بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ގަމުގެ ލޮބުވެތި އަޚުންނާއި އުޚުތުން. މި ޖަލްސާއަށް އަޅުގަނޑާ އެކީގައި ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދިވެސް މިތަނަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑު އެންމެ ފުރަތަމަ ތިޔަބޭފުޅުންގެ ހިތާމައިގައި ބައިވެރިވަން. މިރަށުގެ ތިޔަބޭފުޅުންގެ ލޮބުވެތި ދަރިވަރަކު، ވަރަށް ކުއްލި ގޮތެއްގައި ނިޔާވި ޚަބަރު އަޅުގަނޑުމެންނަށްވެސް މިދަތުރު ފެށިތަނާ ލިބުނީ، ވަރަށް ކުއްލި ޝޮކެއްގެ ގޮތުގައި. އެހެންވީމާ، ތިޔަބޭފުޅުންގެ އެ ހިތާމައިގައި އަޅުގަނޑުވެސް ބައިވެރިވާ ވާހަކަ ދަންނަވަން.

އާދެ! އެއަށްފަހު، މިއަދު އަޅުގަނޑުމެންނާ ބައްދަލުކޮށްލައްވަން މިހާގިނަ ޢަދަދެއްގެ ގަމުގެ ރައްޔިތުން މިތަނަށް ވަޑައިގެންދެއްވި ކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރުވެރިވަން.

ހައްދުންމައްޗަށް އަޅުގަނޑު އަންނަ ކޮންމެފަހަރަކު، އަޅުގަނޑަށް އިޙްސާސް ކުރެވެނީ، ޙަޤީޤަތުގައި ދިވެހިރާއްޖޭގައި މީހުން އުޅެންވީ ތަނަކީ ހައްދުންމައްޗޭ. އަޅުގަނޑަކަށް ހިއެއްނުވޭ، ވަކި ހައްދުންމައްޗަށްވުރެ ރީތި ތަނެއް، މި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އޮތްހެނެއް. އެއް ބައްރަކަށް ގުޅުވާލެވެން އޮތް އަދި މިހާރުވެސް ގިނަ ރަށްތަކެއް ގުޅުވާލެވިފައިވާ ބިން ބޮޑު، ގަސް ރަނގަޅަށް ހެދޭ، ދިރުންހުރި. މިއަތޮޅަކީ އަޅުގަނޑު ދަންނަވާނީ، މުސްތަޤްބަލުގައިވެސް ރާއްޖޭގައި އޮތް ހަމަ އެންމެ އާބާދީ ރަނގަޅު، އެންމެ ދިރުންހުރި، އެންމެ ކުރިއަރާ އެއް ސަރަޙައްދު ކަމުގައި ވެގެންދާނޭ. އާދެ! މި ތަޞައްވުރު އަޅުގަނޑުމެންނަށް ޙާޞިލް ކުރެވޭނީ، ހަމަ އެހެން ތިބެގެނެއް ނޫން. އެކަމަށްޓަކައި ވިސްނުންތަކެއް ވިސްނައި، އެކަމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން.

ކޮންމެއަކަސް މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައިވެސް، މިއަތޮޅާ ދޭތެރޭގައި ތަފާތު ވިސްނުންތަކެއް ގެންގުޅެވިފައިވޭ. އޭގެތެރެއިން ގަމުގައި ޚާއްޞަކޮށް، ބޮޑު ދެތިން މަޝްރޫޢެއް ފެށުމުގެ މަޝްވަރާ ކުރެވި، އެކިއެކި މަޝްރޫޢު އެކިހިސާބަށް ގޮސްފައިވަނީ. އޭގެތެރެއިން އެއް މަޝްރޫޢަކީ، އިންޑިޔާގެ ކުންފުންޏަކާ ގުޅިގެން، ގަމުގައި، ގަމުގެ ހޮސްޕިޓަލާއި އަދި ޤަޠަރު ސްކޫލާ، މިހެންގޮސް މިތާނގައި ހުރި ބައެއް މުއައްސަސާތައް އެކުލަވައިލެވިގެން އަދި ޓޫރިޒަމްގެ ޕްރޮޖެކްޓެއްވެސް، އޭގެތެރޭގައި ހިމަނައި، އުފެދުނު ބޮޑު މަޝްރޫޢު. މި ބޮޑު މަޝްރޫޢުގެ އެގްރީމަންޓްތައް ވަނީ ތަފާތު މިނިސްޓްރީތަކާ ކުރެވިފައި. އޭގެތެރެއިން އެޑިޔުކޭޝަން މިނިސްޓްރީއާ ކުރެވިފައި އޮތް އެގްރީމަންޓެއް އެބައޮވޭ، މިތާނގައި ޔުނިވަރސިޓީ ހެދުމަށް. ހަމައެހެން، ހެލްތް މިނިސްޓްރީއާ ކުރެވިފައި އޮތް އެގްރީމަންޓެއްވެސް އެބައޮވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޔޫތު މިނިސްޓްރީއާ އެކީގައިވެސް އެގްރީމަންޓެއް ކުރެވިފައި އެބައޮތް. މިހެންގޮސް ތަފާތު މިނިސްޓްރީތަކާ އެކީގައި، ތަފާތު އެގްރީމަންޓްތައް ހެދިފައި އެބަހުރި. ނަމަވެސް، އެކަން ކުރެއްވުމުގައި މިހާރު އަހަރު ދުވަހަށްވުރެ ގިނަދުވަސްވެއްޖެ. ނަމަވެސް، މިތާނގައި އަދި އޭގެ އެއްވެސް އަސަރެއް ފެންނަމަކުން ނުދޭ. މިކަން މިހެންވާން މިޖެހެނީ، އަޅުގަނޑުމެން ބޮޑެތި މަޝްރޫޢުތައް ފަށާއިރުގައި، އެކަމާ ދޭތެރޭގައި ވިސްނަންވާވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން. ބަލަންޖެހޭ ކަންކަން، އެކަށީގެންވާ ވަރަށް ނުބަލާ ކުރުމުގެ ސަބަބުން. ބޮޑެތި މަޝްރޫޢުތައް، އެކަން ނުކުރެވޭވަރުގެ މީސްމީހުންނާ ޙަވާލުކުރީމަކާ، އެކަންކަން ކުރިއަކަށް ނުދާނެ. ނަމަވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ އުންމީދުތައް އޮންނާނީ ވަރަށް މައްޗަށް ގޮއްސަ. ރައްޔިތުންގެ އުންމީދުތައް މައްޗަށް ނެގި، އެކަންކަން ޙާޞިލް ނުކުރެވުނީމާ، ދެން ރައްޔިތުންގެ ހިތް މަރުވާނީ. މިދެންނެވި މަޝްރޫޢު ކުރިއަށްދިޔުމާ މެދުގައި އަޅުގަނޑުގެ ހިތުގައި ޝައްކުތަކެއް އެބަހުރި. އެހެންވީމާ، ކޮންމެހެން އަޅުގަނޑު ތިޔަބޭފުޅުންގެ އުންމީދުތައް މައްޗަށް ގެންދާކަށް، އަޅުގަނޑު މި މަޝްރޫޢާ ދޭތެރޭގައި މިވަގުތަކު މަސައްކަތެއް ނުކުރާނަން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، އަދިވެސް އެ މަޝްރޫޢު ކުރިއަށްދާނެ ގޮތެއް އޮތްތޯ، އެއްވެސް ގޮތެއް އޮތްތޯ އަޅުގަނޑުމެން ބަލާނަމޭ. ބަލާފައި އެއީ އަދިވެސް ތިޔަބޭފުޅުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ މަޝްރޫޢެއް ކަމަށްވާނަމަ، ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެންނަށް ވެވެންހުރި ހުރިހާ އެހީއެއް ވެދޭނަން. ނަމަވެސް، އަދި އަޅުގަނޑުމެން ވިސްނަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި. މިދެންނެވިކަހަލަ މުޅި ރާއްޖޭގެ މިހާ ކުރިއެރުންހުރި ރީތި ތަނަކަށް ބޭރުގެ ބަޔަކު ގެނެސް، އެގޮތަށް އެމަޝްރޫޢު ހިންގާނީތޯ، ނޫނީވިއްޔާ އެނޫން ގޮތަކަށް އެކަންތައްތައް، ނޫނީ އެއަށްވުރެވެސް އަދި ރަނގަޅު ކަންތައްތަކެއް އަޅުގަނޑުމެން ރާވައިގެން ހިންގޭތޯ ބަލާނީ.

އެހެންވީމާ، މިދެންނެވި މަޝްރޫޢު މިއީ ވަރަށްބޮޑު މަޝްރޫޢެއް. އެ މަޝްރޫޢު އަދި އަޅުގަނޑުމެން މުރާޖަޢާކޮށް، އެކަމާއިގެން ކުރިއަށްދާނެ ގޮތަކާ ދޭތެރޭގައި ވަރަށް އަވަހަށް އެބަޖެހޭ އަޅުގަނޑުމެން ގޮތްތަކެއް ނިންމަން. އެކަމުގައި މިރަށުގެ ރައްޔިތުންނާއި ރަށުގެ ވެރިން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް ހަމަ މާލޭގައި ތިބެފައި، ގޮތްތަކެއް ކިޔައި، ގޮތްތަކެއް ނިންމުމަކީ އެއީ އަދި އޭގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ވީމާ، މިއަހަރުގެ ކުރިއަށް އޮތް ބައިގައި ތަންކޮޅެއް ބޮޑަށް މިކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެކަން މިހާރު މިދެންނެވިހެން ވަރަށްގިނަ ވުޒާރާތައް އޭގެތެރޭގައި ހިމެނޭތީއާ އެކީގައި، ކޮންމެވެސް އެއްފަރާތަކުން އިސްނަގައިގެން އެކަން ކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު އެމަސައްކަތް ކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސް އަރިހުގައި ދަންނަވާނަން، މިކަމުގައި އިސްނަންގަވައިގެން، މިމަޝްރޫޢު އަލުން މުރާޖަޢާކޮށް ބެލުމަށް.

އާދެ! ދެންވެސް ބޮޑެތި އެހެން މަޝްރޫޢުތައް އެބަހުރި. އޭގެތެރެއިން އަނެއް މަޝްރޫޢަކީ އައްސޭރި ޕްރޮޖެކްޓް. މި ޕްރޮޖެކްޓަކީ މެދުފަންތީގެ ޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުޅުވާލާފައިވާ ޕްރޮޖެކްޓް. މި ޕްރޮޖެކްޓްގައިވެސް ބައެއް މައްސަލަތައް ހުރުމާ އެކީގައި، ލަސްވެގެން ގޮސް، އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެކަން އޮތީ ކުރިއަށްދާގޮތަށް. އެކަމަށް ބޭނުންވާ އިންވެސްޓަރުން ހޯދާގޮތަށް. އެބާވަތުގެ ޕްރޮޖެކްޓްތައް ޚިޔާރުކޮށްގެން މިގެނެވެނީ، މިތަނަކީ ރަނގަޅު ތަނަކަށްވާތީ. މިރަށަކީ ކުރިއެރުން އޮތް ރަށަކަށްވާތީ. ނަމަވެސް، އެހުރިހާ ކަމެއް ކުރިއަށް ގެންދިޔުމުގެ ކުރީގައި، އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ތިޔަބޭފުޅުން ވަރަށްގިނަ ދުވަސް ވަންދެން އުންމީދު ކުރައްވަމުން ގެންދަވާ ކަމެއް އެއީ މި ގަމުގެ މި ލިންކްރޯޑްގައި ތާރުއެޅުން. މިވާހަކަ ތިޔަބޭފުޅުން ދައްކަވާތާ ކިތަންމެ ޒަމާނެއް. އަދި އަޅުގަނޑުވެސް މިވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑު ފުރަތަމަ، ސަރުކާރުގެ ނައިބު ރައީސަކަށްވެގެން، ސަޢޫދީ ޢަރަބިއްޔާއަށް އަޅުގަނޑު ކުރި ރަސްމީ ދަތުރުގައި، އެ މަޝްރޫޢު، މިރަށުގެ ލިންކްރޯޑްގައި ތާރުއެޅުމުގެ މަޝްރޫޢު އަޅުގަނޑު ގެންދިޔައިން. ގެންގޮސް، އެ މަޝްރޫޢަށް އަޅުގަނޑު ހުށަހެޅިން ސަޢޫދީ ޢަރަބިއްޔާއަށްވެސް. ނަމަވެސް، ފައިސާއާ ހަމައަށްދިޔައިރުގައި، އެވަގުތު ސަރުކާރުން ނިންމެވީ، ސަޢޫދީ ޢަރަބިއްޔާއިން ލިބޭ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރެއްވުމަށް. އެހެންވީމާ، އެވަގުތު އެކަންނުވީ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިރަށަށްވެސް، މިއަތޮޅަށްވެސް ކުރިއެރުމެއް ލިބޭނެ އެންމެބޮޑު އެއްކަމަކީ، އެ މަގު ހެދުން. އެހެންވީމާ، މި ލިންކްރޯޑްގައި ތާރުއެޅުމުގެ މަޝްރޫޢަކީ އެއީ އަޅުގަނޑު ޚާއްޞަ ގޮތެއްގައި ބަލައި، ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޝްރޫޢެއް ކަމުގައި ތިޔަބޭފުޅުންނަށް ދަންނަވަން. އަދި އެކަމުގައި އަޅުގަނޑަށް މަގެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަޅުގަނޑު ޔަޤީންކުރަން، މިދެންނެވި މަޝްރޫޢު ހިނގައިފިނަމަ، މިފަހަރު، މިތަނުގައި ގޯތި ނަގާފައި ތިބި މީސްމީހުންވެސް މިތަނަށް އަންނަން ފަށާނެ. ވިޔަފާރިކުރަން ބޭނުންވާ މީސްމީހުން ފިހާރަވެސް އަޅަން ފަށާނެ އޭރުން. މިތާނގެ ދިރުން، އަޅުގަނޑު ދެކޭގޮތުގައި އޮތީ ވަރަށް ބޮޑަށް މަގާ ގުޅިފައި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމާ ހިންގަވާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަމުގައި މަގެއް ފެންނާނެ.

އާދެ! ގަމުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުންކޮޅެއް މިތަނަށް ވަޑައިގެން އެބަތިއްބެވި. އެކަމަކު ހަމަ އެއާއެކީގައި ހަމަ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންކޮޅެއް މިތާ މަގުމަތީގައިވެސް އެބަ ތިއްބެވި. މަގުމަތީގައި ތިއްބެވި ބޭފުޅުންނަކީވެސް ހަމަ ދިވެހި ރައްޔިތުން. އަޅުގަނޑު ދަންނަވާލަން އޮތީ، މި ސަރުކާރަކީ މިއީ ވަކި ބައެއްގެ ސަރުކާރެއް ނޫނޭ. ވަކި ޕާޓީއެއްގެ ސަރުކާރެއްވެސް ނޫން. އަޅުގަނޑުމެންގެ ސަރުކާރަކީ، ހުރިހާ ރައްޔިތުންގެ ސަރުކާރު. އަޅުގަނޑުމެން މަސައްކަތް ކުރާނީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި، އިންޞާފްވެރިކަމާ އެކީގައި ކަންތައް ކޮށްދެވޭތޯ. އެހެންވީމާ، އަޅުގަނޑުމެންގެ މަޝްރޫޢުތަކުގައި، އަޅުގަނޑުމެންގެ މަސައްކަތުގައި، ހުރިހާ ބައެއްވެސް، ހުރިހާ ދިވެހި ރައްޔިތުންނެއްވެސް ޝާމިލްކޮށް، ހުރިހާ އެންމެންނަށް، އޭގެ ފައިދާވާނެ ގޮތަކަށް އަޅުގަނޑުމެން އަބަދުވެސް ވިސްނަމުން ގެންދާނަން.

ތެދެއް، މިވަގުތު މި ސަރުކާރަށް މިއައި ބަދަލާ ގުޅިގެން، އެކަމުގެ ހިތްހަމަނުޖެހުން ހުރި ފަރާތްތަކެއް އެބައުޅޭ. އެހެން ނަމަވެސް، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، އެބޭފުޅުންނަށް ހެޔޮ ވިސްނިވަޑައިގަތުމުން، އެ ހިތްޕުޅުހަމަނުޖެހުން ފިލައިގެން ހިނގައިދާނެ. މި ބަދަލު މިއައީކީ، ވަކިބަޔަކު ކުރި މަސައްކަތަކުންނެއް ނޫން. ތެދެއް، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު، ކުރިން ކަންތައްތައް ހިނގަމުންދިޔަގޮތާ ދޭތެރޭގައި ހިތްހަމަނުޖެހި، އެކަމަށް ނަފްރަތު ފާޅުކޮށް، އެކަމުގައި ބަދަލަކަށް އެދި ދުޢާކުރަމުން ގެންދިޔަ. އެހެން ނަމަވެސް، މިއައި ބަދަލަކީ، އެއްވެސް ބަޔަކު ހީކުރިކަހަލަ ބަދަލެއް ނޫން. އެއްވެސް ބަޔަކަށް އެނގިގެން އައި ބަދަލެއްވެސް ނޫން. މިއީ މިކަމުގައި ހަމަ އަޅުގަނޑު ދަންނަވާނީ، ހަމަ ﷲ މިންވަރު ކުރެއްވިގޮތޭ. އަޅުގަނޑު މިއީ ތިޔަބޭފުޅުން އިންތިޚާބު ކުރައްވާފައި، ސަރުކާރު ހިންގުމުގެ ތެރޭގައި ބަހައްޓަވާފައި އޭރުގައި ހުރި މި ދައުލަތުގެ ނައިބު ރައީސް. އަޅުގަނޑަކަށްވެސް ކުޑަކޮށްވެސް ހީވެފައިވެސް ނެތް، މިގޮތަށް މިކަން ވެގެން ހިނގައިދާނެ ކަމަކަށް. ނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކޮށް، އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމާއި، އަޅުގަނޑުމެންގެ މުޖްތަމަޢު ހިނގާނުހިނގާގޮތް، އޭގެ މައްޗަށް ބިނާވެފައިވާ ދުސްތޫރު. އޭގައި އެވާގޮތުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ތިއްބާ، އޭގެތެރެއިން އެއްވެސް ސަބަބަކާހުރެ ރައީސަކަށް ހުންނަވާ ބޭފުޅަކު، އެ މަގާމުން ވަކިވެވަޑައިގެންފިއްޔާ، ޤާނޫނުއަސާސީ އެބަ ލާޒިމްކުރޭ، ނައިބު ރައީސަކަށް ހުންނަ މީހަކު، ރައީސްގެ މަގާމާ ޙަވާލުވާން. މިމޭރުމުން، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވާންޖެހުނީ. އަޅުގަނޑު ކޮށްގެންހުރި ހުވައާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑު އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ ހުވާކޮށް، އެ މަޤާމާ ޙަވާލުވީ.

