بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ގާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،

 

އާދެ! އަޅުގަނޑުމެން އަބަދުވެސް، އަޅުގަނޑަށް ހީވެފައި އޮންނަނީ ހައްދުންމައްޗަކީ ވަރަށްބޮޑު އަތޮޅެކޭ. އެހެންވީމާ، ހައްދުންމައްޗަކީ ރާއްޖޭގައި އޮތް އެންމެ އާބާދީ ގިނަ އެއް އަތޮޅު ކަމަށްވެފައި، ބިމުގެ ގޮތުންވެސް އެންމެބޮޑު އެއް އަތޮޅު ކަމަށްވެފައި. އަޅުގަނޑުމެންގެ ވިސްނުން، ގިނަފަހަރަށް މިހުންނަނީ ބޮޑު އަތޮޅެއްގެ ވިސްނުމަށް. ނަމަވެސް، ގާދުއަށް މިއަދު އައުމުން، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވިއްޖެ، އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަކީ، މަދު އާބާދީ ދިރިއުޅޭ ރަށްތަކެއްކަން. އަދި ބިމުގެ ގޮތުން ކިތަންމެ ބޮޑަސް، ކުދި އާބާދީ ހުންނަ ރަށްތައް އަދިވެސް ރާއްޖޭގައި ވަރަށްގިނަ. އާބާދީ ކިތަންމެ ކުޑަޔަސް، ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތަކެއް، ޚިދްމަތްތަކެއް، ހަމަ ހުރިހާ ރައްޔިތުންނަށްވެސް އެބަ ލިބިދޭންޖެހޭ. މިއަދުގެ ޤާނޫނުއަސާސީ ބުނާގޮތުން، ދައުލަތުގެ ފަރާތުންދޭ ޚިދްމަތްތައް، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި އެބަދޭންޖެހޭ. އެހެންވީމާ، އަޅުގަނޑުވެސް ގަބޫލުކުރަން، ތިޔަބޭފުޅުން ތިދެއްކެވި ވާހަކަފުޅު، މިރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް އަސާސީ ޚިދްމަތްތައް އެބަ ރަނގަޅު ފެންވަރެއްގައި ލިބިދޭންޖެހޭ. އެއީ ދައުލަތުގެ ވާޖިބެއް ކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަން.

އާދެ! މިދެންނެވި ޚިދްމަތްތަކުގެ ތެރޭގައި، އެންމެ އަސާސީ ޚިދްމަތްތަކަކީ، ތަޢުލީމު ދިނުމާއި، ރަނގަޅު ފެންވަރެއްގެ ތަޢުލީމު ދިނުމާއި، ރަނގަޅު ފެންވަރެއްގެ ޞިއްޙީ ޚިދްމަތް ލިބުމާއި އަދި ހަމައެހެން ރަނގަޅު ބޯހިޔާވަހިކަމާއި، ނަރުދަމާގެ ނިޒާމާއި، ބޯފެނާއި، ކުޅިވަރު ކުޅުމާ، މިހުރިހާ ކަމަކީވެސް މިއީ ރައްޔިތުންގެ ޙައްޤުތަކެއް. ކުޑަކުޑަ ޖަމާޢަތެއްގައި، މިހުރިހާ ޚިދްމަތްތަކަކީވެސް ދޭންޖެހޭ ޚިދްމަތެއް ކަމުގައިވީނަމަވެސް، އެ ޚިދްމަތްތަކުގެ ފެންވަރު، ވަކިވަރަކަށްވުރެ މައްޗަށް ގެންދިޔުމަކީ އެއީ ފަސޭހަ ކަމަކަށް ނުވާނެ. މިސާލަކަށް ދަންނަވަނީނަމަ، އަޅުގަނޑުމެންގެ މި ކުޑަކުޑަ ސްކޫލް. މި ސްކޫލްގެ ފެންވަރު ވަކިވަރަކަށްވުރެ މައްޗަށް ގެންގޮސް، މިރަށުގައި އޭ ލެވެލްގެ އިމްތިޙާނަށް ކިޔަވައިދީ އަދި ކޮލެޖްގެ ފެންވަރަށް ކިޔަވައިދީ، މިކަންކަމަކީ މިއީ ރަނގަޅު ފެންވަރެއްގައި ކުރެވޭނެ ކަންތަކެއް ނޫން. ހަމައެހެން، ޞިއްޙީ ޚިދްމަތް ދިނުމުގައިވެސް، ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ބައިތިއްބައިގެން، ސްޕެޝަލިސްޓް ޑޮކްޓަރުން ބައިތިއްބައިގެން، ދޭންޖެހޭ ބޮޑެތި ޚިދްމަތްތައް ދިނުމަކީ އެއީ ފަސޭހަ ކަމެއް ނޫން. އެކަމަކީ ވަރަށްބޮޑު ޚަރަދެއް ކޮށްގެން ނޫނީ ނުކުރެވޭނެ ކަންތައްތައް.

އެހެންވީމާ، މިބާވަތުގެ ކުދި ޖަމާޢަތްތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ގެންގުޅެންޖެހޭ ތަފާތު ވިސްނުންތަކެއް. އޭގެ އެއް ވިސްނުމުގެ ވާހަކަ، ކައުންސިލްގެ ރައީސް ދެންމެ އެ ވިދާޅުވީ. އެއީ މި ޖަމާޢަތްވެސް، އެހެނިހެން ބޮޑެތި ޖަމާޢަތްތައް ދިރިއުޅޭ ބިމަކާ ގުޅިފައި އޮތުން. ނަމަވެސް ކަންދިމާކުރި ގޮތުން، ޤުދްރަތީ ގޮތުން މިރަށް މި އުފެދިފައިވަނީ ދެކިލޯ މީޓަރަށްވުރެން ދުރުމިނުގައި ފުނަދުއާ. އެހެންވީމާ، އެރަށާ ގުޅެން އޮންނާނެ ހަމަ އެންމެ ގޮތަކީ، މިދޭތެރޭގައި ކޯޒްވޭއެއް ހެދުން. އެއީ އެއްގޮތް. އަނެއްގޮތަކީ، ބިން ބޮޑު ތަނަކަށް، ޚިދްމަތްތައް ހުރި ތަނަކަށް ރައްޔިތުން ދިޔުން. މިދެގޮތް މިއޮތީ. ރައްޔިތުންގެ ޚިޔާލުފުޅާއި، ރައްޔިތުން ބޭނުންފުޅުވާގޮތް، މީގައި މިއީ ވަރަށް މުހިންމު ބައެއް ކުޅޭނެ ކަމެއް. އަޅުގަނޑަށް އެނގޭ، މިރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުން ބޭނުންފުޅުވާނީ، މިރަށުގައި ތިއްބެވުމަށް. އެހެންވީމާ، މިދެންނެވި ދެގޮތުންކުރެ ތިޔަބޭފުޅުން ބޭނުންފުޅުވާގޮތް ތިޔަބޭފުޅުން ތި ވިދާޅުވީ. އަޅުގަނޑުމެންގެ ވާޖިބަކީ، ސަރުކާރުން އެކަން އެއީ، ކުރެވޭވަރުގެ ކަމެއްތޯ ބެލުން. ބަލާފައި، އެކަން އޮތްގޮތް ތިޔަބޭފުޅުންނަށް ދެންނެވުން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން، ތިޔަވިދާޅުވި ގޮތަށް މިދޭތެރޭގައި ކޯޒްވޭއެއް ހެދުމަކީ އެއީ ކިހާވަރެއްގެ ކަމެއްތޯ އަޅުގަނޑުމެން ބަލާނަން. އެކަމަށްދަނީ ކިހާބޮޑު ޚަރަދެއްތޯ އަޅުގަނޑުމެން ބަލާނަން. ބަލާފައި، އަދި ހަމައެހެން، އަޅުގަނޑުމެން ބަލާނަން، ދެން އޭގެ އަނެއްގޮތްވެސް. އެއީ މިސާލަކަށް ތިޔަބޭފުޅުން ވަޑައިގަތީ އެހެން ދިމާއަކަށް، އެހެން ރަށަކަށް. އެހެން ވެއްޖެއްޔާ، އެކަމަށްދާނެ ޚަރަދަކާއި، އެކަމުން ތިޔަބޭފުޅުންނަށްވާނެ ފައިދާއެއް. މިދެގޮތުން ބަލާފައި، އެއިން އެންމެ ފައިދާބޮޑުވާނެ ގޮތަކަށް ތިޔަބޭފުޅުން ނިންމެވީމާ، ދެން އެގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެހެންވީމާ، އަޅުގަނޑު ދަންނަވަން، އިރާދަކުރެއްވިއްޔާ، ތިކަންތައް ކޮންމެވެސް ގޮތަކަށް ހަމަޖެހޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އަޅުގަނޑުމެންވެސް ބޭނުމީ، ތިޔަ ހުރިހާ ބޭފުޅުންވެސް، ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ތުއްތު ކުދިން. މިއަދު މިރަށަށް އަޅުގަނޑު އައިއިރުގައި، އަޅުގަނޑަށް އެ ފެނުނު ތުއްތު ލޯބި ކުދިންކޮޅު. އަޅުގަނޑުމެން ބޭނުންވޭ، އެއިން ކޮންމެ ކުއްޖަކީ އެއީ ރަނގަޅު ތަޢުލީމެއް ލިބިގެން، ފުރިހަމަ ޞިއްޙަތެއްގައި ބޮޑުވެ، ތިޔަ މައިންބަފައިން ބެލެހެއްޓޭވަރުގެ މުސާރައެއް ލިބި، ވަޒީފާއެއް ލިބި، ތިޔަބޭފުޅުން ގޮވައިގެން، ތިޔަބޭފުޅުން މުސްކުޅިވާ ދުވަހު ތިޔަބޭފުޅުން ބަލައިގެން އުޅެވޭވަރުގެ ޒުވާނުންތަކަކަށްވޭތޯ ބަލަން. މިރަށުގެ، ތިޔަބޭފުޅުންގެ މުސްތަޤްބަލް އޮތީ، ތިޔަބޭފުޅުންގެ ތުއްޕުޅު ކުދިންގެ އަތްމަތީގައި. އެހެންވީމާ، އެކުދިންނަށް އެންމެ ރަނގަޅުވާނެ ގޮތަކަށް އަޅުގަނޑުމެން ވިސްނަމާ ހިންގަވާށޭ. އޭރުން އިރާދަކުރެއްވިއްޔާ، މުޅި މުޖްތަމަޢުގެ ކަންތައް ރަނގަޅުވެގެންދާނީ.

އަޅުގަނޑު މިދަންނަވާ އެއްޗަކީ، އަޅުގަނޑުމެން ތިޔަބޭފުޅުން ހުށަހެޅުއްވި ކޯޒްވޭ ހެދުމުގެ ކަންތަކާ ދޭތެރޭގައި، ވަރަށް ސީރިއަސްކަމާއެކީގައި، އަޅުގަނޑުމެން އެކަން ބަލާނަމޭ. އެކަމުގައި ޖަހާންޖެހޭ ހިސާބުތައް ޖަހާނަމޭ. ޖަހާފައި އަޅުގަނޑުމެން ދަންނަވާނަން ތިޔަބޭފުޅުންނަށް، މިއީ ކިހާވަރެއްގެ ކަމެއްކަން. އެކަން ކުރެވޭވަރު ކަމެއް ކަމަށްވަންޏާ އަދި ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަންވެސް މަސައްކަތް ކުރާނަން. ދެންމެ އެ ވިދާޅުވިހެން، އަޅުގަނޑުމެންނާ ވަކިން ބައްދަލުކުރެއްވިއިރުގައި، ކައުންސިލްގެ ރައީސް ވިދާޅުވި، ޕީ.ޕީ.ޕީ.ގެ އުޞޫލުން ނަމަވެސް، ކޮންމެވެސް ގޮތަކަށް މިކަން ކުރެވޭތޯ ބަލައިދޭށޭ. އެހެންވީމާ، އެހެންހުރި އުޞޫލުތައްވެސް އަޅުގަނޑުމެން ބަލާނަން. ބަލާފައި އިރާދަކުރެއްވިއްޔާ، މީގައި މިކަން ކުރެވެން އޮތްގޮތެއް ހޯދޭތޯ އަޅުގަނޑުމެން ބަލާނީ. އެއްގޮތަކަށްވެސް މިކަން ނުކުރާ ޚިޔާލެއްގައި ނޫން އަޅުގަނޑުމެން އުޅޭނީކީ. އަޅުގަނޑުމެން އުޅޭނީ މިކަންކުރާ ޚިޔާލުގައި. އުޅެގެން މިކަންވޭތޯ މަސައްކަތް ކުރާނީ. ދެން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަމާބެހޭ މަޢުލޫމާތު އަރުވަމުން ގެންދާނަން. ތިޔަބޭފުޅުން ނިންމަވާނީ، އެގޮތަށްތޯ ކުރިއަށްދާނީ، އެހެން ގޮތަކަށްތޯ ކުރިއަށްދާނީ. އަޅުގަނޑަށް ހީވަނީ ޑިމޮކްރެޓިކް ގޮތަކީ އެއީހެން.

އާދެ! އެކަން އެގޮތަށް ފުރިހަމަވަންދެންވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، މި ސްކޫލްގެ ފެންވަރު ރަނގަޅު ކުރެވޭތޯ ބެލުން. ސްކޫލްގައި ތިބީ 28 ކުދިން، 6 ޓީޗަރުން. އެހެން ނަމަވެސް، މި 28 ކުދިން ގްރޭޑް 7 އާ ހަމައަށް ކިޔަވަމުން މިގެންދަނީ. ގްރޭޑެއްގައި މިއުޅެނީ ތިން ހަތަރު ކުދިން. އެކަންވެސް މިހާރަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެހެންވީމާ، އެޑިޔުކޭޝަން މިނިސްޓަރަށް އަޅުގަނޑު ދަންނަވަން، އެކަމުގައި މިއަށްވުރެ ރަނގަޅު އުޞޫލުތަކެއް، ކިޔަވައިދިނުމުގެ މިއަށްވުރެ ރަނގަޅު އުޞޫލުތަކެއް، ހަރުދަނާ އުޞޫލުތަކެއް ބޭނުންކޮށްގެން، ކުދިންގެ ކިޔެވުމުގެ ފެންވަރު މަތިކުރެވޭތޯ މަސައްކަތް ކުރެއްވުން. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑު މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ.

ދެންއޮތީ ޞިއްޙީ ޚިދްމަތް. ޞިއްޙީ ޚިދްމަތް ދިނުމުގައިވެސް، މިނިސްޓަރު ވަޑައިގެން އެބަ އިންނެވި. މިހާރު މިރަށަށް އަންނަ ޑޮކްޓަރު، ގަވާއިދުން މިރަށަށް އާދޭތޯ ބެލުމާއި އަދި މިރަށުގައި ހުރި ނަރުހަށް ދެވޭ ޚިދްމަތްވެސް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ދެވޭތޯ ބެލުމާއި، ބޭސް ސިޓީ ލިޔެދިނީމާ، ބޭސް ލިބޭނެގޮތެއް އެބަޖެހޭ އަޅުގަނޑުމެން ހަދަން. ބޭސް ސިޓީ ނަގާކަށް އަޅުގަނޑުމެންނަކަށް ތިންސަތޭކަ ރުފިޔާ ޚަރަދުކޮށްފައި، ކޮންމެފަހަރަކު ފުނަދުއަކަށް ނުދެވޭނެ. އެހެންވީމާ، އެކަމުގައިވެސް ރަނގަޅު ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ މިރަށަށް ނެރެދޭން. ދެން އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑުމެންގެ ޒުވާނުންގެ ޒުވާން މިނިސްޓަރު ވަޑައިގެން އެބައިންނެވި. އެމަނިކުފާނު އެބަ ވިދާޅުވޭ، ތިމަންނަ ޒުވާނުން ކުޅިވަރު ކުޅުމަށްޓަކައި މިރަށުގައި އިރާދަކުރެއްވިއްޔާ، ވޮލީބޯޅަ ކޯޓެއް އަޅުއްވައިދެއްވާނަމޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވާނެ. އަޅުގަނޑު ޔަޤީންކުރަން، އެކަން ވެގެންދާނެ ކަމަށް.

މިދެންނެވި ކަންކަން ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ވަރަށް އަވަހަށް މަސައްކަތް ފަށާނަން. ދެން އަޅުގަނޑު ހިތާމަކުރަން، މިހާގިނަ ދުވަސް ވަންދެން އަޅުގަނޑުމެންގެ އިސް އިއްވެސް މީހަކު މިރަށަށް ނައިސް، މިހާގިނަދުވަސްވީތީ. އެއީކީ އެކަންވާންވާނެ ގޮތެއް ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަލާނަން، ޚުދު އަޅުގަނޑަށް ނުދެވުނު ކަމުގައިވިނަމަވެސް، އަޅުގަނޑުމެންގެ ކެބިނެޓްގެ ކޮންމެވެސް އެއްބޭފުޅަކު، ކޮންމެވެސް އެއްރަށަކަށް، ކޮންމެ ރަށަކަށްވެސް މިއަހަރު ވަޑައިގެންނެވޭނެ ގޮތެއްވޭތޯ. އަޅުގަނޑުމެން ދާންޖެހޭނެ، އަޅުގަނޑުމެންގެ ރައްޔިތުން ދިރިއުޅޭ ތަންތަނަށް. ގޮސް ރައްޔިތުންގެ ޙާލު ހުރިނެތްގޮތް އަޅުގަނޑުމެން ޖެހޭނެ ބަލަން. ބަލާފައި، އެވަގުތަކު ކޮށްދެވެންހުރި ކަންތައް، ދައުލަތުގެ ފަރާތުން ކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންގެ ވާޖިބު. އެކަމަށްޓަކައި އަޅުގަނޑުމެން ކުރި ހުވާތައް ކޮށްގެން، އަޅުގަނޑުމެންނަށް ލިބިފައިވާ މަގާމުތަކުގައި، މުސާރަ ނަގައިގެން އަޅުގަނޑުމެން މިތިބެނީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެން ތިޔަބޭފުޅުން ހަނދާންނައްތައެއްނުލާނަން. މިވާހަކަ މިދަންނަވަނީ، މިފަދަ ކުދި އާބާދީތައް ދިރިއުޅޭ އެހެން ރަށްރަށުގެވެސް ރައްޔިތުންނަށްވެސް. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރާނަން، ޚާއްޞަކޮށް، ކުދި އާބާދީތަކަށް އަހަންމިއްޔަތުކަންދީގެން، ތިޔަބޭފުޅުންގެ ކަންކަން، މިސަރުކާރުގެ ފަރާތުން ބަލަމުން ގެންދެވޭތޯ.

ދެން އަޅުގަނޑު މިރަށަށް އައިސް ފޭބިއިރުގައި، އަޅުގަނޑު ވަރަށް އުފާވި. އެއީ މިރަށުގެ ކުދިބޮޑު އެންމެން، އަޅުގަނޑުމެންނަށް މުޚާޠަބު ކުރެއްވުމަށްޓަކައި ވަޑައިގެން ތިއްބެވީތީ އަތިރިމަތީގައި. ޚާއްޞަކޮށް، ހުރިހާ ކުޑަކުދިންވެސް އެބަތިބި. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެކަމަށްޓަކައި ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑުމެން އެދެނީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް. އަޅުގަނޑުމެން އެދެނީ، ތިޔައިން ކޮންމެ ބޭފުޅަކަށްވެސް ދުޅަހެޔޮ ޞިއްޙަތެއް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ހުރިހާ ތުއްތު ކުދިންނަށްވެސް ފުރިހަމަ ތަޢުލީމެއް ލިބި، ރަނގަޅު ޒުވާނުންތަކަކަށްވުން. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަދިވެސް އެއްފަހަރު. اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި!
 

والســّلام عليــكم ورحـمــة اللّـه وبـركاتـه