ފިލިޕީންސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބަރނާރިމް ގުއިނޮމްލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ފިލިޕީންސްގެ ސަފީރާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ފިލިޕީންސާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ޢިމާރާތް ކުރުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.