫނޭ. އެކަމަކު އަޅުގަނޑު ނުދެކޭނަން، މިރަށުގެ ތަރައްޤީގެ ޙައްލަކީ ބޮޑެތި ސްޕީކަރު ކަމަކަށް. މި ސްޕީކަރުތަކުގެ އިތުރަށް، ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި.

އެގޮތުން، ރަށެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ، އެންމެ ފުރަތަމަ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ މައްޗަށް. ރަށުގެ ކުދިބޮޑު އެންމެންގެ މައްޗަށް. ޚާއްޞަކޮށް، ކުޑަކުދިންގެ ތަޢުލީމާއި، ޒުވާނުންގެ ހުނަރުވެރިކަމާއި، ރައްޔިތުންގެ ވަޒީފާ ލިބުމާ، މިކަންކަމާ ގުޅިފައި ހުންނަނީ ރަށެއްގެ ތަރައްޤީ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރާނީ، އިރާދަކުރެއްވިއްޔާ، މިރަށުގެ ތަޢުލީމީ ކަންކަން، މިހާރަށްވުރެވެސް ރަނގަޅު ކުރެވޭތޯ.

ދެންމެ އަޅުގަނޑުމެން އަޑުއެހިން، މިރަށުގެ ރައްޔިތުން ވަރަށްބޮޑު ހިތްވަރެއްކޮށްގެން، މި ޢިމާރާތް މިތާނގައި ބިނާކޮށްފައި މިހިރީ. މިހާރު ޢިމާރާތުގެ ގޮތުން، ކުރިއަށްވުރެ ތަންކޮޅެއް ތަނަވަސް. އެހެން ނަމަވެސް، ރަށެއްގެ ތަޢުލީމުގެ ކަންތައް ކުރިއަށްދާނީ، އެ ތަޢުލީމުދޭން ތިބޭ ޓީޗަރުންގެ ފެންވަރުވެސް ރަނގަޅުވެގެން. އެކަމަށްޓަކައި ޓީޗަރ ޓްރޭނިންގ ޕްރޮގްރާމްގެ ކަންތައްތައް މިހާރުވަނީ ރޭވިފައި. މިރަށުގެ ޓީޗަރުންނަށްވެސް އޭގެ މަންފާ ކުރާނެ ކަމަށް އަޅުގަނޑު ހީކުރަން.

ދެން ތަޢުލީމާ އެއްވަރަށް އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ އަނެއްކަމަކީ، ޞިއްޙަތު. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިރަށުގެ ޞިއްޙީ މަރްކަޒުގެ ޚިދްމަތް މިހާރު ވަނީ އެހާ ރަނގަޅަކަށް ނޫން ހަމަޖެހިފައި. އެކަންކަން އެބަ ރަނގަޅުކުރަންޖެހޭ. މިރަށުގައި ޓެސްޓް އެއްޗެހި ހެދޭގޮތެއް ނުހުރޭ. ލެބޯރެޓަރީގެ އިކްވިޕްމަންޓްތައް ވަނީ ހަލާކުވެފައި. އެހެންވީމާ، އަޅުގަނޑުމެންގެ ހެލްތް މިނިސްޓަރ މިތާ ވަޑައިގެން އެބަ އިންނެވި. އެބޭފުޅާއަށް އަޅުގަނޑު ވަރަށް ދަންނަވަން. މިރަށުގެ ޞިއްޙީ މަރްކަޒު، މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ގޮތެއް ހައްދަވައިދެއްވާށޭ. އާދެ! މިއީ މިހާރުން މިހާރަށްވެސް އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ކަންކަމުގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. ދެން ހުރީ މިއަށްވުރެ ތަންކޮޅެއް ބޮޑެތި ކަންތައް. އެކަންކަންވެސް އަޅުގަނޑުމެން ޖެހޭނެ ކުރަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ކޮންމެވެސް ގޮތެއް އެބަ ހޯދަންޖެހޭ. މިރަށުގެ ބަނދަރުގެ ވާހަކަ ތިޔަބޭފުޅުން އެބަ ދައްކަވާ. ބަނދަރަކީ ހަދަންޖެހޭ އެއްޗެއް. ކޮންމެ ރަށެއްގައިވެސް އެކަން ކުރަން އެބަޖެހޭ. އެހެންވީމާ، އެކަމަށްޓަކައިވެސް މަޝްރޫޢެއް ރޭވިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އެކަން ކުރެވެން އޮތް ގޮތަކުން ކުރުމަށްޓަކައި މަސައްކަތް ކުރާނަން. ހަމައެފަދައިން ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤެއް ނަރުދަމާގެ ޚިދްމަތްވެސް. އަދި ބޯފެނުގެ ޚިދްމަތްވެސް. މިހެން ހުރި ހުރިހާ ކަންތައްވެސް ﷲ އިރާދަކުރެއްވިއްޔާ، ވަކި ނިޒާމެއްގެ ދަށުން، ވަކިގޮތަކަށް ރަނގަޅަށް ރޭވިގެން، އެކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

އާދެ! އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވެގެން މަސައްކަތް ފެށީމާ، ބައެއް ފަރާތް ފަރާތުން ތިޔަބޭފުޅުން ކަންބޮޑުކުރުމުގެ ގޮތުން، ބައެއް ޢިނާޔަތްތައް ލިބިވަޑައިނުގަންނަވާފާނެ ކަމަށާއި، އަދި މުސާރަވެސް ލިބިވަޑައިނުގެންފާނެ ކަމަށް ވާހަކަފުޅު ދައްކާ ހެދި. އެހެން ނަމަވެސް، މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދައުލަތުގެ ފަރާތުން ތިޔަ ބޭފުޅުންނަށް އަރުވަންޖެހޭ ހުރިހާ ޢިނާޔަތެއް، ހުރިހާ އެހީތެރިކަމެއް ބަރާބަރަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެމުން ގެންދާނަން. މިގޮތުން، ދައުލަތުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކާއި އަދި ދުވަސްވީ މީހުންނަށް ސަރުކާރުގެ ފަރާތުންދޭ، ކުރިން ދެމުންއައި ދެހާސް ރުފިޔާ، މިހާރު ދެހާސް ތިންސަތޭކަ ރުފިޔާއަށް އިތުރުކޮށް، އެފައިސާވެސް ރައްޔިތުންނަށް ލިބެމުންދާނެ. ހަމަ އެހެން، ނުކުޅެދޭ ކުދިންނަށާއި، އެކަނިވެރި މައިންނަށް ލިބޭ ޢިނާޔަތްތައްވެސް އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަދި ހަމައެހެން، ޞިއްޙީ ގޮތުން ތިޔަބޭފުޅުންނަށް ދެމުންގެންދާ ޚިދްމަތް، މިހާރަށްވުރެ ރަނގަޅުކޮށް، ދައުލަތުގެ ފަރާތުން މިހާރު ހަމަޖައްސަވާފައިވާ އާސަންދަ ޕްރޮގްރާމްގެ ބޭނުން، އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ކުރެވޭނޭ އިންތިޒާމެއް ހޯދުމަށްޓަކައި އަޅުގަނޑުމެން މިހާރު މިދަނީ މަސައްކަތް ކުރަމުން.

