بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް މަރްޙަބާ ކިޔުމަށްޓަކައި ނުކުމެވަޑައިގަތް ކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ވަރަށް ހޫނު މަރްޙަބާއެއް ތިޔަބޭފުޅުން ވިދާޅުވެއްޖައީމު. ތުއްތު ކުދިންނާއި، ދުވަސްވީ މީހުންނާ، ހުރިހާ އެންމެން ނުކުމެ، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވީތީ، ތިޔަ ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރިއްޔާ.

އާދެ! އަޅުގަނޑަށް މިރަށަށް ނާދެވޭތާ އަނެއްކާވެސް ދުވަސްކޮޅެއްކޮށްލާފައި މިއާދެވުނީ. އެންމެފަހުން އަޅުގަނޑު އައީ، އަޅުގަނޑު ޕާޓީއެއް އުފައްދަން އުޅުނު ދުވަސްވަރު. އެއީ މީގެ ގާތްގަނޑަކަށް ތިންއަހަރު ދުވަސް ކުރިން. ދެން މިދޭތެރެއިން ނާދެވި ހުރެފައި މިހާރު މިއާދެވުނީ. އިރާދަކުރެއްވިއްޔާ، ދެން އަނެއްކާވެސް މާގިނަދުވަސްނުވެ އާދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވާ ވާހަކައަކީ، މިރަށުގައި ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ. އެގޮތުން، މި ސްކޫލްގެ މިހާރު ފަށާފައި މިހިރަ ޢިމާރާތް، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު މެދެއްހާ ހަމައަށްދާންވާއިރަށް ނިންމައިދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އާދެ! އެކަމަށްޓަކައި އަޅުގަނޑުމެން ފައިސާ ހޯދެން ހުރި ފަރާތަކުން ހޯދައިގެން، އެކަން ކުރުމަށް އަޅުގަނޑުމެން ގަސްތުކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަންވާނެ.

ދެން އަޅުގަނޑުމެން އިތުރު ކަންތައްތަކެއް މިދަތުރުގައި އަޅުގަނޑު ދަންނަވާކަށްނެތީމު ކޮށްދެވޭނެއެކޭ. އެއީ މިހާރު ވަރަށްގިނަ ކަންތައްތަކެއް ކުރަން އެބަހުރި. އޭގެތެރޭގައި، ގެދޮރު އެޅުމުގެ މަޝްރޫޢެއްވެސް އެބައުޅޭ. އެހެން ނަމަވެސް، އެ މަޝްރޫޢަށް އަދި ފައިސާ ހޯދިފައެއް ނެތް. އެހެންވީމާ، އެކަން އަދި ޖެހޭނީ އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް ބަލައި، އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން. ވީމާ، އަޅުގަނޑުމެންނަށް ވެވެންހުރި ހުރިހާ އެހީއެއް، މިރަށުގެ ރައްޔިތުންނަށް ވެދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އަޅުގަނޑު މިއަދު މިއައީ ތިޔަބޭފުޅުންގެ ޙާލު ވަރަށް ގާތުން ބަލައިލުމަށްޓަކައި. ތިޔަބޭފުޅުންނާ ބައްދަލުކޮށް ސަލާމްކޮށްލުމަށްޓަކައި. އިރާދަކުރެއްވިއްޔާ، މާގިނަ ދުވަހެއްނުވެ، އަނެއްކާވެސް މިރަށަށް އައުމުގެ ފުރްޞަތު ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރާނީ، ހަމަ ހުރިހާ ޕާޓީއެއްގެ ބޭފުޅުން ގޮވައިގެން، ހުރިހާ ކުލައެއްގެ މީހުން ގޮވައިގެން، އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީގައި، މިތާނގައި ޞުލްޙަމަޞްލަޙަތު ޤާއިމްކޮށް، އެކުވެރިކަމާއެކީ ކުރިއަށްދެވޭތޯ. އެހެންވީމާ، އެގޮތުން އަޅުގަނޑު މަރްޙަބާ ދަންނަވަން ހަމަ ހުރިހާ ބޭފުޅުންނަށްވެސް. ތިޔަބޭފުޅުންގެ ހުރި ޚިޔާލުފުޅުތަކާއި ޝުޢޫރުތައް އަޅުގަނޑުމެންނަށް ހަމަ ވިދާޅުވެދެއްވީމާ، އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ފަރާތުން އެއްވެސް ތަފާތުކަމެއްނެތި، ހަމަހަމަކަމާއެކީގައި ހުރިހާ ބޭފުޅުންނަށް ކަންތައް ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

ދެން އަޅުގަނޑު މިދަނޑިވަޅުގައިވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ދައުލަތުގެ ފަރާތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހުރިހާ ޢިނާޔަތްތައް، ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ. އެގޮތުން، ދުވަސްވީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައްވެސް، ހަމަ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ހަމަ ބަރާބަރަށް ލިބިވަޑައިގަންނަވާނެ. އަދި ހަމައެހެން، އެކަނިވެރި މައިންނަށާއި، ނުކުޅެދޭ ކުދިންނަށާއި، އަދި ޞިއްޙީ ގޮތުންވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހުރިހާ ކަންކަމެއް، އިރާދަކުރެއްވިއްޔާ ހަމަ ހަމަޖެހިގެން ރަނގަޅަށް ކުރިއަށްދާނެ. އެހެންވީމާ، އެވާހަކަ އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންނަށް ދަންނަވަން. އެއްގޮތަކަށްވެސް މި އައި ބަދަލަކީ މިއީ ޤަބޫލުފުޅު ކުރައްވާ، މިއީ ރަނގަޅު ބަދަލެއް. މިކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. މިހާރަށްވުރެވެސް ރަނގަޅަށް، ކަންތައްތައް ހަމަޖެހިގެން ތިޔަބޭފުޅުންގެ އިޙްސާސްތަކާއި، ތިޔަބޭފުޅުންގެ ބޭނުންފުޅުތަކާއި ކަންކަން ދެނެގެން، ވަރަށް ގާތުން ތިޔަބޭފުޅުންނާ އެކީގައި ދައުލަތުން މަސައްކަތް ކުރަމުން ގެންދާނީ.

އެހެންވީމާ، އެގޮތުން މިދަތުރުގައި އަޅުގަނޑާއެކީގައި އެބަ ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، މިއަތޮޅުގެ ހަތަރު މެންބަރުން ވަޑައިގެން އެބަތިއްބެވި. އަދި ހަމައެހެން، އަޅުގަނޑުމެންގެ ވަޒީރުންގެވެސް، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި އަދި ޒުވާނުންނާއި ކުޅިވަރާ ބެހިވަޑައިގަންނަވާ ވަޒީރާއި، އަދި ހަމަ އޭގެއިތުރުން، ޢުމްރާނީ ކަންކަމާ ބެހިވަޑައިގަންނަވާ ވަޒީރުވެސް އަޅުގަނޑުމެންގެ މިދަތުރުގައި އެބަ ބައިވެރިވެވަޑައިގަންނަވާ. އެހެންވީމާ، މިހުރިހާ ބޭފުޅުންވެސް، ތިޔަބޭފުޅުންގެ އިޙްސާސްތަކާއި، ތިޔަބޭފުޅުންގެ ބޭނުންފުޅުތައް ވަރަށް ގާތުން ބަލައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަންކަމެއް ކޮށްދޭނެ ވާހަކަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ތިޔަބޭފުޅުންނަށް ދަންނަވަން. ހުރިހާ ބޭފުޅުން ވަޑައިގެންދެއްވީތީ، އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ނަޞީބު ﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه