މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ މެންބަރުންނާއި، އޭދަފުށީ ވަފްދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އޭދަފުށީ ކައުންސިލްގެ މެންބަރުންނާއި، ވަފްދުގެ އެހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށާއި މިހާރުގެ ސަރުކާރަށް، އޭދަފުށީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ހާމަކުރެއްވިއެވެ. މީގެއިތުރުންވެސް ތަރައްޤީގެ މަގުގައި އޭދަފުށްޓަށް ކުރިމަތިވެފައިވާ ތަފާތު ދަތިތަކުގެ ތަފްޞީލް، ވަފްދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. އެގޮތުން ވަކިން ޚާއްޞަކޮށް، އެރަށަށް ކުރިތިމަތިވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުގައި ތަޢުލީމީ ގޮތުންނާއި، ޢުމްރާނީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް އޭދަފުށްޓަކީ ރާއްޖޭގެ އެހެން ރަށްރަށަށް ނަމޫނާ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން ވަޑައިގެން، އޭދަފުށީ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ހާމަކުރެއްވީތީ، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުރިހާ ފަރާތްތަކާވެސް މަޝްވަރާ ކުރައްވައިގެން ރާއްޖޭގެ ޙާލަތު ރަނގަޅު ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންކަން، ބަޖެޓް ތަންދިން މިންވަރަކުން ކޮށްދެއްވޭތޯ ބެއްލެވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޭދަފުށްޓަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، ވަފްދުގެ ބޭފުޅުން އެމަނިކުފާނަށް މިއަދު ދަޢުވަތު އެރުވިއެވެ. މި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ވެވަޑައިގެންނެވި އެންމެ އަވަސް ފުރްޞަތެއްގައި، އޭދަފުށްޓަށް ދަތުރުފުޅެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.