بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މާވަށުގެ ލޮބުވެތި ރައްޔިތުން، މާވަށުގެ މި މަދްރަސާގެ ލޮބުވެތި ދަރިވަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އެންމެ ފުރަތަމަވެސް، ތިޔަ ހުރިހާ ބޭފުޅުން މިއަދުގެ ވަރަށް ހޫނުގަދަ ވަގުތެއްގައި، ހަމަ މެންދުރު ވަގުތު، އެންމެ ހޫނުގަދަވި ވަގުތު ވަރަށް ގިނައިރުވަންދެން، ވަޑައިގެން އަޅުގަނޑުމެންގެ އިންތިޒާރުގައި ދޮޅުގަޑިއެއްހާއިރު ވަންދެން ތިއްބަވަން ޖެހުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އަދި ހަމަ އެއާއެކީގައި، އަޅުގަނޑުމެންނަށް ތިދެއްވި ހޫނު މަރްޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރިއްޔާ ދަންނަވަން.

ދެން މިދަތުރުގައި އެކިފަހަރުމަތިން އެކިބޭފުޅުން އެބަ ވިދާޅުވަމުން ގެންދަވާ، އަޅުގަނޑު ހިތްވަރުގަދަ ވާހަކަ. އެއްގޮތަކަށްވެސް އަޅުގަނޑަކީ ހިތްވަރުގަދަ މީހެއް ނޫން. ހިތްވަރުގަދަވާކަށް ނުވެސްޖެހޭ. ސަބަބަކީ އަޅުގަނޑަށް މި ކުރިމަތިލާންޖެހުނީ، އަޅުގަނޑުގެ ހަމަ އަޚުންނާއި އުޚުތުންނާ. އެއްވެސް މީހަކު އެމީހެއްގެ ގެޔަކަށް އައިސްގެން ހިތްވަރުގަދަވާކަށް ނުޖެހޭނެތާ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށްދާ ދުވަހަކުވެސް، އެތަނުންވެސް ހަމަ ދިމާވަނީ އަޅުގަނޑުގެ އަޚުންނާއި އުޚުތުން. އެހެންވީމަކާ ކޮންމެހެން ހިތްވަރުގަދަވެގެން، ގަދަފަދަވެގެން އުޅޭކަށްނުޖެހޭ. އަޅުގަނޑު މިއިން ކޮންމެ ރަށަކަށްވެސް ދަނީ، އަޅުގަނޑާ އެތަނުން ބައްދަލުވާނީ ހަމަ އަޅުގަނޑުގެ ތިމާގެ މީހުން ކަމަށް ދެކިގެން. ޢާއިލާގެ ތެރޭގައިވެސް ބައެއްފަހަރު ދެބަސްވާ ކަންތައް އަންނާނެ. ޢާއިލާގެ ތެރޭގައިވެސް ބައެއްފަހަރު ރުޅިވެސް އަންނާނެ. އަދި ހިތްހަމަނުޖެހޭ ގޮތަށް ކަންކަންވެސްވާނެ. އެހެން ނަމަވެސް، އެއީކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކު ތަޅާފޮޅަންޖެހޭ ކަމެއް ނޫން. އަދި އެއަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކު ހިތްބުރަ ކުރަންވެސްޖެހޭ ކަމެއް ނޫން. އަޅުގަނޑުވެސް މިހާރު ދެންމެ މިއައީ ހިތަދޫން. ދެން ހިތަދޫން އެނބުރި އަންނަމުން އަޅުގަނޑު އަހާލައިފިން، ކޮބައިހޭ ޔޫސުފްބޭ. ބުނިހާއިރުން އެތަނުން ކުއްޖަކު އަޅުގަނޑު ކައިރީ މިބުނީ، ދަންނަންހެއްޔޭ ޔޫސުފްބެ. އަޅުގަނޑު ބުނީ އާއެކޭ. އަޅުގަނޑު ބުނެފިން، ކޮބައިހެއްޔޭ އޭނަގެ ކުދިން. އެހެން އެހީމާ ބުނީ استغفرالله އެކުދިންނަކީ އެއީ ވަރަށް އެމް.ޑީ.ޕީ ކުދިންތަކެކޭ. އަޅުގަނޑު ބުނީ، އަޅުގަނޑު މީގެ ހައެއްކަ މަސްދުވަސް ކުރިންނޭ މިރަށަށް އައީ. އައިސް އެކުދިންނާ ބައްދަލުކުރީ. އެހެންވީމާ، ދެން މިހާ ކުޑަވަގުތުކޮޅެއްގައި ކޮން ބަދަލެއްހެއްޔޭ އަންނާނީ، އެހެން ނޫންތޯ. މިކަން އޮތްގޮތަކީ މިއީ. މިއިން ކޮންމެ ކުއްޖަކީވެސް، ކޮންމެ ބޭފުޅަކީވެސް މިއީ ހަމަ އަޅުގަނޑުމެންގެ ތިމާގެ މީހުން. އެހެންވީމާ، ހިތްވަރުގަދަވާކަށްވެސް ނުޖެހޭ، ރުޅިއަންނާކަށްވެސް ނުޖެހޭ، ދެރަވާކަށްވެސް ނުޖެހޭ. މިދެންނެވީ ކަންތައް ހިނގާގޮތް. އެހެންވީމާ، އެއީ އެހެން އޮތް ކަމެއް ކަމުގައި ދެކިގެން، ހަމަ ހުރިހާ އެންމެންވެސް އެކަކު އަނެކަކާ ސަލާމްކޮށްލައި، ހިނިތުންވެލައިގެން އުޅުން ހަމަ އެންމެ ރަނގަޅު ގޮތަކީ.

އަޅުގަނޑުގެ އުޞޫލަކީ އެއީ. އަޅުގަނޑު ދެކޭނީ، މި ޤައުމުގައި ތިބި ހުރިހާ އެންމެންނަކީވެސް އަޅުގަނޑުގެ ތިމާގެ މީހުންގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކުރާނީވެސް ހަމަ ހުރިހާ ބޭފުޅުންނާ އެކީގައި، ވަރަށް އެކުވެރިކަމާ އެކީގައި މަސައްކަތް ކުރެވޭތޯ. އަޅުގަނޑު މި މަޤާމާ ޙަވާލުވީކީ ކޮންމެހެން އަޅުގަނޑު މާބޮޑެތި ކަންތައްތަކެއް ބޭނުންވެގެން، އަޅުގަނޑު މިކަމެއް މާބޮޑަށް ބޭނުންވެގެނެއް ނޫން. އެހެން ނަމަވެސް، ތަޤްދީރު ނިޔާކުރެއްވި ގޮތުން، ކުރިން ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދެއްވި ވަގުތު ނައިބު ރައީސަކަށް ހުރެވުނީ އަޅުގަނޑަށް. އެހެންވީމާ، ޤާނޫނުއަސާސީ އެބަ ލާޒިމްކުރޭ، އެވަގުތަކު ނައިބު ރައީސަކަށް ހުންނަ މީހަކު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރަން. އެގޮތުން، ތަޤްދީރުން އެކަން އައިސް އަޅުގަނޑަށް އެކަން ޖެހުނީ. ޖެހުނީމާ އެކަން އަޅުގަނޑު މިކުރަނީ. އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު މިމަސައްކަތް ކުރާނަން. ދެން މިކަން ކުރުމުގައި އަޅުގަނޑަށް ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން އެބަދޭ. ދެންމެ އިވިވަޑައިގަތް ފަދައިން، މިއަދު މި ރާއްޖޭގައި ޙަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބޭފުޅުން ތިއްބެވީ އަޅުގަނޑަށް އެހީތެރިވެދެއްވައިގެން، އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވަން. މީގައި އެބައުޅޭ އަދި ކުޑަމައްސަލައެއް. އެއީ އެމް.ޑީ.ޕީ އަދި އަޅުގަނޑުމެންނާ ބައިވެރިއެއްނުވޭ. އެހެން ނަމަވެސް، މާލަހެއްނުވެ، މާލަހެއްނުވެ އެބޭފުޅުންވެސް އަޅުގަނޑުމެންނާ ބައިވެރިވާނެ.

