بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ތިޔަބޭފުޅުން، މި ރަތްދަކަ އަވީގައި އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، މިރަށުގެ ކުދިބޮޑު އެންމެންނަށް އަޅުގަނޑު ލޯތްބާއެކީ ޝުކުރު ދަންނަވަން.

އާދެ! މިރަށުން މިފެންނަނީ ވަރަށްވެސް، ކީކޭ ދަންނަވާނީ، ވަރަށް ލައިވްލީ، ވަރަށް ރަނގަޅު މަންޒަރުތަކެއް. ވަރަށް ޙަރަކާތްތެރި މަންޒަރުތަކެއް. އެގޮތުން، އަޅުގަނޑު މިރަށަށް އެރީއްސުރެ މިއަޑުތަކުގެ ތެރޭގައި އަޅުގަނޑުމެން މިދަނީ. މަޑުމައިތިރިކޮށް އޮންނަ މިކަހަލަ ރަށަކަށް މިއީ އާދަޔާ ޚިލާފު ކަމަކަށް ފަހަރެއްގައިވެދާނެ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއެއް މިރަށްރަށަކަށް ކޮންމެ ކޮންމެ ދުވަހަކު ނާދޭ. އެހެންވީމާ، މިއަދު އަޅުގަނޑު އައި ދުވަހު މިހާ އުފާވެރި، މިހާ ޙަރަކާތްތެރި މަންޒަރެއް ފެނިގެންދާ ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑަށް އެނގޭ، އެ ރަމްޒުކޮށްދެނީ، ދިވެހި ރައްޔިތުން ދިވެހި ސަރުކާރާ ދޭތެރޭގައި އޮންނަ ޝައުޤުވެރިކަމާއި އިޙްތިރާމާއި މަޤްބޫލުކަން.

އާދެ! މިހާރު ސަރުކާރަށް މިއައި ބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އަޅުގަނޑު ޙަވާލުވިފަހުން އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގައި އޮތް ހުރިހާ ސިޔާސީ ޕާޓީތަކަކާއެކީގައި، އެކުވެރިކަމާއެކީގައި މަސައްކަތް ކުރެވޭތޯ. އަޅުގަނޑުގެ ޢަޒުމަކީ، ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް، އެކީގައި މަސައްކަތްކޮށް، ޤައުމުގައި އެކުވެރިކަމާއި އެއްބާރުލުމާއި، ޞުލްޙަވެރިކަން ޤާއިމްކުރުން. ﷲ އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރާނަން.

ދިވެހިރާއްޖެއަކު ހަމަނުޖެހުން އުފައްދާ ބަޔަކަށް ތަނެއް ނެތް. ދިވެހިރާއްޖެއަކު ތަނުގެ މަޞްލަޙަތު ނަގާލަން އުޅޭ ބަޔަކަށް ތަނެއް ނެތް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ، ޞުލްޙަވެރިކަމާއި، އެކުވެރިކަމާއި އެއްބާރުލުން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނޭ. އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި، ތިޔަބޭފުޅުންނާއެކީގައި މިހިރީ ކުރިއަށްދާން. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އޮތްގޮތް ވަރަށް ސާފުކޮށް އެއޮތީ ލިޔެފައި. އެ ޤާނޫނުއަސާސީ ކިޔަން ނޭނގޭ މީހަކު މިއަދު މި ރާއްޖެއަކު ނޫޅޭނެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ލިޔަންކިޔަން ދަންނަ މީހުން. ދިވެހިރާއްޖޭގައި ނޫޅޭނެ ލިޔަންކިޔަން ނުދަންނަ މީހުންނެއް. އެހެންވީމާ، ޤާނޫނުއަސާސީ ރަނގަޅަށް ބަލައިލީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީގައި އޮތީ ކޯއްޗެއްކަން. މިއަދު ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމްކޮށް، އެ ޤާނޫނީ ސަރުކާރުގެ އެންމެ އިސް މީހެއްގެ ގޮތުގައި މިހިރީ އަޅުގަނޑު. އެހެންވީމާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދެމެހެއްޓުމާއި، ޤާނޫނުތައް ދެމެހެއްޓުމަކީ، އަޅުގަނޑު އެންމެ އިސްކަންދޭނެ ކަމެއް. މިކަމުގައި އަޅުގަނޑު ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން.

އާދެ! އަޅުގަނޑުމެންގެ މަޤްޞަދަކީ، މި ރަށްރަށަށް ތަރައްޤީ ގެނައުން. ކުރިއެރުން ގެނައުން. އެހެންވީމާ، އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. އަޅުގަނޑަށް މިހާރު އެނގިފައިވާ ގޮތުގައި، މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، މިރަށް ކުރިއަރުވާކަށް ސަރުކާރަކުން މާބޮޑު މަސައްކަތެއް ކޮށްފައެއްނެތް. އަޅުގަނޑު ހީކުރީ އެކަމަކު މިރަށަށްވެސް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްދީފައި ހުންނާނެ ކަމަށް. އެހެނެއް ނޫން އެކަން އޮތީކީ. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިރަށުގެ ކަންތައްތައް، މިއަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މިތިބީ މަސައްކަތް ކުރަން. އެގޮތުން، މިރަށުގެ ހައްތަހާވެސް މިފެންނަނީ ޒުވާނުން. މިހުރިހާ ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި މިރަށުގައި. ޒުވާނުން ކުޅިވަރު ކުޅޭ ތަންތަން އެބަ ހުންނަންޖެހޭ. ޒުވާނުން މުނިފޫހިފިލުވާނެ ތަންތަން އެބަ ހުންނަންޖެހޭ. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ މި އިންނެވި ޒުވާނުންގެ ޒުވާން މިނިސްޓަރު އަޅުގަނޑަށް ޔަޤީންކަން ދެއްވައިފި، މިރަށުގެ ކުޅިވަރު ކުޅޭ ތަންތަން ރަނގަޅަށް ހައްދަވައިދެއްވާނެ ކަމަށް. މިރަށުގެ ބޯޅަދަނޑުގައި ވަށާފާރު ލައްވައި، އެތަނަށް ކުރަންޖެހޭ ކަންތައް ކޮށްދެއްވާނެ ކަމަށް.

ދެން މިރަށުގެ އާބާދީއަކީ ވަރަށް ޅަ އާބާދީއެއް. އެހެންވީމާ، މިރަށުގެ ސްކޫލް އެބަ ރަނގަޅު ކުރަންޖެހޭ. ކަންދިމާވިގޮތުން، މިދިޔަ އަހަރު މި ސްކޫލްގެ ނަތީޖާ، ކުރީ އަހަރަށްވުރެ ތަންކޮޅެއް ދަށްކޮށް ފެނިގެންދިޔައީ. އެކަން އަޅުގަނޑުމެން ރަނގަޅު ކުރަން އެބަޖެހޭ. ދެން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު މިތާނގައި އަލަށް ހެދި ކްލާސްރޫމްތަކެއް މިހާރު އެހެރީ ނިމިފައި. އެހެންވީމާ، އެކްލާސްރޫމްތަކުގައި ރަނގަޅު ފެންވަރަކަށް ކިޔަވައިދިނުމަކީ އެއީ ކުރަންޖެހޭ ކަމެއް. އެހެންވީމާ، މިރަށުގެ ކުޑަ އާބާދީ، މި ސްކޫލްގައި ތިބި ހުރިހާ ކުދިންނަށްވެސް ރަނގަޅު ފެންވަރެއްގައި ކިޔަވައިދިނުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން މިސްކޫލަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުން އަޅުގަނޑު އެދެން.

މިރަށުގެ ޒުވާނުންނަކީ ކެރޭ، ހީވާގި، މަސައްކަތަށް ލޯބިކުރާ ބައެއްކަން އަޅުގަނޑަށް އެނގޭ. އެއީ އަޅުގަނޑު ދެފަހަރެއްގެ މަތިން، މިތާ ކައިރީގައި މިއޮންނަ ރިޒޯޓަށް އަޅުގަނޑު ހިނގައްޖައިން. ދިޔައީމަ އެ ރިޒޯޓްގައި މަސައްކަތް ކުރަން އެބައުޅޭ، މިރަށުގެ ވަރަށްގިނަ ޢަދަދެއްގެ ކުދިން. އެކުދިންނަކީ ވަރަށް މުރާލި، ވަރަށް ހީވާގި، މަސައްކަތަށް ކަމޭހިތާ ކުދިބައެއް. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކުރެވޭ، މިރަށުގެ ޒުވާނުން، ރަނގަޅު ތަޢުލީމެއް ލިބިއްޖެނަމަ، ރަނގަޅު މަސައްކަތަށް ނުކުމެ، ވަޒީފާތައް އަދާކުރަމުން ގެންދާނެ ކަމަށް. އަދި ރަށަށް ރަނގަޅު އާމްދަނީއެއް ލިބިގެންދާނެ ކަމަށް. އެހެންވީމާ، މިރަށުގައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ތަޢުލީމީ ކަންކަމަށް ސަމާލުކަންދިނުން. އަދި ކައިރީގައި ހުރި ރިޒޯޓްތަކުގައި މަސައްކަތް ކުރެވޭނޭ އެކިއެކި ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުން. އެހެންވީމާ، ސްކޫލް ނިމޭ ކުދިންނަށް، އަޅުގަނޑުމެން އެބަޖެހޭ އެކިއެކި ހުނަރުތައް ދަސްކޮށްދޭން. އެހެންވީމާ، ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން މިރަށުގައި އެބަ ފަށަންޖެހޭ. އެކަމަށްޓަކައި އަޅުގަނޑު ދަންނަވަން، ވަޒީރު، މިރަށުގެ ޒުވާނުންނަށް ހުނަރު ދަސްކޮށްދޭ އެފަދަ ޕްރޮގްރާމެއް ފަށްޓަވައިދެއްވުމަށް.

އާދެ! އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ބެހެއްޓެވި، ދެއްކެވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ވަރަށް އުފާކުރަން، ތިޔަބޭފުޅުން ތުއްތު ކުދިންނަށް ޕްރީސްކޫލްގެ މަސައްކަތްވެސް މިރަށުގައި ކުރައްވަމުން ގެންދަވާތީ. ޕްރީސްކޫލަކީ އެއީ މިހާރު ރަށު ކައުންސިލްގެ ދަށުން ކުރަންޖެހޭ ކަމެއް. ރަށު ކައުންސިލްގެ މަސައްކަތުގެ ތެރޭގައި ހިމަނާފައިވާ ކަމެއް. ނަމަވެސް، އެކަން ކުރުމުގައި، ދައުލަތުގެ ފަރާތުން އެހީތެރިވެދޭންޖެހޭނެ. އެހެންވީމާ، ރަށުގެ ކައުންސިލަށް، ޕްރީސްކޫލް މިއަށްވުރެ ރަނގަޅަށް ހިންގުމަށްޓަކައި ދޭންޖެހޭ އެހީތެރިކަން ދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އެދުމަކީ، މިރަށަކީ ވަރަށް އެކުވެރި، ވަރަށް ޞުލްޙަވެރި އަދި ތިޔަ ހުރިހާ ރައްޔިތުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބެވި އުފާވެރި، ފާގަތި ދިރިއުޅުމެއް އުޅުއްވާ ބޭފުޅުންކޮޅަކަށްވުން. اللّـه سبحـانـه وتعـالى ތިޔަބޭފުޅުންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه