ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް މަސައްކަތްޕުޅުކުރައްވާނީ ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގައި ޞުލްޙަ ޤާއިމްކުރެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިވަގުތަކީ މިއީ ރާއްޖޭގެ އިޤްތިޞާދީ، ސިޔާސީ ކަންކަން ހަމަޖެއްސުމަށްޓަކައި ޤައުމުގެ ޒަޢާމަތުގައި ހުންނަ މީހަކަށް ވަރަށް އުނދަގޫ ދުވަސްވަރެއް ކަމުގައި ފާހަގަކުރައްވަމުން، އެހެން ނަމަވެސް، އެކަންކަން ރަނގަޅު ކުރެވޭނީ، ޤައުމަށް އިޚްލާޞްތެރިވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ނުވާނަން، މި ޤައުމުގެ އެސެޓްތައް އެކިމީސްމީހުންނަށް ބަހާލާނެ މީހަކަށް. އަޅުގަނޑު ނުވާނަން، މި ޤައުމުގައި ހަމަނުޖެހުމާއި، ސިޔާސީ ހަނގުރާމައެއް އުފައްދާ މީހަކަށް"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހު ސަރުކާރުން މަސައްކަތް ކުރައްވާނީ ކަންކަމަށް އެންމެ ޤާބިލު، ކަމަށް އެކަށޭނެ ބޭފުޅުން ނަންގަވައިގެން ޤައުމުގެ ކަންކަން ކުރިއަށް ގެންދެވުމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ރައުސްމާލަށް މިހާރު ވަރަށްބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެގޮތުން، ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެންގޮތްގޮތް ޤަބޫލުކުރާ ކޮންމެ މީހަކީ އެއީ ތިމާގެ ދުޝްމަނެއް ކަމުގައި ދެކޭކަހަލަ ފިކުރުތަކެއް، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަށަގަނެގެން ފެތުރެމުން އެބަދާ ކަމަށާއި، އޭގެ ސަބަބުން އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހަމަނުޖެހުން އުފެދެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ އިގްތިޞާދު ބަރޯސާވާ އެންމެބޮޑު އެއް ޞިނާޢަތް ކަމުގައިވާ ފަތުރުވެރިކަމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ޕްރޮޑަކްޓަކީ ވަކިގޮތަކަށް ބައްޓަންކުރެވި، ވަކިގޮތަކަށް ސިފަކުރެވި، ވިއްކެމުންދާ އެއްޗެއް ކަމަށާއި، މިކަން މިހެން އޮއްވާ، ކުއްލިއަކަށް ރާއްޖޭގެ އެތައް ސަތޭކަ ފަޅުރަށެއް، ބޭނުން މީހަކަށް، ބޭނުން ކަމެއް ކުރަން ދޫކޮށްލެވިގެން ދިޔައިމާ، ރާއްޖޭގެ ފަތުރުވެރިކަމަށް މިއަދުވަނީ އެތައް ގޮންޖެހުންތަކަކާއި ނުރައްކާތެރިކަމަކާ ކުރިމަތިލާން ޖެހިފައި ކަމުގައި ވިދާޅުވިއެވެ.