އާދެ! ދެން އޮތީ މި ސަރުކާރާ ދޭތެރޭގައި މިހާރު ދެކެވޭ ބައެއް ވާހަކަތައް. މިސަރުކާރާ ދޭތެރޭގައި ދައްކާނެ ވާހަކައެއް ނެތް ޙަޤީޤަތުގައި. ވާހަކަ މި ދައްކަނީ، ކުރާނެ ކަމެއް ނެތިގެން އުޅޭ ބައެއް މީސްމީހުން. މިސަރުކާރު މިއޮތީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައި، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހުވާލައިދީފައި ހުރި ރައީސެއް، ތިޔަ ބޭފުޅުންގެ ކުރިމަތީގައި ހުރީ. ތިޔަބޭފުޅުންނަކަށް އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަށް ނުޖެހޭ. އަޅުގަނޑުމެން އުފައްދާފައިވާ ސަރުކާރެއް. މިޤައުމުގައި ހިމެނޭ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތައް، އޭގެތެރޭގައި ހިމެނޭ ޤައުމީ ވަޒީރުންގެ މަޖިލިސް. އެ ޤައުމީ ވަޒީރުންގެ މަޖިލީހުގައި މިތިއްބެވީ، ޒުވާން، ކަމަށް ކުޅަދާނަ، ޤާބިލް ބޭފުޅުން. މިބޭފުޅުންނަށް ނުކުރެވުނު ކަމެއް، ވަކި ކުރެވޭނެ އެހެން ބަޔަކު ތިބޭނެ ކަމަކަށް ތިޔަބޭފުޅުން ގަބޫލުކުރައްވާނެ ކަމެއް ނެތް. އެހެންވީމާ، ކޮން ވާހަކައެއްތޯ ދައްކަންވީ. އަޅުގަނޑު މިހިރީ ވަރަށް ސާބިތުކަމާ އެކީގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓަން. ޤާނޫނުތައް ދަމަހައްޓަން. ޤާނޫނުގެ ބާރު ރާއްޖޭގައި ދެމެހެއްޓުމަށް ވަރަށް ސާބިތުކަމާ އެކީގައި، ތިޔަބޭފުޅުންގެ ފަހަތްޕުޅުގައި އަޅުގަނޑު އަބަދުވެސް ދެމިހުންނާނަން. އެއްގޮތަކަށްވެސް މީހަކު ދައްކާ ވާހަކައެއް އަޑުއައްސަވާނެ ކަމެއް ނެތް. މީހަކު ބުނާހާ ކަމެއް ކުރަންހުރި މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ގިނަ ޢަދަދެއްގެ މީހުން ތަމްސީލުކުރާ ސިޔާސީ ޕާޓީތައް އެކުލެވިފައިވާ ވަޒީރުންގެ މަޖިލީހާއި، ރައްޔިތުން މަޖިލިސް، އެ އަންގަވާ ގޮތަށް، އެ ވިދާޅުވާގޮތަށް ދިވެހި ރައްޔިތުންނާއިގެން އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި، ރާއްޖޭގައި ޞުލްޙަވެރި މާޙައުލެއް ޤާއިމްކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަން، އެގޮތުގައި ސާބިތުވެހުރި މީހެއް. ކުޑަކޮށްވެސް ޝައްކެއް ނުކުރައްވާތި، އަޅުގަނޑު، އަޅުގަނޑުގެ ވާޖިބު، ޤާނޫނީ ވާޖިބު އަދާކުރުމުގައި، ހަމަ އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑު ހަމަ މިހާރުވެސް މިހުރި ގޮތަށް، ކެތްތެރިކަމާއެކީގައި، ވަރަށް ސާބިތުކަމާއެކީގައި، ވަރަށް ފުދިގެން އަޅުގަނޑު ތިޔަ ބޭފުޅުންނާ އެކީގައި ހުންނާނީ.

މިއަދުގެ މި ހޫނު ވަގުތުގައި، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވީތީ، އަޅުގަނޑުމެން ވަރަށް އުފާކޮށްފިން. އަދި އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރުޙަބާ، މިރަށުގެ ޖިންސުއްލަޠީފުންގެ ނެށުމަކާއެކީގައި ތިޔަ ދެއްވި ހޫނު މަރްޙަބާ، އަޅުގަނޑު އުފަލާއެކީގައި، ލޯތްބާއެކީގައި ގަބޫލުކުރާ ވާހަކަ ދަންނަވަން.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް اللّـه سبحـانـه وتعـالى ބަރަކާތާއި ނިޢުމަތް ދެއްވުން. ތިޔަބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބެވި އުފާވެރި، ފާގަތި މާޙައުލެއްގައި ދިރިއުޅުއްވާ ނަޞީބުވެރި ބައެއް ގޮތުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه