بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކުނަހަންދޫގެ ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑާ އެކުގައި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން މިރަށަށް އަންނާތީ، މިރަށުގެ ރައްޔިތުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިފި. އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން، އަޅުގަނޑުމެންނަށް މިހާ ލަސްކޮށް މިރަށަށް އާދެވުނީތީ. މިއީ މިކަން ކުރަންވާނެ ގޮތެއް ނޫން. އެހެންވީމާ، އެކަމާ އަޅުގަނޑު ވަރަށް ހިތާމަކޮށް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން.

އެހެން ނަމަވެސް، އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރަށަށް އާދެވުނީތީ. ސަބަބަކީ މިރަށަށް ދައުލަތުގެ ވެރިޔަކު ވަޑައިނުގަންނަވާތާ މިހާގިނަ ޒަމާންވެފައި، އެ ނަޞީބު އަޅުގަނޑަށް ލިބުނީތީ. އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ކަމެއް ނޫން، އެއްވެސް ރާއްޖެއެއްގައި، އެއްވެސް ޤައުމެއްގައި، އެޤައުމެއްގެ ރައްޔިތުން ދިރިއުޅޭ ތަނަކަށް، އެޤައުމުގެ އެންމެ އިސްވެރިންނަށް ތިބޭ ބަޔަކު ނުގޮސް، 33 އަހަރުވުމަކީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަކުރަން، މީގެކުރިން، ވެރިޔަކު މިތަނަށް ވަޑައިނުގެން އެހާ ގިނަދުވަސްވީތީ.

ކޮންމެއަކަސް މިއަދު އިރާދަކުރެއްވިއްޔާ މި އާދެވުނީ. ކުރިން ދެންނެވިހެން، މިކަން ވާންވީ އެންމެ ރަނގަޅު ގޮތަކަށް ނޫން މިކަން މި ކުރެވެނީކީ. ވަރަށްކުޑަ ވަގުތުކޮޅެއްގައި އަޅުގަނޑުމެންނަށް މިރަށަށް މިއާދެވުނީ. އެހެން ނަމަވެސް، މިރަށަށް ފައިބަން އުޅޭއިރުގައިވެސް އެބަ ވިސްނޭ، މިރަށުގެ ޙާލަތު އޮތްގޮތް. މިރަށަށް މި ފޭބެނީ، އެހެން ރަށްރަށަށް ފައިބާގޮތަކަށް ނޫން. އަދި ޢަމްދުން މޫސުމް ގޯސް ދުވަސްވަރެއް ކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެބަ އިޙްސާސް ކުރެވޭ، ވަރަށް ޙާލުގައިކަން އުޅެންޖެހޭނީ. އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން، އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމު އެއްކަމަކީ. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އަޅުގަނޑުގެ އެންވަޔަރަންމަންޓް ކަންތައްތަކާބެހޭ ވަޒީރުވެސް މިތާ އެބައިންނެވި. އެހެންވީމާ، އަޅުގަނޑުމެން މިރަށުގެ މިމައްސަލައާ ބެހޭގޮތުން އަޅުގަނޑުމެން ބަލަންޖެހޭ ބެލުންތައް ބަލާފައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ތިޔަބޭފުޅުންނަށް ރަނގަޅު ޚަބަރެއްދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން.

އާދެ! އަޅުގަނޑުމެންނަށް އެނގޭ، މިރަށުގެ ކިތަންމެ ކަންތައްތަކެއް ނުވެ ހުންނާނެކަން. ސަބަބަކީ އަޅާނުލެވި އޮތީމާ. މިހާ ގިނަދުވަސް ވަންދެން މިރަށަށް އަޅާނުލެވި މިއޮތީ. މިއީ ވަރަށް ދެރަކޮށް ވެފައިވާ ކަމެއް. އަދި އޭގެ ސަބަބުން މިރަށުގައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުންނާނެ. އެކަންކަން މިހާރު އަޅުގަނޑުމެންނަށް، މިރަށުގެ ރަށު ކައުންސިލްގެ ފަރާތުން އެބަ ހުށަހަޅުއްވާ. އެހެންވީމާ، އަޅުގަނޑުމެން އެހުރިހާ ކަމެއްވެސް ބަލައި، މިހާރުން މިހާރަށް ދައުލަތުގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކޮށްދޭނަން.

އަޅުގަނޑަށް އެނގޭ، މިރަށުގައިވެސް ކޮންމެވެސްވަރަކަށް ތަފާތު ޚިޔާލު ހުރި މީސްމީހުންވެސް އެބައުޅޭކަން. އެއީކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫން. ތަފާތު ޚިޔާލުހުރި މީހުން ތިބެންވާނެ. އެހެން ނަމަވެސް، އެކުވެރިކަމާއެކީ، އެއްބާރުލުމާއެކީގައި، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ އެންމެން އަތުގުޅާލައިގެން، މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއް. ދައުލަތުގެ ފަރާތުން ދެއްވާ އެހީތައްވެސް ބޭނުންކުރެއްވުމުގައި، ހަމަ ހުރިހާ ބޭފުޅުން އެކުވެގެން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އަޅުގަނޑުމެންގެ އެދުމަކީ، މިރަށް މިއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވެގެންދިޔުން، ވަރަށް އަވަސް މުސްތަޤްބަލެއްގެ ތެރޭގައި. ރަށުގެ ތަޢުލީމީ ކަންކަން، ރަށުގެ ޞިއްޙީ ކަންކަން. އަދި ކުޅިވަރު ކުޅުމުގެ ކަންތައްވެސް ޒުވާނުންނަށް ފަހިވެގެންދިޔުން. އެގޮތުން، އަޅުގަނޑަށް އެނގޭ، މިރަށުގެ ބޯޅަދަނޑު، ވަރަށް ރީތި ބޯޅަދަނޑެއް އޮންނަ ވާހަކަ އަޅުގަނޑަށް އެނގިފައި އޮތީ. ކަން ދިމާވިގޮތުން، މިރޭ އިރުއޮއްސުނީމާ އަޅުގަނޑަށް އެތަން ބަލައެއްނުލެވޭނެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އެކަންވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދައުލަތުގެ ފަރާތުން ބައްލަވާނެ. ވީމާ، މިދެންނެވިކަހަލަ ކަންތައްތައް، މިހާރު ކުރެވެންހުރި ކަންތައްތައް ރަނގަޅު ކުރަމުން ގެންދިޔުމުން، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ، އޭގެ އަސަރު، އެދެވޭ ގޮތެއްގައި ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށް، ކުޑަކުދިންނަށާއި ޒުވާނުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

ދެން މިވަގުތުގެ ގޮތުން އަޅުގަނޑުވެސް ވާހަކަ ދިގުކުރާކަށްނެތިން. އަޅުގަނޑުގެ އެންމެބޮޑު މަޤްޞަދަކީ މިރަށަށް ފުރަތަމަ އާދެވުން. އައިސް ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު ލިބުން. އެހެންވީމާ، އެ ފުރްޞަތު ލިބިފައި މިއޮތީ. އަދި އަޅުގަނޑު ކުޑައިރުކޮޅަކު މަޑުކޮށްލާނަން، ތިޔަބޭފުޅުން ދައްކަވަންހުރި ބައެއް ވާހަކަތައްވެސް އަހާލަން.

އެހެން ނަމަވެސް، ޖަލްސާ ދެން މާ ދިގުނުކޮށް ނިންމާލަން އަޅުގަނޑަށް ފެންނަނީ، މަޣުރިބު ނަމާދު ވަގުތުވުމާ އެކީގައި. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް ވަޑައިގެންދެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންނަށް ތިދެއްވި ހޫނު މަރްޙަބާއަށްޓަކައި، އެހުރިހާ ބޭފުޅުންނަށް ވަރަށް ފަށްފަށުން ޝުކުރު ދަންނަވަން.

اللّـه سبحـانـه وتعـالى މިރަށުގެ ހުރިހާ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވައި، ތިޔަބޭފުޅުންނަކީ އުފާވެރި ފާގަތި ދިރިއުޅުމެއް އުޅުއްވާ ބޭފުޅުން ކަމުގައި ލައްވާށި. ތިޔަބޭފުޅުންނަށް މާތްﷲ ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه