ހުޅުމާލެ ބިން ހިއްކައި ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރައްވައިފިއެވެ. މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވައިރަންމަންޓުން ހުށަހެޅުއްވި ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ނިންމެވީ، މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޝްވަރާތަކާއި، ފަންނީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށްޓެވުމަށެވެ.

ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށް، މާލެ ތޮއްޖެހުން ކުޑަކުރުމުގެ މަޤްޞަދުގައި 16 އޮކްޓޯބަރ 1997 ގައި ސަރުކާރުން ފެށްޓެވި މަޝްރޫޢެކެވެ.

މީގެއިތުރުންވެސް، 'ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)އާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ސައިޓީސްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވިއެވެ. މި ކަމާ ބެހޭގޮތުން ކުރެއްވި މަޝްވަރާގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު، ދިރޭތަކެތީގެ ނަސްލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާތީ، ދިވެހިރާއްޖެއިން މިމުޢާހަދާގައި ބައިވެރިވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.