بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މުންޑޫގެ ވެރިންނާއި އަދި ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް އައިސް ފޭބުމުން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ތިވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިރަށަށް ފޭބުމުން، މިރަށުގެ ރީތިކަމާއި، މިރަށުގެ ހިތްފަސޭހަކަން އަޅުގަނޑަށްވެސް އިޙްސާސް ކުރެވިއްޖެ. އަދި އަޅުގަނޑުވެސް އެހެންވީމާ، މިރަށުގައި ހަމަ ހުންނަހިތްވަނީ. އެހެން ނަމަވެސް، ކަންދިމާވެފައި ހުރިގޮތުން މިދަތުރުގައި އެހާ ގިނައިރު އުޅެވޭކަށް ނެތް. އަޅުގަނޑު އެބަޖެހޭ، ދެންއޮތް އެހެން ރަށަކަށްވެސް ދާން. އެހެންވީމާ، މަޢާފް ކުރައްވާތި، މާގިނައިރު އަޅުގަނޑަކަށް ހުރެވޭކަށް ނެތް. ނަމަވެސް، މި ކުޑަވަގުތުކޮޅުގެ ތެރޭގައި، އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް މެހްމާންދާރީ އަދާކުރައްވާ، ވަރަށް ހިތްހެޔޮ، ވަރަށް އޯގާތެރި ރައްޔިތެއް ތިބި ރަށެއްކަން.

އާދެ! ދެންމެ ޢަލީ އާދަމް އެ ވިދާޅުވިހެން، މިރަށަކީ ސުނާމީގެ ސަބަބުން ވަރަށްބޮޑު ގެއްލުން ލިބުނު ރަށެއް. އަޅުގަނޑަށް ޔަޤީން ކުރެވޭ، އަދިވެސް އޭގެ އަސަރު މިރަށުގައި ދެމިހުންނާނެކަން. އެހެންވީމާ، އޭގެ ސަބަބުން ލިބިފައިވާ ޢިމްރާނީ ގެއްލުންތަކުގެ އިތުރުން، ރަށުގެ ރައްޔިތުންނަށް، ޚާއްޞަކޮށް، ބޮޑުވަމުން އަންނަ ކުދިންނަށްވެސް، އޭގެ ސަބަބުން ކޮށްފައިވާ އަސަރު އަދިވެސް ދެމިހުންނާނެކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެން ނަމަވެސް، މިވީ ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑަށް މިފެންނަނީ، ރަށުގެ ރައްޔިތުން ވަރަށްބޮޑު ހިތްވަރެއްލައިގެން، ރަށް އާބާދުކޮށް، ރަށުގެ ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދަވާތަން. މިއަދު އަޅުގަނޑުމެން ދެމަފިރިން މި ސްކޫލަށް ވަދެފައި، އިލްހާމް އަޅުގަނޑު ކައިރީގައި މިބުނަނީ، މިއީ ވަރަށް ފަރުވާތެރިކަމާ އެކީގައި ބަލަހައްޓާ ސްކޫލެކޭ. ސްކޫލެއް ފެނުނީމާ އަޅުގަނޑުމެންނަށް އެނގޭނެ. އަޅުގަނޑުމެންނަކީ ވަރަށްގިނަ ޒަމާން ވަންދެން އެޑިޔުކޭޝަން ދާއިރާގައި އުޅެފައި ތިބި މީހުން. އެހެންވީމާ، ސްކޫލްގެ ޢިމާރާތަށް ވަނީމާ އަޅުގަނޑުމެންނަށް އެނގޭނެ، ސްކޫލްގެ ކަންތައްތައް ހުންނަ ނުހުންނަގޮތް. އެހެންވީމާ، ސްކޫލްގެ ވެރިންނަށް އަދި ޓީޗަރުންނަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އާދެ! ރަށުގެ ދިރުމާއި ރަށުގެ ރައްޔިތުންގެ އުންމީދު ބިނާވެފައިވަނީ، ރަށުގެ ކުޑަކުދިންގެ މައްޗަށް. ކުޑަކުދިންނަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ މައްޗަށް. އެހެންވީމާ، އެގޮތުން ސްކޫލް ރަނގަޅުވެ، ސްކޫލްގައި ތުއްތު ކުދިންނަށް ރަނގަޅު ތަޢުލީމެއް ދެވިގެން، ރަނގަޅު ތަރުބިއްޔަތެއް ދެވިގެން، މަސައްކަތް ކުރެވޭ ކަމަށްވާނަމަ، ރަށުގެ މުސްތަޤްބަލް ރަނގަޅުވެގެންދާނެ. އެހެންވީމާ، ތިކޮށްދެއްވާ ޚިދްމަތަކީ ވަރަށް މުހިންމު، ވަރަށްބޮޑު ޚިދްމަތެއް.

