ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ނޭޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތް ކުރައްވައި، އެ ސެންޓަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، އެމަސައްކަތްތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ސެންޓަރުން ކަންކަން ރާއްވަވާފައިވާ ގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ތެލެސީމިއާ ސެންޓަރުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޢިމާރާތުގެ ދަތިކަން ހުރިގޮތާއި، ސެންޓްރަލް ބްލަޑް ބޭންކް ރަނގަޅަށް ނުހިނގުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

މި ޒިޔާރަތުގައި، ލޭ ހަދިޔާ ކުރަން ގޮސްތިބި ބައެއް ފަރާތްތަކާއި، އަދި ލޭ އަޅަން އައިސްތިބި ކުދިންނާ ބައްދަލުކުރައްވައި އެކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވިއެވެ. މީގެއިތުރުން ތެލެސީމިއާ ސެންޓަރުގެ ލެބޯރެޓަރީވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.