ވީމާ، އަޅުގަނޑު ކުރި ހުވައާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދަމަހައްޓައި، އިސްލާމްދީން ޙިމާޔަތްތެރިކޮށް، ދިވެހި ރައްޔިތުންނަށް ލާބަހުރި ގޮތްގޮތަށް އަޅުގަނޑު މަސައްކަތް ކުރަމުންދާނީ. އަދި ޢަދުލުވެރިކަމާއި އިންޞާފާ އެކީގައި، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމުގައި ދެކިގެން، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ. މި ވާޖިބު އަދާކުރުމުގެ ތެރޭގައި، އަޅުގަނޑަކަށް އަޅުގަނޑުގެ ޟަމީރު ތަނެއްނުދޭ، އަޅުގަނޑުގެ ވާޖިބުން ފަސްޖެހޭކަށް. އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ، ދިވެހި ޤައުމުގެ ތެރޭގައި ހުރި ހަމަނުޖެހުންތައް ރަނގަޅުކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަފާތު ސިޔާސީ ހަމަނުޖެހުންތައް ހަމަޖައްސައި، ޞުލްޙަވެރި އެއްބައިވެރި މުޖްތަމަޢެއް އުފެއްދުން. މިކަމަށްޓަކައި އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަދި އެގޮތުން، ވާހަކަ ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކާވެސް އަޅުގަނޑު ވާހަކަ ދައްކާނަން.

އާދެ! އެންމެ ފުރަތަމަވެސް އަޅުގަނޑު މި މަގާމާ ޙަވާލުވުމަށްފަހުގައި އަޅުގަނޑު ބުނިން، އަޅުގަނޑު އުފައްދާ ސަރުކާރެއްގައި، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލަވައިލަން ބޭނުމޭ. އެގޮތުން، މި ސަރުކާރުގައި ހުރިހާ ސިޔާސީ ޕާޓީތަކެއް، ޢަމަލީގޮތުން މަސައްކަތްކުރާ ހުރިހާ ޕާޓީތަކެއްވަނީ ބައިވެރިވެފައި. އަދި އެމް.ޑީ.ޕީ.އަށްވެސް އަޅުގަނޑު އެ ދަޢުވަތު އެރުވިން. އަދިވެސް އެ ދަޢުވަތު އޮތީ ހަމަ ހުޅުވިފައި. އަޅުގަނޑުމެން މިދަނީ އެމް.ޑީ.ޕީ.ގެ ބައެއް ބޭފުޅުންނާވެސް ވާހަކަ ދައްކަމުން. އެއްވެސް ދޮރެއް އަޅުގަނޑުމެން ބަންދެއް ނުކުރަން. އެހެންވީމާ، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، ﷲ އިރާދަކުރެއްވިއްޔާ، ރަނގަޅަށް ހަމަޖެހިގެން، އެކުވެރިކަމާއި، ޞުލްޙަވެރިކަމާ އެކީގައި، މި ޤައުމު ކުރިއަށް ގެންދެވޭނެ ކަމަށް.

މިއަދު ރާއްޖޭގައި ސިޔާސީ ކަންކަމުގެ އިތުރުން، އިޤްތިޞާދީ ދަތިތަކާވެސް ވަނީ ކުރިމަތިލާން ޖެހިފައި. ސިޔާސީ ކަންތައްތަކާއި، އިޤްތިޞާދީ ކަންތައްތަކާ ވަރަށްބޮޑު ގުޅުމެއް އެބަހުރޭ. މިސާލަކަށް ދަންނަވަންޏާ، މިހާރު އުފެދިގެން މިއުޅޭ ސިޔާސީ ކަންތައްގަނޑުގެ ތެރެއިން، ބަޔަކު އެބަ މަސައްކަތްކުރޭ، ރާއްޖޭގެ އިޤްތިޞާދުވެސް ހީނަރުކޮށްލުމަށްޓަކައި. އެގޮތުން، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބަޔަކު އެބަ ބުނޭ، ރާއްޖޭގައި ހަމަނުޖެހުން އޮތުމުގެ ސަބަބުން، އެއްވެސް ޓުއަރިސްޓަކު ރާއްޖެއަށް ނާންނާށޭ. މިއީ ސަރުކާރަށް ލިބޭ ގެއްލުމެއް ނޫން. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދާނެ ބޮޑު ގެއްލުމެއް. އެކަމުގެ އަސަރު ކޮންމެވެސްވަރަކަށް ކޮށްފި. އެހެންވީމާ، އެއީކީ ޤައުމަށް ފައިދާހުރި ގޮތެއްގައި، ބަޔަކުކުރާ މަސައްކަތެއް ނޫން. ހަމައެކަނި ވަކިމީހެއްގެ، ނޫނީ މަދުބައެއްގެ ލާބައަށްޓަކައި، ބޭނުމަށްޓަކައި ކުރަމުން ގެންދާ ކަންކަން.

އަޅުގަނޑުމެންގެ މިއަދުގެ ޤައުމަކީ މިއީ ޑިމޮކްރެޓިކް ޤައުމެއް. އަޅުގަނޑުމެންގެ ޑިމޮކްރަސީގައި އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވާ މީހުންގެ އަޑުވެސް އަޅުގަނޑުމެން އަހާނަން. އަދި އެކަމަކާ އަޅުގަނޑުމެން ކަންބޮޑުވެގެން، އެކަމެއް ހުއްޓުވާކަށްވެސް އަޅުގަނޑުމެން ކޮންމެހެން އުޅޭކަށްނެތީމު. ނަމަވެސް، އަމަންޢާންމަށް ގެއްލުންވާގޮތަށް، ބަޔަކު ކަމެއް ކުރާކަމަށްވާނަމަ، އެކަން ހުއްޓުވުމަކީ އެއީ ދައުލަތުގެ ވާޖިބެއް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަހަތަކަށްނުޖެހޭނަން. އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކީގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ރަށްރަށުގެ އަމަންއަމާންކަން ދަމަހައްޓައި، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް، ތަރައްޤީގެ ގޮތުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ވީމާ، އަޅުގަނޑު ވާހަކަކޮޅު ފަށަމުންވެސް ދެންނެވިފަދައިން، ގަމުގައިވެސް ކުރަންހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރުމުގައި، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އަދި ހަމަ ދާދި އަވަހަށް، އަޅުގަނޑު ދެންނެވި ބޮޑު ޕްރޮޖެކްޓްގެ ޙާލަތު އޮތްނެތްގޮތްވެސް އަޅުގަނޑުމެން ސާފުކޮށް، އެކަންވެސް ކޮންމެވެސް އެއްގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ނޫނީ ހުއްޓާލަން، ނޫނީ ބަދަލުކުރުން، ކޮންމެވެސް އެއްގޮތަކަށް އަޅުގަނޑުމެން އެކަން ނިންމައިގެން، އެކަމާއިގެން އުޅެން ފަށާނަން. އަދި ހަމައެހެން، އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރިން، މިރަށުގެ ލިންކްރޯޑް ހެދޭނެގޮތެއްވެސް އަޅުގަނޑުމެން، އޭގެވެސް އަޅުގަނޑުމެން މަގެއް ހޯދާނަން.

އާދެ! އަޅުގަނޑު އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން، މިވަގުތުކޮޅުގެ ތެރޭގައި ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވީތީ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ޔަޤީންކުރެވޭ، އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާލަހެއްނުވެ އަޅުގަނޑުމެންނަށް މިރަށަށް އާދެވޭނެ ކަމަށް. އެއީ ކުރިން ދެންނެވިހެން، މިރަށަކީ މިއީ ވަރަށް މުހިންމު ރަށެއް. މިއަތޮޅަކީ މިއީ ވަރަށް މުހިންމު އަތޮޅެއް. އަޅުގަނޑުމެން ގިނަގިނައިން އަންނަންޖެހޭ ތަނެއް މިއީ. ގިނަގިނައިން މަސައްކަތް ކުރަންޖެހޭ ތަނެއް މިއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އަނެއްކާވެސް އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ ބައްދަލުކުރުމުގެ ނަޞީބު ލިބޭނެ ކަމަށް ހީކުރަން.

އަޅުގަނޑާ އެކީގައި މިއަދު އަޅުގަނޑުގެ ވަފްދުގައި ވަޑައިގެން ތިއްބެވި މިއަތޮޅުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އިތުރުން، އަޅުގަނޑުމެންގެ މިނިސްޓަރުންގެ ހަތަރު ބޭފުޅުން އެބަތިއްބެވި. އޭގެތެރޭގައި، ތަޢުލީމާބެހޭ ވަޒީރު އެބަ އިންނެވި. އަދި ހަމައެހެން، އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ވަޒީރު އެބަ އިންނެވި. ދެން އޭގެއިތުރުން، ޒުވާނުންނާއި ކުޅިވަރު ކަންތައްތަކާބެހޭ ވަޒީރުވެސް އެބަ އިންނެވި. ހަމަ އެހެން، ޢިމްރާނީ ކަންތައްތަކާ ބެހިވަޑައިގަންނަވާ، ޢިމާރާތް ކުރުމާ، މިކަންކަމާބެހޭ ވަޒީރުވެސް އެބަ އިންނެވި. މި ހަތަރު ބޭފުޅުން އަޅުގަނޑުމެންނާ އެކީގައި މިތާ އެބަ ތިއްބެވި. އެހެންވީމާ، ހުރިހާ ބޭފުޅުންނަށް އަދި އެއްޗެއް ދެންނެވުމުގެ ފުރްޞަތު ނުލިބުނު ކަމުގައިވީ ނަމަވެސް، މިނިސްޓަރ އޮފް ހެލްތް އަޅުގަނޑުމެންނާ މުޚާޠަބުކޮށް މިއަދު ވާހަކަފުޅު ދައްކަވާނެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ޞިއްޙީ ޚިދްމަތް ތިޔަބޭފުޅުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރޭގައި، ހިލޭ ފަރުވާ ލިބޭނެގޮތެއް ވަނީ އިންތިޒާމް ކުރެވިފައި، އާސަންދަ ޕްރޮގްރާމްގެ ދަށުން. ނަމަވެސް، އެ ޕްރޮގްރާމް އަދި ރަނގަޅަކަށް ހިނގައެއްނުގަނޭ. އޭގެ ފައިދާ ހުރިހާ އެންމެންނަކަށް ހަމަހަމަ ގޮތެއްގައި ލިބެމަކުންނުދޭ. އަދި މިވަގުތު އެ ޕްރޮގްރާމް އޮތީ ވަރަށްބޮޑު ޚަރަދުތަކެއް ކުރެވި، އެއާ އެކަށީގެންވާ ފައިދާއެއް ނުލިބޭކަހަލަ ގޮތަކަށް ރޭވިފައި. އެހެންވީމާ، އެކަންވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ހެލްތް މިނިސްޓަރ އިސްވެ ހުންނަވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ.

މިތާނގައި ހުރި ހޮސްޕިޓަލް، އަޅުގަނޑުވެސް ކުރީ ދަތުރު އައިސް ބަލައިލިން. އަދި އެ ހޮސްޕިޓަލާ ގުޅިގެން، ރެޑްކްރޮސްއިން ޢިމާރާތްކޮށްފައި ހުރި ހޮސްޕިޓަލްގެ އެކްސްޓެންޝަން ބައިވެސް އަޅުގަނޑު ބަލައިލިން. މިހާރު މިތާ މިހިރީ ފުދޭވަރެއްގެ ބޮޑު ޢިމާރާތެއް. މި ޢިމާރާތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަމަ ވަރަށް ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހިންގެންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން ބަލާނަން، އެ ހޮސްޕިޓަލް ރަނގަޅު ފެންވަރެއްގައި، ރާއްޖޭގައި ހުރި ހަމަ އެންމެ ރަނގަޅު ހޮސްޕިޓަލެއް، ދެ ހޮސްޕިޓަލެއްގެ ފެންވަރުގައި، އެ ހޮސްޕިޓަލްވެސް ހިންގޭނެ ގޮތެއް ހޯދޭތޯ.

އާދެ! އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ވަޑައިގެންނެވީތީ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ހެޔޮއެދެން. އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުމަށް. ތިޔަ ހުރިހާ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތެއް މިންވަރުކޮށްދެއްވުން. އަދި މިއަތޮޅާއި މިރަށަކީ ފާގަތި، އުފާވެރި ތަނެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه