އެމެރިކާ އެމްބަސީގެ ޝާޜޭ ޑެފެއާ ވެލަރީ ފައުލަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އަމަން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންނާއި އަދި ރާއްޖޭގައި މިނިވަން، އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބު އަދާކުރެއްވުމުގައި، ރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިއްތަވާނެ ކަމުގެ ޔަޤީންކަން އެމެރިކާ އެމްބަސީގެ ޝާޜޭ ޑެފެއާ ވެލަރީ ފައުލަރއަށް އެމަނިކުފާނު ދެއްވިއެވެ.

ޝާޜޭ ޑެފެއާ ވެލަރީ ފައުލަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ކުރިން، އެކަމަށްވާންޖެހޭ ތައްޔާރީތައްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އައި.އެމް.އެފް. ވަފްދުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ހުށަހެޅުއްވި ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.