ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު އޮތް ބައްދަލުކުރެއްވުމުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި، ނައިފަރަށް ވަނީ ވަރަށް ބޮޑަށް އަޅާނުލެވިކަން ފާހަގަކުރައްވައި، އެރަށުގައި ކުރިމަތިވަމުންދާ ތަފާތު މައްސަލަތަކާބެހޭ މަޢުލޫމާތު، ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން ރަށުގައި ރަނގަޅު ފެންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުގައާއި، ރަށުން ގޯތި ދޫކުރުމުގައި ދިމާވަމުންދާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި ރަށުގެ ބަނދަރު ތަރައްޤީ ކުރުމާއި، ތަޢުލީމީ ގޮތުން ރަށަށް ގެނެވިދާނެ ތަރައްޤީގެ މައްޗަށްވެސް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނައިފަރު ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، އެރަށު ކައުންސިލްގެ މެންބަރުން އެމަނިކުފާނަށް މިއަދު ދަޢުވަތު އެރުވިއެވެ.