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ޢާއިލާތަކުގެ ތެރެއިން ބައެއް ޢާއިލާތައް އަދިވެސް ވަގުތީ ހިޔާގައިވެސް އެބަތިބި. އަދި ބައެއް ޢާއިލާތައް، މާބޮޑު އެހީއެއްވެސްނެތި، އެ ލިބުނު ގެއްލުމަކާއިގެން ދިރިއުޅެމުން އެބަގެންދޭ. އަޅުގަނޑު ކުޑަކޮށް ޙައިރާންވެފައި މިހުންނަނީ، މިރަށުގައި އަލަށް ޢިމާރާތް ކުރެވުނީ އެންމެ 9 ގެއޭ ވިދާޅުވީމާ. އަޅުގަނޑަށް ޔަޤީން، އެއަށްވުރެން މިރަށުގެ ބޭނުންތެރިކަން ބޮޑުވާނެކަން. އަދި އެކި ގޭގެއަށް މިކަމުގެ، ސުނާމީގެ އަސަރުކުރި އެކި ޢާއިލާތަކަށް ދައުލަތުގެ ފަރާތުން ދެއްވަން ކަނޑައަޅުއްވާފައި އޮތް އެހީވެސް ފުރިހަމައަށް ލިބިގެންނުދާކަން އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. އެ އެހީވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ލިބިފައިވަނީ މަދު ބަޔަކަށް. ގިނަ މީހުންނަށް، އެ އެހީއެއް ނުލިބޭ. ނަމަވެސް، ކަން ކުރަން ތިބި ބަޔަކު، އެކަން ރަނގަޅަށް ނުކުރުމުގެ ސަބަބުން، އެ އެހީތެރިކަން ވަނީ މިހާރު ގެއްލިގެން ގޮސްފައި. އަޅުގަނޑުމެން ދެން ޖެހޭނީ، މިހާ ހިސާބުން އަނެއްކާވެސް ކުރިއަށް، މުސްތަޤްބަލަށް ވިސްނައިގެން، ކަންކަން ރާވައިގެން ކުރިއަށްދާން. އެހެންވީމާ، މިރަށުގެ ރައްޔިތުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދުމަށްޓަކައި، ރަށުގެ ރަށު ކައުންސިލްގެ މެންބަރުންނާއެކީ މަޝްވަރާތަކެއް ކުރެވި، ރަށަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރަށު ކައުންސިލްގެ ފަރާތުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަން، މިރަށުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި، ދެން ކުރަންޖެހޭ ކަންތައްތައް ފާހަގަކުރައްވަން. އެގޮތުން އެންމެ އިސްކަންދެވޭ ކަންތައްތަކެއް ފާހަގަކުރެވި، ދައުލަތުގެ ބަޖެޓް ކިތަންމެ ދަތި ކަމުގައިވިނަމަވެސް، ކޮންމެވެސް ގޮތަކުން އެކަންކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އަޅުގަނޑު އުންމީދު ކުރަން، އެހެންވީމާ، އެ މަޝްވަރާތައް ތިޔަބޭފުޅުން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް.

ކޮންމެއަކަސް އަޅުގަނޑު ވަރަށް އުފާކުރަން، މިރަށުގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ހެދިފައި އޮތީމަ. އެވެސް އެހެނިހެން ރަށްރަށުންވެސް ހަމަ ބޭނުންވާ ޚިދްމަތެއް. މިރަށުގައި އެކަން ﷲ އިރާދަކުރެއްވީތީ އެއޮތީ ކުރެވިފައި. ނަމަވެސް، އެވަރަކުން އަދި ނުފުދޭނެ. އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުއްޓޭ ބައިވަރު. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން ތަރުތީބަކުން އިސްފަސްކޮށްގެން، ކަންތައް ކުރެވޭތޯ ބަލަމާ ހިންގަވާށޭ.

ދެން އާދެ! އަޅުގަނޑަށް މިރަށަށް ދުވަސްގަނޑެއް ކޮށްލާފައި މި އާދެވުނީ. އެހެންވީމާ، އަދި މިފަހަރުވެސް އައިއްސަ މާގިނަ ވަގުތެއް ހޭދައެއް ނުކުރެވޭ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، މާ ލަހެއްނުވެ އަނެއްކާވެސް މިރަށަށް އާދެވޭނެ ކަމަށް. އަދި މިދޭތެރޭގައި އަޅުގަނޑުމެންނަށް ކޮންމެވެސްކަހަލަ އެހީތެރިކަމެއް މިރަށަށް ފޯރުކޮށްދެވޭނެ ކަމަށް. ތެދެއް، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ޓީޗަރެއްގެ ކަންތައް މިހާރު އިރާދަކުރެއްވިއްޔާ ހަމަޖެހޭނެ. އެކަން އެބަ ކުރިއަށްދޭ މިހާރު. ދެންވެސް އެގޮތުން މިހާރުން މިހާރަށްވެސް ކުރެވެންހުރި ކަމެއް ހުރިނަމަ، އަޅުގަނޑުމެން މިތިބީ އެކަންތައްތައް ކޮށްދޭން.

އާދެ! މިއީ ނުތަނަވަސް ވަގުތެއް. ވަރަށް ހޫނުގަދަ ވަގުތެއްގައި، ތިޔަ ހުރިހާ ރައްޔިތުން އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވުމަށް މިތަނަށް ވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތު މިންވަރު ކުރެއްވުން. އަދި މިރަށަކީ ތިޔާގި، އުފާވެރި، ޞުލްޙަވެރި ރަށަކަށްވުން. ހުރިހާ ބޭފުޅުންނަށްވެސް اللّـه سبحـانـه وتعـالى ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه