ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭ މަޢްލޫމާތު ސަރުކާރުގެ އިސްބޭފުޅުންނަށާއި، ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޓަރނޭޝަލަން މަނިޓަރީ ފަންޑް (އައި.އެމް.އެފް.) އިން މިއަދު ދެއްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މަޢުލޫމާތު ދިނުމުގެ މިބައްދަލުވުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ގޮތާއި، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާބެހޭ މަޢުލޫމާތު، މިބައްދަލުވުމުގައި، އައި.އެމް.އެމް.އެފް. އިން ދެއްވިއެވެ. މިގޮތުން، މާލީ ޙާލަތު ރަނގަޅު ކުރެވިދާނެކަމަށް އައި.އެމް.އެފް.އިން ހުށަހެޅުއްވި ފިޔަވަޅުތަކަކީ ވަރަށް އުނދަގޫ ފިޔަވަޅުތަކެއްކަމަށްވިޔަސް، މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އައި.އެމް.އެފް. އިން ލަފާދެއްވިއެވެ. އަދި އިޤްތިޞާދީ ފުން ވަޅުގަނޑުން ސަލާމަތްވުމަށްޓަކައި ހުރިހާ ފަރާތްތަކަކުން އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތް ކުރުމަށްވެސް އައި.އެމް.އެފް.އިން ލަފާދެއްވިއެވެ.