ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިތަދޫ، މާވަށް އަދި ކުނަހަންދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ހިތަދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ރަށެއްގެވެސް ތަރައްޤީ ބިނާވެފައި އޮންނަނީ، އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ މައްޗަށް ކަމަށާއި، އެއީ ކުޑަކުދިންގެ ތަޢުލީމާއި، ޒުވާނުންގެ ހުނަރުވެރިކަމާއި، ރައްޔިތުންގެ ވަޒީފާ ލިބުމާ ގުޅިފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ދެކެވަޑައިގަންނަވަނީ، ދިވެހި ހުރިހާ ރައްޔިތުންނަކީވެސް ތިމާގެ ބައެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުރިހާ ބޭފުޅުންނާ އެކީގައި، ވަރަށް އެކުވެރިކަމާ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެންމެފަހުން ވަޑައިގަތީ އެއަތޮޅު ކުނަހަންދުއަށެވެ. އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި ތަފާތު ޚިޔާލުތަކުގެ މީހުން ތިބުމަކީ، މައްސަލައެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެކުވެރިކަމާއި، އެއްބާރުލުމާ އެކީގައި، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތިންރަށުގައި ދެއްކެވި ވާހަކަފުޅުގައި، އެރަށްރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން އެރަށްރަށުގެ ބަނދަރު ތަރައްޤީ ކުރެއްވުމާއި، ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމާއި، ޞިއްޙީ ދާއިރާގެ ތަރައްޤީއާއި، ރަނގަޅު ފެންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރެއްވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، އެމަނިކުފާނު އެއިން ކޮންމެ ރަށަކަށްވެސް ވަޑައިގަތުމުން އެރަށްރަށުގެ ރައްޔިތުން ބެހެއްޓެވި އޯގާތެރިކަމާއި، ރަޙްމަތްތެރިކަމާއި، ދެއްވި ފުރިހަމަ މެހްމާންދާރީއަށްޓަކައި އެރަށްރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.