ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު މާމެންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޞްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއެކު، އެކުވެރިކަމާ އެކީގައި މަސައްކަތް ކުރެއްވޭތޯ ކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ހަމަނުޖެހުން އުފައްދައި، ތަނުގެ މަޞްލަޙަތު ނަގާލަން އުޅޭ ބަޔަކަށް ދިވެހިރާއްޖެއަކު ތަނެއް ނެތް ކަމަށާއި، މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ، ޞުލްޙަވެރިކަމާއި، އެކުވެރިކަމާއި އެއްބާރުލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނޭ. އަޅުގަނޑު ވަރަށް ސާބިތުކަމާ އެކީގައި، ތިޔަބޭފުޅުންނާ އެކީގައި މިހިރީ ކުރިއަށްދާން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާމެންދޫގެ ތަރައްޤީގެ ކަންކަމާ ބެހޭގޮތުންވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސަރުކާރުގެ މަޤްޞަދަކީ މާމެންދުއަށްވެސް ކުރިއެރުމާއި ތަރައްޤީ ގެނައުން ކަމަށާއި، އެކަމަށްޓަކައި ކުރެއްވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާރު މާމެންދޫގައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ތަޢުލީމީ ކަންކަމަށް ސަމާލުކަން ދެއްވުން ކަމަށާއި، ސްކޫލް ނިންމާ ކުދިންނަށް އެކިއެކި ހުނަރުތައް ދަސްކޮށްދެއްވަންޖެހޭކަން ބަޔާންކުރެއްވިއެވެ. އަދި މާމެންދޫ ޒުވާނުން ކުޅިވަރު ކުޅޭ ތަންތަން ރަނގަޅަށް ހައްދަވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.