ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ސަރުކާރަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވައިފިއެވެ. މިރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދެންނެވީ، އެރަށުގެ ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މިއަދު ބައްދަލުކުރައްވައެވެ.

މިއަދު އޮތް ބައްދަލުކުރެއްވުމުގައި، ސަރުކާރާ ދޭތެރޭގައި، ރަސްމާދޫ ރައްޔިތުން ތިއްބެވީ، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް، ކައުންސިލް މެންބަރުން އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ސާބިތުކަމާއި ހިތްވަރުފުޅަށް ތަޢުރީފް ކުރެއްވިއެވެ. އަދި ރައްޔިތުން ދެކެން ބޭނުންވާ އަޚްލާޤާއި ހައިބަތު ދެއްކެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަސްމާދޫ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައްތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، ކައުންސިލްގެ މެންބަރުން އެމަނިކުފާނަށް މިއަދު ދަޢުވަތު އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ވެވަޑައިގެންނެވި އަވަހަކަށް އެއަތޮޅަށްވެސް ޒިޔާރަތް ކުރެއްތޯ ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ.