ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރ ޖީ. އެލް. ޕީރިސް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން، ޕްރޮފެސަރ ޖީ. އެލް. ޕީރިސްއަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމުގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް ބޭނުންވާ ކޮންމެ ދާއިރާއަކުން އެހީތެރިވުމަށް ސްރީލަންކާ ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާ ކަމުގައި ވިދާޅުވިއެވެ.