އާދެ! އެކަމަށްޓަކައި އަޅުގަނޑު އެބަޖެހޭ ދެންމެ ތި އެއްސެވި ފަދައިން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްވެސް އަދި ހަމައެހެން އަލްފާޟިލް ތަސްމީން ޢަލީވެސް އަލްފާޟިލް ޤާސިމް އިބްރާހީމްވެސް، ޑޮކްޓަރ ޙަސަން ސަޢީދުވެސް، ޝައިޚް ޢިމްރާންވެސް، މިހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން. ސަބަބަކީ އެބޭފުޅުންގެ ޒަޢާމަތުގެ ދަށުގައި، އެބޭފުޅުންގެ ޕާޓީތަކުން ދިވެހި ޤައުމު އެކުވެރިކަމާއި ޞުލްޙަވެރިކަމާއެކީގައި ކުރިއަށް ގެންދިޔުމަށްޓަކައި އަތުގުޅުވާލައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ. އެހެންވީމާ، އެބޭފުޅުންނަށްޓަކައި އަޅުގަނޑުމެން އެންމެން އެބަޖެހޭ ޝުކުރުވެރިވާން. އެހުރިހާ ބޭފުޅުންނަށް އަތްތިލަބަޑި ޖައްސަވައި ދެއްވުން އެދެން.

ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެމް.ޑީ.ޕީ.ވެސް ބައިވެރިކުރެވޭތޯ. އެގޮތުން މިހާރު އަޅުގަނޑުމެން މިގެންދަނީ ހަމަ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމް.ޑީ.ޕީ.ގެ ބޭފުޅުންނާވެސް ވާހަކަ ދައްކަމުން. އެހެން ނަމަވެސް، އެ ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކެއްގެ ސަބަބުން އަދި އެކަން އެބޭފުޅުންނަށް ނުކުރެވިގެން އުޅެނީ. އެހެން ނަމަވެސް، މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ އެކަންވެސްވާނެ. އޭރުން މިޤައުމުގައި އޮންނާނީ، ހުރިހާ އެންމެން ގުޅިފައި އޮންނަ ސަރުކާރު. ހުރިހާ އެންމެންގެ ސަރުކާރު. މުޅި ރައްޔިތުންގެ ސަރުކާރު. އާދެ! ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގަށް ބަލައިލާއިރުގައި، ރާއްޖޭގައި ކާމިޔާބު ވެރިކަމެއް ކުރެވޭނީ، ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، ރާއްޖޭގައި ތިބި އެންމެ ކުޅަދާނަ، އެންމެ ޤާބިލް މީހުން ނަގައިގެން، އެމީހުން ލައްވައި ސަރުކާރުގެ ކަންތައް ކުރުވީމާ. ކޮންމެ ޕާޓީއެއްގެ ބަޔަކަސް، މިދެންނެވި ގޮތަށް މަސައްކަތް ކޮށްފިއްޔާ، އިރާދަކުރެއްވިއްޔާ މިޤައުމަށް ވަރަށް ފަސޭހައިން ކުރިއަށް ދެމިގަނެވިދާނެ.

އަޅުގަނޑު މިދާ ކޮންމެ ރަށެއްގައި ހަމަ އެއްވާހަކައެކޭ ދައްކަނީ. ނަރުދަމާއެއްނެތް، ބޯފެނެއް ނެތް، މަގެއް ނެހެދޭ، ބަނދަރެއް ނެހެދޭ، ދެން ކީއްތޯ މިކުރެވެނީ އަޅުގަނޑުމެންނަށް. މި މަދްރަސާ އެޅިފަހުންވެސް މިހާރު ވެދާނެ ވިއްސަކަށް އަހަރު، ތިރީހަކަށް އަހަރު. ރާއްޖޭގެ ހުރިހާ ރަށްތަކުގައި ހުރިހާ މަދްރަސާތައް އެޅިތާ މިހާރު ވެއްޖެ 30 އަހަރު، 35 އަހަރު. އަޅުގަނޑު ކުޑައިރުގައި އެކަން ކުރަން އުޅުނީ. 1975 ވަނަ އަހަރު، 1978 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށްރަށުގައި ސްކޫލްތައް ޢިމާރާތްކުރީ. އޭގެފަހުން އަޅުގަނޑުމެންނަށް މާބޮޑެތި ޢިމްރާނީ ކަންތައްތަކެއް ފެނިފައެއްނެތް. އަދިވެސް ހަމަ ރަށްރަށުގައި ތިއްބެވި ތިކަހަލަ ރައްޔިތުން ހަމަ ދައްކަވަނީ އެއްވާހަކައެއް. ތަކުރާރުކޮށް އަހަރަކަށްފަހު އަހަރެއް އަހަރަކަށްފަހު އަހަރެއް ހަމަ އެވާހަކަ ދައްކަމުން މިގެންދަނީ. މިއަކަށް އެއްވެސްކަހަލަ ލުއިކަމެއް ފެނިފައެއް ނެތް. މިއަދު އަޅުގަނޑު ބެލި ފޮތުގައިވެސް ހުރީ ހަމަ އެވާހަކަ.

އެހެންވީމާ، އަޅުގަނޑުމެން މި ޤަޞްދުކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް ޤާބިލް ޒުވާން ބޭފުޅުންކޮޅެއް އެބަތިއްބެވި. އެހެންވީމާ، އެބޭފުޅުން ހައްދަވައިދެއްވަންވީ ގޮތަކީ، މިއަހަރު މިހުރިހާ ރަށްރަށާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވިސްނަވައި، މިރަށްރަށުގައި ކުރަންހުރި ކަންތައްތައް ކުރެވޭނެގޮތެއް ހޯއްދެވުން. އެކަން ކުރައްވާއިރުގައި މި ޤައުމު ވިއްކާނުލާވޭތޯ ބައްލަވަންޖެހޭނެ. މިޤައުމުގެ ހުރިހާ ރަށްތައް މީހުންނަށް ބަހާނުލާވޭތޯ ބަލަންޖެހޭނެ. އެނޫން ގޮތަކަށްވެސް އަޅުގަނޑުމެންނަށް އެކަން ކުރެވެންވާނެ. ކުރުމުގެ ވިސްނުމާއި ޤާބިލުކަން އަޅުގަނޑުމެންގެ ހުންނަންޖެހޭނެ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަން ހުރިހާ އެންމެން ފޫގަޅަމާ ހިންގަވާ. އޭރުން އިރާދަކުރެއްވިއްޔާ މިކަން ކުރެވޭނެ.

އަޅުގަނޑަށް އެނގޭ މިރަށުގައިވެސް ވަރަށްގިނަ ކަންތައްތަކެއް ކުރައްވަން އެބަހުރި. ރަށް މިއޮތީ ފުރިފައި. ރަށް އިތުރަށް ހިއްކަން ތިޔަބޭފުޅުން ބޭނުންފުޅުވާނީ. އެއީކީ އެހާބޮޑު ކަމެއް ނޫން. އެއީ ހަމަ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް. އެހެން ނަމަވެސް، ކަންކަން ޖެހޭނީ ރާވައިގެން ކުރަން. ވިސްނާނުލައި، ހަމަ ތިބެލާފައި ކުއްލިއަކަށް ކަމެއް ކޮށްލިއަކަސް އަދި ކަމަކުނުދާނެ. އެހެންވީމާ، އެގޮތުން މިރަށުގައިވެސް ކުރަންހުރި ކަންތައްތައް އަޅުގަނޑުމެން ފާހަގަކޮށް، މިހާރު ތި ދެއްވި ފޮތުގައި އެހެރީ އެހުރިހާ ވާހަކަ ލިޔެފައި. އެހެންވީމާ، އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ދަންނަވަން.

އާދެ! ދެން ކޮންމެ ގޮތަކަށް އަޅުގަނޑުމެންނަށް ކޮންމެ އަޑުތަކެއް މިއަދު އިވުނު ކަމުގައިވީނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެން ފުރައިގެން ދިޔައީމާ، ދެން އެކަން ހަމައަކަށް އެޅުނީ ކަމަށް. މި ހޯލްގެތެރެއިން ބޭރުގައި ތިއްބެވި ބޭފުޅުންވެސް އެކަން ހަނދާންނައްތަވާލައްވައި، އެއްކަލަ ކުލަކުލައިގެ ހެދުންތަކާ އެއްޗެހި ފޮށްޓަށްލައްވައި، އަނެއްކާވެސް ދިރިއުޅުމުގައި އާދައިގެ ދިރިއުޅުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އޭރުން އަޅުގަނޑުމެންގެ ރަށްތައް ކުރިއަށްދާނީ.

ދެން މިކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ދެންމެ ތިޔަ އެއްސެވިފަދައިން، ކުރަންހުރި ކަންތައްތައް އެބަހުރި. އަޅުގަނޑާ އެކީގައި މިތާ ވަޑައިގެން އެބަތިއްބެވި ވަރަށް މުހިންމު ހަތަރު ވަޒީރުން. އެއްބޭފުޅަކަށް މިއިންނެވީ، އަޅުގަނޑުމެންގެ ހެލްތް މިނިސްޓަރ، ޞިއްޙަތާބެހޭ ވަޒީރު. ދެން މިއިންނެވީ، ކުޅިވަރާއި ޒުވާނުންނާބެހޭ ވަޒީރު. ދެން މިއިންނެވީ، ތަޢުލީމާބެހޭ ވަޒީރު. ދެން މިއިންނެވީ، ޢުމްރާނީ ކަންތައްތަކާބެހޭ ވަޒީރު. މިއިން ކޮންމެ ބޭފުޅަކީވެސް މިމަގާމާ އެންމެ ފުރަތަމައަށް އެބޭފުޅުންގެ ޙަޔާތުގައި ވަޒީރުކަމަކާ ޙަވާލުވެވަޑައިގެންނެވިފަހަރު. ހުރިހާ ބޭފުޅުންނަކީވެސް ވަރަށް ރަނގަޅަށް ކިޔަވާ ވިދާޅުވެގެން ތިއްބެވި، ވަރަށް ޤާބިލް، ކުޅަދާނަ ބޭފުޅުން. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންނަށް މިކަންކަން ޙައްލު ނުކުރެވޭންވީ. މިޤައުމު އުފެއްދި އެންމެ ތޫނު، އެންމެ ޒުވާން، އެންމެ ކަމަށް ޤާބިލް ވަޒީރުން ކަންކަމާ ޙަވާލުވެވަޑައިގެން މި ތިއްބެވީ. އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން އަޅުގަނޑުމެންނަށް ކޮށްދެވޭނެކަން.

އާދެ! އަޅުގަނޑުމެންގެ ދަތުރު ވަރަށްކުރު. ކަން ދިމާވިގޮތުން، އިއްޔެވެސް 7 ރަށަށް ދިޔައިން. އެއީ މިއިން ޒަމާނަކު އަޅުގަނޑު ކުރި ކަމެއް ނޫން. ރޭވެގެންދިޔައިރު އަޅުގަނޑަށް ކިރިޔާ ކޮއްޅަށް ހުރެވެނީ. ތިޔަބޭފުޅުން ހަނދުމަފުޅެއްނުހުރޭ، އަޅުގަނޑަކީ ވަރަށް ދުވަސްވެފައި ހުރި މީހެއްކަމެއް މިހާރު. އަޅުގަނޑާ ޢަޒީއާ ބައްދަލުވީ ވަރަށް ކުޑައިރު. އަޅުގަނޑުމެން އުޅެމުން ގެންދިޔައީ ޖެހިޖެހިގެން ހުރި ދެގޭގައި. އަޅުގަނޑު އުޅެނީ މައްޗަންގޮޅީ ޖަހާމުގުރިގޭގައި، އެލީޒިއަމް ފަހުން އެތަނަށް ކިޔަނީ. ޢަޒީމެން ތިއްބެވީ ވަށްބެރުގޭގައި. އެއީ ހަމަ މަގުގެ އެއްފަރާތުގައި. ވަރަށް ކުރިއްސުރެ، އެއީ ވަރަށް ކުޑައިރުއްސުރެ އަޅުގަނޑު މިބޭފުޅުން ދަންނަން. ދެން އޭގެފަހުން އެޑިޔުކޭޝަން ދާއިރާގައިވެސް އުޅުނިން. އެހެންވީމާ، ލައްކަ ޒަމާންވެއްޖެ އަޅުގަނޑުމެންނަށް މިހާރު. އެހެންވީމާ، މިބޭފުޅުން މިހުރިހާ ރަށްރަށަށް އެއްފަހަރާ ގެންދަވަން ފެށީމަ ކުޑަކޮށް ވަރުބަލިވާގޮތްވެސް އެބަވޭ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ހިފަހައްޓާލާނަން. މިއަދު އެބަޖެހޭ އަޅުގަނޑުމެން އަދި އެއްރަށަށްދާން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދެން އެރަށަށްދާން އަޅުގަނޑުމެން އަވަސްވެގަންނަނީ. ﷲ އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މާވަށަށް އަޅުގަނޑަށް އާދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ތިޔަބޭފުޅުން ތިޔަ ބެހެއްޓެވި އޯގާތެރިކަމާއި، ރަޙްމަތްތެރިކަމާއި، މެހްމާންދާރީއަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ފަށްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ. އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުމެއް ތިޔަބޭފުޅުންނާ އެކީގައިވޭ. އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުން ފުރިހަމަ ޞިއްޙަތެއްގައި، އުފާވެރިކަމާއެކީގައި ދެމިތިއްބެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه